އެމްޓީސީސީއާ ދެކޮޅަށް ޑީއާރްޕީއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ޕާޓީ އެމްޓީސީސީގެ ފަރާތުން ހޯދާފައިވާ ޙިދުމަތްތަކަށް ފައިސާ ދެއްކުމަށް 2017 ވަނަ އަހަރު ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބެލެން ނެތްކަމަށް ބުނެ ނިންމައިފި އެވެ.

ޑީއާރުޕީއިން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނި އެ ޕާޓީގެ ނަމުގައި "ބަޔަކު" އެމްޓީސީސީއިން ޙިދުމަތްތަކެއް ހޯދައިފައިވާ ކަމަށް އަދި މި ޙިދުމަތްތައް ސީދާ އެ ޕާޓީއަށް ލިބިފައިވާކަން އެނގެން ނެތްކަމަށް ބުނެ އެކަން ސާބިތުކުރުމަށް އެމްޓީސީސީގެ މައްޗަށް ނާންގައި އެކަން ސާބިތުނުކޮށް ހައި ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ އެވެ.

މީގެ އިތުރުން ވެސް އެ ޕާޓީއިން ވަނީ ހައި ކޯޓުން މައްސަލަ ނިންމި އިރު މި ނުކުތާއަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާކަންވެސް ފާހަގަކޮށްފަ އެވެ.

ސުޕްރީމު ކޯޓުން ވަނީ މި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް އިއްޔެ ބާއްވައިފަ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަޒްމިރާލްޑާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާ ހުސްނުއްސުއޫދު އެވެ. މައްސަލަ ބެލެން ނެތްކަމަށް ނިންމަވާފައި ވަނީ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ސުޕްރީމު ކޯޓުގެ ނިންމުމުގައި ވަނީ މި މައްސަލަ އެ ކޯޓުން ބަލާފައި ވަނީ އިޖުރާއީ ގޮތުން ކަމަށާއި އަދި ހައި ކޯޓުން މި މައްސަލައިގައި ނިންމި ނިންމުމުގެ ސަބަބު ތަފްސީލުކޮށް ބަޔާންކޮށްފައިވާ އިރު ހައި ކޯޓުގެ ނިންމުން ޝަަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޙިލާފުކަމަށް ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ބާރުދޭ ގާނޫނީ އަސާސެއް ޑީއާރުޕީގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވާފަ އެވެ.

ގާނޫނުގައި އިސްތިއުނާފަށް ހުށަހެޅިދާނެ ހާލަތްތައް ސާފުކޮށް ބަޔާންކޮށްދީފައިވާއިރު ހުށަހަޅާ ސަބަބުގެ އިތުރުން އެ ބުނުމަށް ރިއާޔަތްކޮށް ގާނޫނީ ބަހުސްްއެއް ހުށަހަޅާ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭނެކަމަށް ސުޕްރީމު ކޯޓުން މި މައްސަލައިގައި ފާހަގަކޮށްފައިވާއިރު ޑީއާރްޕީގެ ފަރާތުން މިފަދަ ސަބަބެއް ހުށަހެޅިފައި ނުވާތީވެ މައްސަލަ ބެލެން ނެތްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ.

ސިވިލް ކޯޓުން 2017 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ ޑީއާރްޕީގެ ކިބައިން 1،113،587.86 ރުފިޔާ ހޯދުމަށް އެމްޓީސީސީގެ ފަރާތުން ދައުވާ ކުރި ނަމަވެސް އޭގެ ތެރެއިން ނުދައްކާ ވަނީ 111،438.9 ރުފިޔާކަން ޝަރީއަތަށް ސާބިތުވެފައިވާތީ އެ ފައިސާ ހަ މަސް ދުވަސް ތެރޭ ދައްކައި ނިންމުމަށެވެ.

comment ކޮމެންޓް