ގުޅީފަޅުގެ ބަދަލުގައި ޕޯޓު ހަދަންވީ ތިލަފުށީގައި: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ އަހްމަދު ސައީދު

މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ ބަދަލުގައި އެތަން ބަދަލުކުރަންވީ ތިލަފުއްޓަށްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ތިލަފުއްޓަށް މާލޭ ކޮމާޝިއަލް ޕޯޓް ބަދަލުކުރަން ބޭނުންނުވީ އެ ހިސާބުގައި އެތަން ހަދައިފިނިމަ ކުނި އަޅާތަނާ މާކައިރިވެ ތިމާވެށީގެ ގޮތުން އެއީ އެކަން ކުރަން އެންމެ ރަނގަޅުގޮތް ކަމަށް ނުވާތީ ކަމަށެވެ.

ނަމަވެސް އެ ވާހަކަ ތަކަށް ރައްދުދެއްވައި ސައީދު މިރޭ "ސަން" އަށް ވިދާޅުވީ ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮތީ ނިންމަވައި އެކަމާ ގުޅޭ ކުރެހުންތައްވެސް ކުރައްސަވާފައި ކަމަށެެވެ. އަދި އެގޮތަށް ނިންމީ ވަރަށް ބޮޑަށް ދިރާސާތައް ކުރުމަށްފަހުގައި ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ތިލަފުށީގައި ބަނދަރު ހަދަން ނިންމާފައި އޮތީ އެރަށުގެ ހުޅަނގު އުތުރު ސަރަހައްދުގައި ކަމަށެެވެ. އޭރުން ކުނި އުކާ ސަަރަހައްދާ 3369 މީޓަރުގެ ދުރުމިން ހުންނާނެ ކަަމަށާއި އޭގެ ބަދަލުގައި ގުޅި ފަޅުގައި ބަނދަރު ހެދުމުން ކުނިއަކާ ސަރަހައްދާ ދެމުދު އޮންނާނީ 400 އެއްހާ މީޓަރުކަންވެސް ސައީދު ފާހަގަކުރެއްވިއެވެެ.

"އަދި ކުނިީގެ މައްސަލަ ހައްލުކުރަންވެސް އިންސިއުނޭޓަރުފަދަ މިޒަމާނުގެ މެޝިންތައް ބޭނުންކުރެވޭނެ ދޮއްތޯ" ސައީދު ވިދާޅުވިއެވެެ.

ނިމިގެން ދިޔަ ސަރުކާރުގައި ރައީސް ޔާމީންގެ ވިސްނުންހުރި ގުޅީފަޅު ހިއްކައި 18 އަހަރުން މަތީގެ އެންމެނަށް ބިމެއް ދޫކުރަންކަމަށް ސައީދު ވިދާޅުވިއެވެ.

"މި ދުވަސްވަރު އަޅުގަނޑުމެން މިދައްކަނީވެސް ޓުއަރިޒަމްއަށް އެކަނި ބަރޯސާވުމުގެ މައްސަލަ. ރައީސް ޔާމީން ވިސްނަފާއި އޮތީ ތިލަފުށި ބަނދަރު ހެދުމަށްފަހު ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި ރީއެކްސްޕޯޓްކޮށް އިންޑަސްޓްރީއެއް ފައްކާ ކުރަން. އަޅުގަނޑު އެބަ ހިތަށް އަރާ ރާއްޖެ ކުރިއަރުވަން ބަޔަކު ހަމަ ބޭނުންނުވަނީބާއޭވެސް" ސައީދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިދާ އެންމެ ފުޅާމިނުގައި ނެގުމަށް. އަދި ތިލަފުށި ، ގުޅި ފަޅު، ވިލިމާލެ އާއި މާލެ ހިމެނޭގޮތަށ ބްރިޖްއަކުން ގުޅާލުމަށް. ގުޅިފަޅަކީ ބިން އޮތް ބިން ބޮޑުކުރެވޭނެ ސަރަހައްދެއް" ސައީދު މިރޭ ކުރެއްވި ޓުވީޓުގައި ވެއެވެެ.

ގުޅިފަޅުގައި ބަނދަރު ހެދުމުގެ ގޮތުން ނެދެލެންޑްސްގެ ކުންފުންޏަކާ ގުޅިގެން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެެވެ.

comment ކޮމެންޓް