ނިއު ޒީލޭންޑުގައި ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެ، ފިޔަވަޅުތައް އުވާލަނީ

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: ގެޓީ

ވެލިންޓަން (ޖޫން 8): ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު އެންމެން ބަލިން ރަނގަޅުވެއްޖެ ކަމަށާއި އެހެންކަމުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް މިރޭ އުވާލާނެ ކަމަށް އެގައުމުން އިއުލާންކޮށްފި އެވެ.

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން މިއަދު ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް-19އަށް ފަރުވާ ދެމުން ދިޔަ އެންމެ ފަހު މީހާ މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެހެންކަމުން އެގައުމުން މީހުން އެއްވެ އުޅުމަށާއި، ވިޔަފާރިތައް ހުއްޓުވުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް މިރޭ އުވާލާނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވީ ވީހާވެސް އަވަހަށް، ވީހާވެސް ރައްކާތެރި ގޮތަކަށް ވައިރަސް ހުއްޓުވުން. އަދި އަޅުގަނޑުމެންނަށް މިހާރު ވަނީ އިގުތިސާދު އާރާސްތު ކުރުމަށް ފުރުސަތު ލިބިފަ،" އާޑާން ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އެގައުމުން އެ ފިޔަވަޅުތައް އެޅީ ހަތަރު ސްޓޭޖަކަށް ބަހާލައިގެންނެވެ. އަދި ހަތަރު ވަނަ ސްޓޭޖުގައި މުޅި ގައުމު ފުރަބަންދުކޮށް، އަސާސީ ހިދުމަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ހުއްޓުމަކަށް ގެނެސްފައި 25 މާޗްއިން 27 އޭޕްރިލްއާ ޖެހެންދެން އޮތެވެ.

ނިއު ޒީލެންޑުން ކޮރޯނާވައިރަހަށް އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައި ވަނީ މީގެ 17 ދުވަސް ކުރިންނެވެ. އަދި އެގައުމުން މިހާރު ވަނީ ގައުމުގެ ބޯޑަރު ކޮންޓްރޯލް ކުރުން ފިޔަވާ ހުރިހާ ފިޔަވަޅެއް އުވާލަން ނިންމާފަ އެވެ.

ބޮޑުވަޒީރު އާޑާން ވަނީ ބަލި ޖެހިފައިވާ އެންމެން މިހާރު ރަނގަޅުވެފައިވީ ނަމަވެސް އަދިވެސް ބަލީގެ ކޭސްތައް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަލިން ރައްކާތެރިވުމަށް އަދިވެސް މަސައްކަތް ކުރަމުން ދިޔުމަށް އެދިލައްވާފަ އެވެ.

ނިއު ޒީލޭންޑުން އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް އެގައުމުން ވަނީ އެގައުމަށް އަދިވެސް ވަދެވޭނީ ބޭރު ގައުމުތަކުން އަންނަ އެގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށާއި އެމީހުން ވެސް 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް