މަޖިލީހުން ރައީސްއާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮޮވިޑް-19 އާ ގުޅިގެން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު 21 މެއިގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މުސާރަ ކުޑަ ކުރި މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ މުސާރަވެސް ހިމެނެއެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ލިޔެވިގެންވާ މުސާރައެއް ކަމުން ގާނޫނު އިސްލާހުނުކޮށް މަޖިލީހަށް އެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނައެވެ.

މިކަމާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފައެވެ. ވަކި ގާނޫނަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ބުނެ އެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި މިއަދު ފޮނުއްވި ލިޔުމުގައި ވަނީ އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާކަން ހަލީމްއަށް އަންގައިފައެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ، 11/2009، "ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. އެގޮތުން، އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ އެވެ.

ރައީސްއާއި ނައިބު ރައީސްގެ މުސާރަވެސް ކުޑަ ކުރަން ނިންމީ، މި މަހުން ފެށިގެން ތިން މަހަށެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ ދެބޭފުޅުންގެ އަސާސީ މުސާރައިން 35 ޕަސަންޓް އުނިކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ ރައިސްގެ މުސާރައިން 35،000 ރުފިޔާ އަދި ނައިބުގެ ރައީސްގެ މުސާރައިން 26،250 ރުފިޔާ އެވެ.

ގާނޫނުގައި ވަރަށް ސަރީހަކޮށް ވަކި އަދަދެއް ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ލިޔެފައިވުމާއި އެ އަދަދު ބަދަލު ކުރެވޭނެ ހާލަތެއް ގާނޫނުގައި ބުނެފައި ނުވާތީ، އެ ގާނޫނު އިސްލާހުގެން ނޫނީ ރައީސް އާއި ނައިބު ރައީސްގެ މުސާރައަށް އުނި އިތުރު ނުގެނެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ނަމަވެސް، އެކަމާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު "ސަން" އަށް މީގެ ކުރިން ވިދާޅުވީ، ރައީސްއާއި ނައިބު ރައީސްގެ މުސާރައަށް ބަަދަލު ގެނައީ ކޮމިޓީގެ އިހްތިސޯސްގެ ތެރެއިން ގާނޫނު އަސާސީއިން ބާރު ލިބިގެން ކަމަށެވެ.

comment ކޮމެންޓް