މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާގެ ކަނާތު ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމާ އެކު އޭނާއަށް މިއަހަރުގެ ޓެނިސް ސީޒަން ނިމިއްޖެ އެވެ.
އުމުރުން 38 އަހަރުގެ ފެޑެރާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ ޖަނަވަރީ މަހު އެވެ. އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި ކުޅުނު އެ މެޗުން ސާބިއާގެ ނޮވާކް ޖޮކޮވިޗް އަތުން އޭނާ ބަލިވި އިރު މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ ކަނާތު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.
އެއަށްފަހު ކޮރޯނާ ވައިރަހުގެ ސަބަބުން ޓެނިހުގެ ހުރިހާ މުބާރާތްތައް މެދުކަނޑާލި އިރު މިއަހަރުގެ ޖޫން ހިސާބުގައި ފެޑެރާ އަލުން ކުޅެން ފެށޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ފެބްރުއަރީ މަހު އޮޕަރޭޝަން ކުރި ކަކޫ އެއްކޮށް ރަނގަޅުނުވެ އިތުރު އޮޕަރޭޝަނެއް އަނެއްކާވެސް ފެޑެރާ ވަނީ ކޮށްފަ އެވެ.
އެހެން ކަމުން އޭނާއަށް މިއަހަރު ދެން އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށް ބުނެފައިވާ އިރު އޭނާ ދެން ކުޅެން ފަށާނީ އަންނަ އަހަރު އެވެ. އަލުން ކުޅުމަށް ފެޑެރާ ނުކުންނަ އިރު އޭނަގެ އުމުރުން ހުންނާނީ 40 އަހަރު ވެފަ އެވެ. އެހެން ކަމުން މިއީ އޭނަގެ ކެރިއަރަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
"އަންނަ އަހަރު ފެށުމާ އެކު އަލުން ޓުއާ ތަކުން އެންމެނާ ބައްދަލު ކުރާނަން،" ފެޑެރާ ބުންޏެވެ.
ފެޑެރާ ވަނީ 2016 ވަނަ އަހަރުވެސް ކަކުލުގެ އަނިޔާއަކާ އެކު ވަނީ ގިނަ ދުވަަސްތަކެއް ވަންދެން ކުޅުމާ ދުރުގައި މަޑުކޮށްފަ އެވެ. އެކަމަކު އެ އަނިޔާއިން އެނބުރި އައިސް ފެޑެރާ ވަނީ ޖެހިގެން އައި އަހަރުގެ ވިމްބްލެޑޮންއާއި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފަ އެވެ.
ރެކޯޑް 20 ގްރޭންޑްސްލޭމް ކާމިޔާބު ކޮށްފައިވާ ފެޑެރާ ވަނީ އޭނަގެ ނަމަށް 103 ޓެނިސް ތަށި ހޯދައިފަ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ 109 ތަށި ހޯދާފައިވާ އެމެރިކާގެ ޖިމީ ކޯނާއަށް ވުރެން ކުރި އެރުމަށެވެ.
މީގެ އިތުރުން ފެޑެރާ ވަނީ ފޯބްސް މެގަޒިން އިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ ހޯދައިފަ އެވެ.
މިއީ ފޯބްސް އިން އަހަރަކު އެއް ފަހަރު (ފާއިތުވި 12 މަސް ދުވަހަށް ބެލުމަށް ފަހު) އާންމުކުރާ މި ލިސްޓުގެ އެއް ވަނަ އަށް ފެޑެރާ އެރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު މެސީ އެއް ވަނައިގައި އޮތްއިރު ފެޑެރާ އޮތީ ފަސް ވަނައިގަ އެވެ. ފެޑެރާ އެއް ވަނަ އަށް މި އެރީ ފާއިތުވި އަހަރެއްހާ ދުވަހު 106.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.