މޭ މަހުގެ އާމްދަނީއަކީ 206.28 މިލިއަން ރުފިޔާ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ މެއި މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ލިބުނު އާމްދަނީ 81 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ މެއި މަހުގެ ޓެކްސް އާމްދަނީގެ ތަފާސް ހިސާބަށް ބަލާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 206.28 މިލިއަން ރުފިޔާ އެވެ. ޑޮލަރުގެ އާމްދަނީ އަކީ، 7.03 މިލިއަން ޑޮލަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 81 ޕަސެންޓް ދަށް އަދަދެކެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19 އާއެކު، ފުރަބަންދުގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތިއްޔާއި ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުން ފަތުުރުވެރިކަން ވެސް ހުއްޓިފައިވާތީ ކަމަށެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް މެއި މަހުވެސް މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 113.5 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 55 ޕަސެންޓެވެ.

އާމްދަނީ އިނ ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް އަކީ ޖުމްލަ އާމްދަނީގެ ނުވަ ޕަސެންޓެވެ. އިންކަމް ޓެކުހުގެ ގޮތުގައި މީރާ އަށް 19.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 8.2 ޕަސެންޓެވެ. ޖުމްލަ އާމްދަނީގެ އަށް ޕަސެންޓް ހިއްސާ ކުރަނީ އެއާޕޯޓް ސާވިސް ޗާޖެވެ. އެއީ 16.6 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް ލޭންޑް ޓެކުހުގެ ގޮތުގައި މިދިޔަ މެއި މަހު 11.9 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 5.8 ޕަސެންޓެވެ.

މެެއި މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ 48 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

comment ކޮމެންޓް