ބޮޑު މުޒާހަރާ އިން ގޮވާލި ކަންކަން ތަންފީޒު ކުރުމަށް ސަރުކާރަށް މުހުލަތުދީފި

ޑިސެމްބަރު 23ގެ ބޮޑު މުޒާހަރާގައި މަދަނީ އިއްތިހާދައި ސިޔާސީ ޕާޓީތަކުން ހުށައެޅި ފަސް ކަންތައް އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ފުރިހަމަ ކުރުމަށް މުހުލަތުދީފި އެވެ.

ބޭމަދަނީ އިއްތިހާދާއި ސިޔާސީ އަށް ޕާޓީއަކުން މިއަދު ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުނެފައި ވަނީ އެ އިއްތިހާދުން ދިވެހި ރައްޔިތުންގެ ނަމުގައި ހުށައެޅި ފަސްކަމަކީ ސަރުކާރަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ފަދަ ފަސްކަން ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރައްވާ ގޮތް ބެލުމަށް ފަހު ސަރުކާރުން ބަހަނާ ދައްކަމުން ދާތީ އެކަން ކުރުމަށް ސަރުކާރަށް ސާފުކޮށް މުހުލަތެއް ދިނީ ކަމަށެވެ.

އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހުގެ ކުރިން ހުށައެޅި ފަސްކަންތައް ނުކޮށްފި ނަމަ ކުރާނެ ވަކިކަމެއް މިއަދު ހާމަނުކުރި ނަމަވެސް އެކަންކަން ނުކޮށް މުއްދަތު ފަހަނައަޅާދާ ނަމަ އެ ދު ވަހުގެ ފަހުން މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު ކުރާނެ ކަންކަން ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަދަނީ އިއްތިހާދުން ހުށައެޅި ފަސް ޑިމާންޑު ސަރުކާރުން ފުރިހަމަ ނުކޮށްވަނިކޮށް ހަ ވަނަ ޑިމާންޑެއް ވެސް މިއަދު ވަނީ ހުށައަޅައިފަ އެވެ. އެ ޑިމާންޑަކީ މުޒާހަރާގެ އެއްވެސް ބައިވެރިޔަކާ ސަރުކާރުން ދިމާކޮށް ޖެއްސުން ނުކުރުމެވެ.
މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވީ މަދަނީ އިއްތިހާދުން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކަކީ ވަރަށް ސާފްކޮށް ހުށައާޅާފައިވާ ކަންކަން ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން އަންނަނީ ބަހަނާތައް ދައްކަމުން ކަމަށާއި، ބަހަނާ ދައްކަވާ ނަމަ އެކަމުގެ އަގު ސަރުކާރުން ދައްކަން ޖެހޭނެ ކަމަށެވެ.

"ހުށައެޅިފައިވާ ކަންތައްތަކަކީ ސަރުކާރަށް ވަރަށް ފަސޭހައިން ކޮށްދެވޭނެ ކަންތައްތައް. މިކަންތައް ސަރުކާރުން ނުކޮށްދީފި ނަމަ ދުވަހަކު ވެސް ރައްޔިތުންނަށް ޓަކައި މިސަރުކާރުން އެއްވެސް ކަމެއް ކޮށްދީފާނެ ކަމަށް އަޅުގަނޑުމެން ނުބަލާނަން،" އިމްރާން ވިދާޅުވި އެވެ.

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ކައުންސިލް މެންބަރު އިބްރާހިމް ޑީޑީ (ކޭޑީ) ވިދާޅުވީ މިސަރުކާރުން ހުރިހާ ކަމެއް ވެސް ބަލައިގަނެފައި ވަނީ ޖެއްސުމުގެ ގޮތުން ކަމަށާއި އެގޮތުން އިސްރާއިލްގެ ފުލައިޓް ނުޖެއްސޭނެ ކަމަށް ބުނުމުން ފްލައިމީގެ ދަތުރުތައް ހުއްޓާލުމާއި މާލޭގައި ހުރި ސްޕާތައް ބަންދުކުރުމަށް ބުނުމުން ރިސޯޓްތަކުގެ ސްޕާތައް ސަރުކާރުން ބަންދުކުރަން ހުށައެޅުމަކީ މިސަރުކާރުން ރައްޔިތުންނަށް ޖެއްސުންކުރުމުގެ ގޮތުން ކުރާކަންތައް ކަމަށެވެ.

މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބުދުﷲ މުހައްމަދު ވިދާޅުވީ މުޒާހަރާގައި ހުށައެޅި ފަސްޑިމާންޑާ ގުޅިގެން ސަރުކާރުން މަޝްވަރާއަކަށް އެދިއްޖެ ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ދީނުގައި ހުކުމް ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް ކަމަކަށް ސަރުކާރާ އެކު މަޝްވަރާއަށް ނުދާނެ ކަމަށެވެ.

ގައުމީ ޕާޓީގެ ފަރާތުން މިއަދު ބައްދަލްވުމުގައި ބައިވެރިވި ކައުންސިލް މެންބަރު ސަންދާނު އަހަންމައިދީ ވިދާޅުވީ މަދަނީ އިއްތިހާދުން ކުރި މުޒާހަރާއާ ގުޅިގެން ސިޔާސީ ފަރާތްތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ބިރު ދައްކަމުން ގެންދާ ކަމާށައި އެގޮތުން އޭނާ މަގުމަތިންދާއިރު ވެސް ދިމާކުރާ ކަމަށެވެ.

"ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ދިމާކުރިޔަސް މިގައުމުގެ ހައްގުގައި ކުރަމުންދާ މި މަސައްކަތަށް ފަސްޖެހުމެއްނެތި ކުރާނަން." އަހައްމައިދީ ވިދާޅުވި އެވެ.

މީގެ އިތުރަށް މަދަނީ އިއްތިހާދުގެ ރައީސް އަބުދުﷲ އަށް ވެސް ސަރުކާރުން ބިރުދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެޑިޔުކޭޝަން މިނސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީ އަންނަނީ ބިރުދައްކަމުން. ކިތަންމެ ބިރެއް ދެއްކިޔަސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން ސަރުކާރުން ވަކިކުރިޔަސް މައްސަލެއްނެތް މިކަމުގައި ކުރިއަށް ދާނަން،" އަބުދުﷲ ވިދާޅުވި އެވެ.

ޖުމުހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމު ވިދާޅުވީ އެ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް ބޮޑު މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން ގާސިމްގެ ވިޔަފާރި އަށް ގެއްލުން ދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެކަންކަމަކީ އެމްޑީޕީގެ ތެރެއިން ރޭވިގެން އަންނަ ކަންތައްތައް ކަމަށެވެ.

"އެމްޑިޕީ ކުރިމަގުގައި ރަނގަޅު ޕާޓީއެއްގެ ގޮތުގައި ބާއްވަން ބޭނުން ނަމަ މިއަދު މިވަނީ އެ ޕާޓީން ލީޑާޝިޕް ދައްކަން ޖެހިފައި. އެމްޑީޕީ ސަލާމަތް ކުރާނެ ވަރުގަދަ ބަޔަކު އެ ޕާޓީގެ ތެރެއިން ޖެހޭ ވަގުތު ޖެހިއްޖެ،" ފުވާދު ވިދާޅުވި އެވެ.

މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުން އެއްވެސް ކަމެއްގައި ދިވެހިންނާ މަޝްވަރާކުރާކަށް ބޭނުން ނުވާ ކަމަށާއި އަދި މަޝްވަރާ ކުރުމަށް ފުރުސަތު ދޭން ވެސް ރައީސް ނަޝީދު ބޭނުންފުޅު ނުވާ ކަމަށެވެ.
"ރައީސް ނަޝީދުގެ ވިސްނުމުގައި ހުރީ އެ މަނިކުފާނު އެ ކުރައްވަނީ ދިވެހިންގެ ވެރިކަމެއް ނޫނޭ. އާދެ ދިވެހިންގެ ވެރިކަމެއް އެ ކުރަނީ ކޮޅުބަށް ވަޑައިގަންނަވާނެ ކަމެއް ނެތް މިކަމުގައި މަޝްވަރާކުރުމަށް،" ދީދީ ވިދާޅު ވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މަދަނީ އިއްތިހާދުގެ އިތުރުން ޑީއާރްޕީ އާއި ޕީޕީއެމާއި އަދާލަތު ޕާޓީ އާއި ޖުމުހުރީ ޕާޓީއާއި ގައުމީ ޕާޓީ އާއި އެމްއާރްއެމާއި ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ލީޑަރުކަމުގައި ހިންގާ ގައުމީ އިއްތިހާދުގެ އިސް ފަރާތްތަކުން ވަނީ ބޮޑުމުޒާހާރާގައި ރައްޔިތުން ހުށައެޅި ޑިމާންޑްތައް ބަހަނާއެއް ކަމަށް ނުހަދައި މިހާރުން މިހާރަށް ތަންފީޒުކުރުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލައިފަ އެވެ.

އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަމަކީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގައި ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު