ދިރާގު ވާޗުއަލް އޭޖީއެމް: ހިއްސާ އަކަށް 12 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގުގެ ވާޗުއަލް އޭޖީއެމްގެ ތެރެއިން -- ފޮޓޯ: ދިރާުގު

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ވާޗުއަލް ކޮށް ބާއްވައިފި އެވެ.

މިއަދު ހެނދުނު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އޭޖީއެމްގައި 68 ހިއްސާދާރުން ބައިވެރިވި އެވެ. ދިރާގުން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 12 ރުފިޔާ ބަހަން މިއަދު ފާސްކޮށްފަ އެވެ. އެއީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 4.14 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 7.86 ރުފިޔާ އެވެ.

ދިރާގުގެ ވާޗުއަލް އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަލަށް އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަކީ ތަފާތު ތަޖުރިބާ އެއް ކަމަށެވެ. އަދި މިއީ ކުރިއެރުމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިންމު އެއް ބިންގާ ކަމުގައިވެސް ދެކެން. އަދި ހާއްސަކޮށް މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ މިގޮތަށް އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރުވެގެން ދިޔުމަށް އެޅޭ ބާރަކަށް ވެގެންދާތީ" ސީއީއޯ ވިދާޅުވި އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރު ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެ ކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ޝެއާ ހިފެހެއްޓިފައިވާ ކަމަށެވެ

ފާއިތުވި އަހަރު ދިރާގުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެގޮތުން، މިދިޔަ އަހަރުގެ އޭޕްރިލް މަހު ތައާރަފުކުރި "ޑިޖިޓަލް ރާއްޖެ" ކެމްޕޭންގެ ދަށުން ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށް ވެގެން ދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ދިރާގުން ވަނީ ހައި ސްޕީޑް ފައިބާ ޓުދަ ހޯމްގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީ އަށް ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފައިބާ ނެޓްވޯކް ރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ ނަތީޖާއެއްގެގޮތުން މި ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަނެޓްވޯކު ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުންއުޅޭ ތިން ސަރަޙައްދުގައި 5ޖީ ތައާރަފުކޮށް، ދިރާގުވަނީ ދިވެހިރާއްޖެ އަދި ސައުތު އޭޝިއާގައިވެސް އަލަށް ވިޔަފާރި އުސޫލުން 5ޖީ ގެ ހިދުމަތް ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުންޏަށްވެފަ އެވެ. ހަމަމިއާއެކު، ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތި ކުރުމަށްޓަކައި 1ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. މިވަގުތު މިހިދުމަތް ފޯރުކޮށްދެމުން ދަނީ 13 ރަށުގަ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ އިޖުތިމާޢީ ތަރައްގީގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ފާއިތުވި އަހަރު ވެސް ދިރާގު އެޕްރެންޓިސް ޕްރޮގްރާމް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އާ ވިޔަފާރި އުފެއްދުމުގެ (ސްޓާޓްއަޕް) ސަގާފަތެއް ގާއިމުކޮށް ޒުވާން ވިޔަފާރިވެރިންގެ މެދުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ގިނަ ޕްރޮގުރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް