ގައުމީ ކެރަމް ޓީމްގެ ފަރިތަކުރުންތައް ގޭގައި، ހަފްތާއަކު ފަސްދުވަހު

ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިން ގޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ --- ފޮޓޯ: ކެރަމް އެސޯސިއޭޝަން

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމީ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި، ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ހުއްޓާލެވިފައިވީ ނަމަވެސް ގައުމީ ކެރަމް ޓީމް މިހާލަތުގައިވެސް މެދުކެނޑުމެއްނެތި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންދާކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެގޮތުން ހަފްތާއަކު ފަސްދުވަހު ގައުމީ ކެރަމް ކުޅުންތެރިން ދަނީ ޕްރެކްޓިސްކުރަމުންދާ ކަމަށާއި، މާލެ ސިޓީގެ ފުރަބަންދާ ގުޅިގެން ކުޅުންތެރިން ފަރިތަކުރަމުންގެންދާ ހޯލް ބަންދުކުރަން ޖެހުނުކަމުގައިވެސް ކުޅުންތެރިންނަށް ބޭނުންވާ ފަރިތަކުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ވަނީ ކުޅުންތެރިންނާ މަަޝްވަރާކުރެވި، ވަކި ތާވަލެއްގެ ދަށުން ހަމަޖެހިފައި ކަމަށް އެ އެސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކެރަމް އެސޯސިއޭޝަނުން ވަނީ ގޭގައި ބޯޑު ނެތް ކުޅުންތެރިންނަށް ބޯޑާއި އަދި ހުރިހާ ކުޅުންތެރިންނަށްވެސް ކުޅެން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޖިހާދު ވިދާޅުވީ ދިވެހިންނަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ކުޅެންޖެހިފައިވާ ގައުމަކަށްވުމާއެކު ކުޅުންތެރިންގެ ފެންވަރު އެއް ހަމައެއްގައި ދެމެހެއްޓޭނެ ގޮތަކަށް ތަމްރީންތައް ދެވޭނެގޮތްތައް ހަމަޖެއްސުމަކީ ކެރަމް އެސޯއިއޭޝަނުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ.

"މިގޮތުން މިފަދަ ހާލަތެއްގައި މިކަން ކުރުވޭނެ ގޮތްތައް ބަލައި، ގައުމީޓީމްތަކުގެ ކޯޗިންގ ސްޓާފުންގެ ލަފަޔާއި އިރުޝާދުގެ މަތިން މިވަނީ ގޭގައި ތިބިގެން ޕްރެކްޓިސްކުރެވޭނެ އިންތިޒާމް ފަހިކޮށްދީފައި،" ޖިހާދު ބުނެފައިވެ އެވެ.

"އަޅުގަޑުމެން މިހާރު މިދަނީ 'ނިއު ނޯމަލް' ގައި ކެރަމް ހޯލުގައި ގައުމީ ޓީމްތަކުގެ ފަރިތަކުން ކުރިއަށް ގެންދާނެ އުސޫލް ނިންމަމުން. މި އުސޫލްތައް ހަފްތާއެއްހާ ދުވަސްތެރޭ އަޅުގަނޑުމެން ހާމަކުރާނަން."

ކުޅުންތެރިންގެ ފަރިކުރުންތަކާއި ބެހޭގޮތުން ގައުމީޓީމްގެ މެނޭޖަރ ނާޒިމް ހަސަން ވިދާޅުވީ މިވަގުތު ގޭގައި ތިބިގެން ކުޅުންތެރިން ކުރަމުންއެދާ މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި، ހަފްތާއަކު ފަސްދުވަހު ދަނީ ޕްރެކްޓިސްކުރެވެމުން ކަމަށެވެ.

އަދި މިފަދަ ހާލަތެއްގައި ކުޅުންތެރިން ހިތްވަރާއެކު ކުރަމުންއެދާ މަސައްކަތުން ކުޅުންތެރިންގެ 'ޕޮކެޓިންގ ރޭޓް' (ފޮތިވައްޓާ މިންވަރު ބަލަން ގެންގުޅޭ މިންގަނޑެއް) އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިހާލަތުގައިވެސް މިކަން މިގޮތަށް ކުރިއަށް މި ގެންދެވެނީ އެސޯސިއޭޝަންގެވެސް ބުރަ މަސައްކަތުން. މީގެ ކުރިން މިގޮތަށް ގައުމީ ޓީމްގެ ކުޅުންތެރިން ފަރިތަކުރުމަށް ބޯޑު ދެވިފައެއްނުވޭ. އެހެންކަމުން މިފުރުސަތުގައި ކެރަމް އެސޯސިއޭޝަންއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް