މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަށް ގުޅިގެން 23 ޑިސެމްބަރުގައި ބޭއްވި މުޒާހަރާއަކީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ 23 ޑިސެމްބަރުގެ މުޒާހަރާ ރާވައި އިންތިޒާމް ކުރުމުގެ ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ޕީޕީއެމް އިން ވެސް އެ މުޒާހަރާ ރޭވުމުގައި އިސްދައުރެއް އަދާކުރި ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ 23 ޑިސެމްބަރުގައި ބޭއްވުނު މުޒާހަރާއަކީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ އޭ. އަދި އެ މުޒާހަރާ އޮގަނައިޒް ކުރުމުގައި ޕީޕީއެމްއިން ވެސް ވަނީ ވަރަށް ބޮޑަށް ބައިވެރިވެފައި. އަދި މަދަނީ އިއްތިހާދުގެ ބޭފުޅުން ވެސް އެ ކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ކިޔާ ތަހުނިޔާ ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.
ރާޅުގަނޑު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ކުރި މުޒާހަރާއިން ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހުރިހާ ކަމެއްވެސް އިސްލާމީ އުސޫލުތަކުގެ މަތިން ކުރިއަށް ގެންދިޔުމަށްކަން ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ ކަމައްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވި ގޮތް، މާތްވެގެންވާ އިސްލާމްދީނާ ގުޅޭ ގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމީ އަގީދާ ހަރުދަނާކޮށް ވަރުގަދަކޮށް އިސްލާމްދީނާ ދެކޮޅަށް އެއްވެސް ކަމެއް ނުހިގާ ގޮތަށް ރާއްޖޭގެ ކަންކަން ހަމަޖެހިފައި އޮތުންކަން،" މައުމޫން ވިދާޅުވި އެވެ.
މުޒާހަރާޔާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރައީސް އަދި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްގެ ވިޔަފާރިތައް ހުއްޓުވި މައްސަލައިގައި ވިދާޅުވީ އެއީ "ޒާތީ ގޮތުން" އެމަނިކުފާނާ މެދު ހިންގާ އަމަލުތަކެއް ކަމަށާއި އެއީ "ވަރަށް ދެރަ" ކަމެއް ކަމަށެވެ.
"ސަރުކާރުން ކޮންމެ ކަމެއްވެސް ކުރައްވަން ޖެހޭނީ ހަމަޖެހޭ އުސޫލެއްގެ ތެރެއިން. ރާއްޖޭގައި ހަމަޖެހިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއާ ހިލާފަށް އެއްވެސް މީހަކާ ދޭތެރޭގައިވެސް ނުވަތަ އެއްވެސް ވިޔަފާރިއަކާއި ދޭތެރޭގައި ފިޔަވަޅެއް އަޅުއްވައިގެނެއް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރާ މައްސަލައިގައި މައުމޫން ވިދާޅުވީ ޓޫރިސްޓުންނަށް ލިބެންޖެހޭ ހިދުމަތެއް އުނިވެގެން ދިޔުމަކީ ޓޫރިޒަމަށް އަސަރުކުރާނެ ކަމެއްކަމަށާއި ސުޕާތަކުގައި ވަރަށް ރަނގަޅު ކަންތައްތަކެއް ވެސް ހިނގައިފާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އިސްލާމްދީނާ ހިލާފު އަމަލުތައް ހިނގުން އެއީކީ ދިވެހި ރައްޔިތުން އެނދޭނެ ކަމެއް ނޫނޭ. އެހެންނަމަވެސް ސުޕާތަކުގައި ހިނގަނީ އެކަހަލަ ކަންތައްތައް ކަމެއް ކަމެއް އަޅުގަނޑަށް ދަންނަވާކަށް ޔަގީނެއް ނޫން. އެއީ ވަރަށް ރަނގަޅު ކަންތަތައް ވެސް ހިނގާފާނެ،" މައުމޫން ވިދާޅުވި އެވެ. "އެކަން (ސުޕާބަންދުކުރުން) ކުރަން ޖެހޭނީ ހަމަޖެހޭ އުސޫލަކުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރިސޯޓްތަކަށް ހަމަހަމަވާ ގޮތެއްގެ މަތިން."