ރީޖަނަލް ކޮވިޑް ފެސިލިޓީތަކުގެ މަސައްކަތް ނިމުމާ ގާތަށް

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، ނަޔާޒް އަހްމަދު -- ފޮޓޯ/ އެންއީއޯސީ

ރާއްޖޭގެ ފަސް ސަރަހައްދަކަށް އަމާޒުކޮށްގެން ގާއިމުކޮށްފައިވާ ކޮވިޑް19އަށް ފަރުވާދޭ މަރުކަޒުތައް، ނުވަތަ ކޮވިޑް ފެސިލިޓީތަކުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޮވިޑް ފެސިލިޓީތައް ގާއިމުކުރަނީ ށ. ފުނަދޫ، ބ. އޭދަފުށީ، ލ. ގަން، ގއ. ވިލިގިލީގައި އަދި އައްޑޫ ސިޓީ ގައެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، ނަޔާޒް އަހްމަދު ވަނީ އެ ފެސިލިޓީތަކުގެ ތަފްސީލުތައް ހާމަކުރައްވައިފަ އެވެ.

ށ. ފުނަދޫ ފެސިލިޓީ: 20 އެނދުގެ އައިސީޔޫ އަކާއި 37 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް. މި ފެސިލިޓީއަށް ގެންދާނީ ހއ، ހދ، އަދި ށ އަތޮޅުގެ މީހުން.

ބ. އޭދަފުށި ފެސިލިޓީ: 20 އެނދުގެ އައިސީޔޫ އަކާއި 37 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް. މި ފެސިލިޓީއަށް ގެންދާނީ ނ، ރ، ބ، އަދި ޅ އަތޮޅުގެ މީހުން.

ލ. ގަން ފެސިލިޓީ: 20 އެނދުގެ އައިސީޔޫ އަކާއި 23 އެނދުގެ ދެ އައިސޮލޭޝަން ފެސިލިޓީ. މި ފެސިލިޓީއަށް ގެންދާނީ މ، ފ، ދ، ތ، އަދި ލ އަތޮޅުގެ މީހުން.

ގއ. ވިލިނގިލި ފެސިލިޓީ: 23 އެނދުގެ އައިސީޔޫ އަކާއި 12 އެނދުގެ އައިސޮލޭޝަން ފެސިިލިޓީއެއް. މިތަނަށް ގެންދާނީ ގއ. އަދި ގދ އަތޮޅުގެ މީހުން.

އައްޑޫ ސިޓީ ފެސިލިޓީ: 20 އެނދުގެ އައިސީޔޫ އަކާއި 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް.

މީގެ އިތުރުން ހއ. އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ތިން އެނދުގެ އައިސީޔޫއެއް ގާއިމުކުރާނެ ކަމަށް ވެސް ނަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފެސިލިޓީތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެތަންތަނަށް ފޮނުވަން ޖެހޭ ވަސީލަތްތައް ފޮނުވުމުގެ މަސައްކަތް ކަމަށެވެ.

މިހާރު ފުރަތަމަ ބުރުގައި ފޮނުވަންޖެހޭ ވަސީލަތްތައް ފޮނުވާ ނިމިފައިވާ ކަމަށާއި، މިހާރު އެތަންތަނުގެ ޓްރީޓްމަންޓް ޕްރޮޓޮކޯލް ތައްޔާރުކޮށް، އިތުރު ޑޮކްޓަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި އެ މަސައްކަތް ވެސް ނިމޭނެ ކަމަށް ނަޔާޒް ވިދާޅުވި އެވެ.

އެ ފެސިލިޓީތަކަށް އެންމެ ފުރަތަމަ ދާންޖެހޭ ކްލިނިކަލް ޑޮކްޓަރުން މިހާރު ފޮނުވާފައިވާ ކަމަށާއި އިތުރު ޑޮކްޓަރުންނާ ހެލްތު ޕްރޮފެޝަނަލުން ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ނަޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ތިން ރަށެއްގައި ކޮވިޑްއަށް ޓެސްޓް ކުރެވޭ މެޝިން، ޕީސީއާރް މެޝިން ބެހެއްޓުމަށް ނިންމައި އެމަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ޕީސީއާރް މެޝިން ބަހައްޓަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ އަދި އޭދަފުށީގަ އެވެ.

ނަޔާޒް ވިދާޅުވީ މިހާރު ޕީސީއާރަށް އައްޑޫ އަދި ކުޅުދުއްފުށިން، ދެ ލެބް ޓެކްނީޝަނުން ތަމްރީނުކޮށް ނިމިފައިވާ ކަމަށާއި، އެފަރާތްތައް ރަށަށް ގޮސް ކަރަންޓީނު މުއްދަތު ހަމަ ކުރުމަށްފަހު، ހިދުމަތަށް ނުކުންނާނެ ކަމަށެވެ.

މީގެ އިތުރުން ފަސް ރީޖަންގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް