އެމެރިކާގައި ކުރިއަށްދާ މުޒާހަރާތަކަށްފަހު މަގުތައް ހަޑިވުމުން އެ މަގުތައް ސާފުކުރުމަށްޓަކައި 10 ގަޑިއިރު ހޭދަކުރި 18 އަހަރުގެ ޒުވާނަކަށް ކޮލެޖު ސްކޯލާޝިޕް އަކާއި ކާރެއް ލިބިއްޖެ އެވެ.
އެމެރިކާ، ނިއުޔޯކްގެ ބަފަލޯއަށް ނިސްބަތްވާ އުމުރުން އަހަރުގެ އެންޓޯނިއޯ ގްވިން ޖޫނިއާ، ވަނީ އޭނާގެ އަވަށުގައި މުޒާހަރާ ނިމުމާއެކު މަގުތައް ސާފުކުރުމަށް ނިކުމެފަ އެވެ.
މެންދަމު 2:00 ހާއިރު އޭނާ މަގު ސާފުކުރުމަށް ނިކުތް ގޮތަށް 10 ގަޑިއިރު އޭނާ ހޭދަކޮށްފައިވަނީ މަގުތައް ސާފުކުރުމުގަ އެވެ.
ގްވިން އަކީ އުމުރުން 18 އަހަރުގެ ހައި ސްކޫލު ދަރިވަރެކެވެ. އޭނާ ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބަފަލޯގައި ކުރިއަށްދިޔަ މުޒާހަރާއަށްފަހު މަގުމަތީގައި ކުންޏާއި ފުޅިތޮށި ހުރި ކަމަށެވެ. އެހެން ނަމަވެސް ހެނދުނު އެތައް ބަޔަކު ވަޒީފާއަށްދާ ބޭނުންވާނެ ކަމަށާއި މަގުމަތީގައި އެ ހުރުމުން އުނދަގުވާނެތީ މަގުމަތި ސާފުކުރަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.
ގްވިން އެކަނި މަގުމަތި ސާފުކުރުމުގައި އުޅުނުކަން އެނގުމުން މުޅި ސަރަހައްދުގެ މީހުންގެ ފަރާތުން ލިބުނީ އޭނާ ހީވެސް ނުކުރާ ފަދަ ޖަވާބެކެވެ.
އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށްވާ މެޓް ބްލޮކް ވަނީ ގްވިންގެ މަސައްކަތައް ސާބަސް ކިޔައި މަސްޓޭންގް ކޮންވާޓިބަލްއެއް ހަދިޔާކޮށްފަ އެވެ.
ހަމައެއާއެކު ލޯކަލް ވިޔަފާރިވެރިއެއް ކަމަށްވާ ބޮބް ބްރައިސްލޭންޑް ބުނެފައިވަނީ ގްވިންއަށް ލިބުނު ކާރުގެ އެއް އަހަރުގެ ހިލޭ އިންސިއުރެންސް ކޮށްދޭނެ ކަމަށެވެ.
ގްވިން އެންމެ އުފާވެގެން ދިޔައީ އޭނާއަށް ލިބުނު ސްކޮލާޝިޕްއާއެކުގައެވެ. ގްވިން މަސައްކަތް ކުރަމުންދިޔައީ ސްކޫލު ނިންމުމަށްފަހު ޓްރޭޑް ކޮލެޖަކަށް ވަނުމަށެވެ. އެކަމަށްޓަކައި ގްވިން ދިޔައީ ފައިސާ އެއްކުރަމުންނެވެ. އެވާހަކަ ވަނީ ބަފަލޯގައި ހުރި މެޑެއިލް ކޮލެޖަށް ފޯރާފަ އެވެ. އެއާއެކު އެ ކޮލެޖުން ނިންމާފައިވަނީ ގްވިން އަށް ފުލް ސްކޮލާޝިޕް އެއް ދިނުމަށެވެ.
ގްވިން ބުނީ އެ ސްކޮލާޝިޕްގެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅުގައި އެ ކޮލެޖުގައި ކިޔަވަން ފަށާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.