މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ރެކްޓާ ދާތޯ ޕްރޮފެސަރު ޑރ. ޒަލޭހާ ޤަމަރުއްދީންއާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ބައްދަލު ކުރައްވައިފި އެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައުމޫން ފައުންޑޭޝަންގެ ޗެއާމަންގެ ޙައިސިއްޔަތުން އެ މަނިކުފާނު އެ ޔުނިވަސިޓީގެ ރެކްޓާއާ ބައްދަލު ކުރެއްވީ އިއްޔެ އެ ޔުނިވަސިޓީގައި ކަމަށެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މައުމޫން ފައުންޑޭޝަނާ ބެހޭ މަޢްލޫމާތު ޕްރޮފެސާ ޒަލޭހާ އަށް ދެއްވި ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އަކީ، އިސްލާމީ ޤައުމުތަކުގެ ދަރިވަރުންނަށް މަތީ ތަޢްލީމު ހޯދައިދިނުމުގައި ވަރަށް މަތިވެރި ޚިދްމަތްތަކެއް ކުރަމުންދާ ޔުނިވަސިޓީއެއް ކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުންތަކަކަށް އެ ޔުނިވަސިޓީ އިން ތަޢްލީމް ޙާޞިލް ކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށާއި އެ ދަރިވަރުންނަކީ މިހާރު ރާއްޖޭގެ ރަސްމީ ދާއިރާތަކުގަޔާއި އަމިއްލަ ދާއިރާތަކުގައި އަގުހުރި ޚިދްމަތްތަކެއް ކުރަމުންދާ ބަޔެއް ކަމަށް ވިދާޅުވި ކަމަށެވެ.
ޔުނިވަސިޓީގެ ރެކްޓާ ޕްރޮފެސާ ޒަލޭހާ ދެއްކެވި ވާހަކަފުޅުގައި، ރައީސް މައުމޫން އިސްލާމީ ތަޢްލީމް ކުރިއެރުވުމަށް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި ދީނީ ކަންކަމުގައި ގެންގުޅުއްވާ މެދުމިން ފިކުރުފުޅަށް ތަޢްރީފު ކުރެއްވި ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. އަދި 1983 ވަނަ އަހަރު އެ ޔުނިވަސިޓީ އުފެއްދި އިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ރައީސް މައުމޫން ހުންނަވައިގެން، ޔުނިވަސިޓީގެ ބޯޑް އޮފް ގަވަނަޒްގައި ރާއްޖޭގެ މަންދޫބަކު ހުންނަވާ ގޮތަށް ހަމަޖައްސަވައި ދެއްވާފައިވާކަން އެއީ އެ ޔުނިވަސިޓީ އަށް ރައީސް މައުމޫން ދެއްވާފައިވާ އަހަންމިއްޔަތު ހާމަވެގެންދިޔަ ކަމެއް ކަމުގައި ވިދާޅުވެ އެމަނިކުފާނަށް ޝުކުރު އަދާ ކުރެއްވި ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
ރައީސް މައުމޫން އާއި ރެކްޓާ ދާތޯ ޕްރޮފެސާ ޒަލޭހާ އާ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ޔުނިވަސިޓީގެ ކުރީގެ ރެކްޓާ ދާތޯ ސްރީ ޕްރޮފެސަރު ސައްޔިދު ޢަރާބީ އައިދިދް އާއި ޔުނިވަސިޓީގެ އެހެން ބައެއް ޕްރޮފެސަރުން ވެސް ބައިވެރި ވެވަޑައިގަތް ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އެ ބައްދަލު ކުރެއްވުމުގައި މައުމޫން ފައުންޑޭޝަނާއި މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީއާ ގުޅިގެން ރާއްޖެ އަށް ފައިދާވާ ގޮތަށް ތަޢްލީމީ ދާއިރާގައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބައްދަލު ކުރެއްވުމަށް ފަހު، އެ ޔުނިވަސިޓީގައި މިހާރު ކިޔަވަމުން ގެންދާ ބައެއް ދިވެހި ދަރިވަރުންނާ ވެސް ރައީސް މައުމޫން ބައްދަލު ކޮށްލެއްވި ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.