ކަޅު ނަސްލުގެ އާޓިސްޓުންނަށް އެހީވާން ހޯލްސީ

ލަވަކިޔުންތެރިޔާ ހޯލްސީ ---- ފޮޓޯ : ޑީވާމެގް

ކަޅު ނަސްލުގެ އާޓިސްޓުންނަށް މިއުޒިކް އިންޑަސްޓްރީގައި ކުރިއަށް ދިޔުމަށް އާ މަގުތައް ފަހިކޮށްދިނުމަށް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހޯލްސީ، ހާއްސަ އިނިޝިއޭޓިވްއެއް ފަށައިފި އެވެ.

ދާދި ފަހުން އެމެރިކާގައި ފުލުހަކު ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ޖޯޖް ފްލޮއިޑްގެ ހައްގުގައި މަސައްކަތްކުރާ މީހުންނާ އެކު އެންމެ ކުރީގައި އުޅޭ އެއް ފަންނާނަކީ ހޯލްސީއެވެ. އޭނާ ވަނީ އާންމުނާއެކު މުޒާހަރާތަކުގައި ބައިވެރިވެ އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީވެފައެވެ.

ހޯލްސީ ދާދި ފަހުން ބުނެފައިވަނީ ކަޅު ނަސްލުގެ އާޓިސްޓުންގެ ހުނަރުތައް ޕްރޮމޯޓުކޮށް އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް އެކުލަވާލާފައިވާ ކަމަށެވެ.

"މި ފަންޑަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ އަޅުގަނޑުގެ ޓީމުން. އެހެންކަމުން އެ ފަރާތަކީ ޕޮއެޓެއް ނުވަތަ ލިޔުންތެރިޔެއް، ގްރެފިކް ޑިޒައިނަރެއް، ލަވަކިޔުންތެރިޔެެއް، ޑިރެކްޓަރެެއް، އަދި ކޮންމެ ފަދަ ހުނަރެއް ހުރި ފަރާތެއް ނަމަވެސް އަޅުގަނޑުމެން ބޭނުން ތިބޭފުޅުންގެ މަސައްކަތްތައް ބަލަން. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންގެ ހުވަފެން ހަގީގަތަކަށް ހަދަން،" ހޯލްސީ ބުންޏެވެ.

އެ ފަންޑުގެ އިތުރުން، ހޯލްސީގެ ޓީމުން އާޓިސްޓުން ޕްރޮމޯޓުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެ އާޓިސްޓުންގެ ސޯޝަލް ޕްލެޓްފޯމް ލޯންޗުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް