އޮންލައިން އަޑުއެހުމުގައި ވަކީލެއް ހޯދުމަށް ލުތުފީއަށް 10 ދުވަސް ދީފި

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ މާލެ ގެނައުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ބައިވެރިވެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާއަށް ދިފާއީ ވަކީލެއް ހޯދަން 10 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

ލުތުފީގެ މައްޗަށް ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެ އޮންލައިން އަޑުއެހުމުގައި ލުތުފީ ބައިވެރިވީ މާފުށީ ކޯޓުގައި ހުރެގެންނެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނީ ދައުވާ ލިބޭ ފަރާތުން އެކަމަށް އިއުތިރާޒެއް ނުކުރާ ނަމަ އެެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގަައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު އެންމެ ފުރަތަމަވެސް އެއްސެވީ، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ލުތުފީ އެއްވެސް އިއުތިރާޒެއް ކުރާތޯ އެވެ. ވަކީލަކާ ނުލައި ހާޒިރުވެ ހުރި ލުތުފީ ބުނީ އިއުތިރާޒެއް ނުކުރާ ކަމަށެވެ.

އެއަށް ފަހު ވަކީލެއް އައްޔަން ކުރަން ބޭނުންތޯ ގާޒީ ސުވާލު ކުރެއްވުމުން ލުތުފީ ބުނީ ވަކީލެއް ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އަދި އެ ފުރުސަތު ހޯދައިދޭން ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ލިޔުމަކުން އަންގަން އޭނާ އެދުނެވެ.

"ލިޔުމަކުން އަޅުގަނޑަށް މި ފުރުސަތު ހޯއްދަވައިދެއްވަން ވިދާޅުވެދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެމްސީއެސްގައި ބައެއް ފަހަރު ކަންތައްތައް ހުންނަ ގޮތުން އަނގަ ބަހުން ބައެއް ފަހަރު އެއްވެސް މީހަކު އެއްވެސް ކަމަކަށް އެދުނަސް އެކަންތައްތަކެއް ކުރުމަށް ހުރަސް ހުރޭ. އެހެންވުމުން މިހެން މި ދަންނަވާލީ،" ލުތުފީ ބުންޏެވެ.

ގާޒީ އަލީ ރަޝީދު ވަކީލެއް ހަމަޖައްސަން ލުތުފީއަށް 10 ދުވަހުގެ މުއްދަތެއް ދީ 10 ދުވަސް ފަހުން އަޑުއެހުމެއް ބާއްވަން ތާވަލުކުރި އެވެ. އަދި 10 ދުވަސް ވުމުގެ ކުރިން ވަކީލަކު ހަމަޖައްސައި ވަގުތު އޮއްވާ ވަކީލާ ލިޔެކިޔުންތައް ހަވާލުކޮށް ތައްޔާރުވުމަށް ގާޒީ އެދިވަޑައިގަތެވެ.

ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އައިޝަތު މިލްނާ ވިދާޅުވީ، ލުތުފީއަށް ދައުވާ ކުރަނީ ހައިކޯޓުން ލުތުފީގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ހޯމް މިނިސްޓްރީއިން އެއް އަހަރު ދުވަހަށް އޭނާއަށް ދޫކުރި ވަގުތީ ޓްވެވަލް ޑޮކިއުމެންޓްގެ ދަށުން އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް 16 ޖެނުއަރީ 2010 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހު 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އިދާރާތަކަށް ފިލައިގެން އުޅުނީތީ ކަމަށެވެ.

އެ ކުށަކީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ކުށް ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މިލްނާ ވިދާޅުވި އެވެ. އަދި އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ ލިބޭނެ އަދަބަކީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިދާޅުވި އެވެ.

ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އޮންނާނީ ލުތުފީ ދައުވާއަށް ޖަވާބުދާރީވުމެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމެން އަދި ހަތަރު ވަރަކަށް އަހަރު އެބަ އޮތެވެ.

comment ކޮމެންޓް