ނިރުބަވެރިޔާ - 32

"މިއީ ޚާއްސަކޮށް އަޅުގަނޑުގެ ލޯބިވާ ފިރިމީހާއަށް ގިރާފައި ހުރި ތަށްޓެއް...." އާލިޔާ މާޒިންއާއި ދާދިގާތުގައި ހުއްޓުނެވެ. އާލިޔާގެ އެ ޖެހިލުންކުޑަ އަމަލާއި ޖުމްލައިން މާޒިންގެ މޫނަށް ވީގޮތް ފެނިފައި އަރްސަން ނުލަފާ ހިންޏެއް އައެވެ. އޭނައާއި މާޒިންގެ ނަޒަރު ބައްދަލުވިހިދު މިވަނީ ކިހިނެއްހެއްޔޭ އަރްސަންގެ ނަޒަރު ބުނާފަދައެވެ.

އަރްސަންއަށް އެކަން މަޖާވެ ހިނި އައެވެ. މާޒިން އެތަށީގައި ހިފަން އުޅެނިކޮށް އޭނާ އެތަށި ޖަހައިގަތެވެ.

"ހޫމް ހާދަ ހިތްނުބައި ފަހަރިއެކޭ ޒިން ތި ހޯދަދިނީ. ޒިންއަށް މާ މީރުކޮށް ކޮފީ ގިރާފައި. އަނެއްކާ މަގޭ ތަށްޓަށް ޕޮއިޒަން އަޅާފައިތަ ގެނައީ؟ ފިލްމަކުން ކަން ދުށީމޭ އެކަހަލަ ސީންއެއް. އާލިޔާއަށް އެނގޭތަ؟ ކުޑައިރުވެސް އަހަރެން އަބަދުވެސް މާޒިންގެ ޓޯއިސްތައް ނަގަން..ހުރިހާ އެއްޗެއް ޝެއާކުރަން..." އަރްސަން އެތަށިން ކޯވަރެއް ދަމައިލިއެވެ.

"ތެދެކޭ އާލިޔާ. އަހަރެމެންނަށް ތަފާތުނުކުރައްޗޭ.." މާޒިން ނެގީ ދެން ހުރި ކޮފީތަށްޓެވެ.

"ފިރިމީހާއާއި ޅިޔަނަށް އެއްގޮތަކަށް އަމަލުކުރާކަށް ދީނުގައި ނޯވޭ. ވަރަށް ތަފާތު.."

"މިދައްކަނީ ބެޑްރޫމްގެ ވާހަކައެއް ނޫނޭ...." އަރްސަން ހޭންފެށިއެވެ.

އާލިޔާ އަރްސަންގެ ވާހަކަ ހުރިގޮތުން އެތާ މިނިޓަކަށްވެސް ހުންނާކަށް ބޭނުމެއްނުވިއެވެ. ކުރަން ޖެހޭ އިތުރު މަސައްކަތެއް އެބަހުރި ނޫންހެއްޔެވެ؟ މެންޗެސްޓާ ސިޓީއަކަށް ދާން ޕެކްކުރަން އެބަޖެހެއެވެ. އަރްސަން ހުރި މަޖުލީހުގައި ހުރުމުން އިތުރު ފާފަތައް ވުން ނޫންކަމެއް ނުވާނެއެވެ. އޭނަ ބުނާ އެއްޗަކަށް ޖަވާބުދާރީ ވުމަކީވެސް ފާފައެކެވެ.

"މާޒިން. އަވަހަށް ނިދަން އަންނައްޗޭ..." އާލިޔާ ބުނެލިއެވެ.

"މްމްމް. ހީ ކާންޓް ވެއިޓް އޯ..." އަރްސަން އެއް ލޯ މަރައިލިއެވެ.

ދެމީހުންގެ ރޭވުމުގެ ޚަބަރެއް ނުވާ އާލިޔާ ކޮޓަރިއަށް ވަދެފައި ނިގާބު ނެގިއެވެ. ދެން މީހަކަށް ދައުވަތުދެވޭނީ އެހާ ވަރަށެވެ. އެވަރުންވެސް މާޒިންއަށް ވިސްނޭކަމަކަށް ނުވިއެވެ. އަވަހަށް ނިދަން އަންނާށޭ ބުނީމަ އަދި ޖަވާބުދޭންވީ ވެސް އަރްސަންއެވެ. އެމީހުންގެ ހަނީމޫން ފަނިކޮށްލައިގެން އައިސް އުޅޭ ފިރިހެނެކެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅަށޭ ބުނެއެއް ނޫންހެއްޔެވެ. ދިރިއުޅުމުގައި އެކިގޮތްގޮތަށް އިމްތިހާނުތައްވެސް ކުރިަމަތިވާނެއެވެ.

މާޒިންއަށް ދައުވަތުދީފައި ނުވެސް ނިދުނެވެ. އެނދުގައި އެކިގޮތްގޮތަށް ފުރޮޅި އޮތްއިރުވެސް ލޮލަށް ނިންޖެއް ނައެވެ.

ހެނދުނު ނާސްތާއަށްފަހު އެމީހުން ރޭލުގައި މެންޗެސްޓާސިޓީއަށް ދަތުރުކުރިއެވެ. އަރްސަން ބުނީ އާދައިގެ މީހުންނާއެކު އުޅެންވެސް ބައެއް ފަހަރު ޖެހޭނެކަމުގައެވެ. ކޮންމެ ވާހަކައަކުންވެސް ދައްކުވަނީ ބޮޑާކަމެވެ.

ރޭލު ދަތުރުގައި ފެނުނީ ދަނޑުތަކެވެ. ބައެއް ހިސާބުގައި ފެހިކަން ގަދަކަމުން ދޫލަ ފަތުރާފައިވާ ފަދައެވެ. ޓައުންތަކުގެ ތެރެއިންދާ އިރު ގިނައިން ފެންނަނީ ރަތް އީޓުޖެހި ގެތަކެވެ. ފަރުބަދަތަކެއް ނުފެނެއެވެ. އެރަށަށްގޮސް އެންމެ ކުރިން ކާން ލިބުނީ ޕައިއާއި މޭޝްޑް ޕޮޓޭޓޯ އަދި ގްރޭވީއެކެވެ. އެއީ އެތަނުގެ އާއްމު ކެއުމެވެ. މެންޗެސްޓާގައި މެޗް ބަލައިލަން ދިޔަސް އެމީހުން ތިބީ ކައިރީގައި އޮތް ވިލެޖެއްގައެވެ. ކޮޓެޖެއްގައެވެ. ނޫސް ކަރުދާސްތަކުގައި އޮޅާލާފައި ހުރި ފިޝް އެންޑް ޗިޕްސް ހިފައިގެން އައިސް ކާން ތިންމީހުން ޖައްސައިލިއެވެ. އާލިޔާ އެތިކޮޅެއް ކެއީވެސް މާޒިން އެއީ ޕާކިސްތާނުގެ ބަޔަކު ހިންގާ ހަލާލު ތަނެއްކަމަށް ބުނެ ޔަގީންކަން ދިންވަރުންނެވެ. އެތަނުން ދެން ދިޔައީ ހަތްގަޑިއިރުގެ ދުރުގައި އޮންނަ ކޯންވޯލް ކިޔާ ބީޗްތަކުން ފުރިފައިވާ ރީތި ސަރަހައްދަކަށެވެ. އެތަނުގެ ކްލިފްތަކާއި ޖަންގަލިތަކާއި ބީޗްތައް އަދި ބަގީޗާތައް އާލިޔާއަށް ދައްކަން އުޅެފައި މޫދުކައިރީގައި އޮތް ރިޒޯޓެއްގައިވެސް ދުވަސްތައް ހޭދަކުރިއެވެ. އަރްސަންއާއި މާޒިންގެ ސާފިން އަދި ކޭމްޕިން ދަތުރަކަށްވެސް ވިއެވެ. ދެމީހުންގެ ހަމުގެ ކުލަ ރަންކުލައަށް ބަދަލުވިއެވެ. ލޭންޑްސް އެންޑްފަދަ ހިތްގައިމު ތަންތަނަށް ޒިޔާރަތްކުރެވި ފޯނުގައި ރީތިފޮޓޯތައް ރައްކާކުރެވުނެވެ. އާލިޔާ ފޫހިކަމެއްނެތި އުޅުނީ އަމިއްލަ ދުނިޔެއެއްގައެވެ. ކޮންމެ ތަނަކަށް ދިޔަސް އާލިޔާ ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔަވާ ހަދައެވެ. ޒިކުރުކުރެއެވެ. ކޮންމެ ދުވަހަކު ވީޑިއޯކޯލް އިން މާމައާއި ވާހަކަދައްކާ ހަދައެވެ. އެއީ އެންމެ ބޮޑު އެއް އުފަލެވެ. ފޫހިވުމާއި އެކަނިވެރިކަމުގެ އިހުސާސްތައް އޭނައައި ބީރައްޓެއްސެވެ. ރީތި ތަނަަކަށް ދެވިއްޖެއްޔާ މާ ބޮޑަށް ކުޅަދުންވަންތަކަން ހަދާންވެއެވެ. މިދުނިޔެ މިހާ ރީތިއްޔަ އަދި ސުވަރުގެ ކިހާ ފުރިހަމަވާނެހެއްޔެވެ؟ ޚިޔާލަށްވެސް ނުގެނެވޭނެ ނަމަވެސް ދުނިޔެއާއި މިސާލު ޖައްސަވާފައިވަނީ މީސްތަކުންގެ ސިކުނޑިއަށް ވަންނާނީ އެގޮތަށް ކަމަށްވާތީއެވެ.

އަރްސަން އުޅޭހާތާކުން ފެންނަ ދެމީހުންނަކީ އޭނަގެ ހަށި ފާރަވެރިންކަން އެނގުމުން އާލިޔާއަށް މި މުއްސަދިކަމަކީވެސް ކިހާ ބޮޑު އުދަގުލެއްކަން ވިސްނުނެވެ. އެހާ މުއްސަދިވުމުން މުދަލާއި ފުރާނައަށް ރައްކާތެރިވާން މީހުންގެ އެހީ ހޯދައިގެންނެވެ. އެ މުދަލުން އަރްސަން ޒަކާތް ދޭކަމެއްވެސް އެނގެނީއެއް ނޫނެވެ.

***

ދިޔާނާ ރުޅިއައިސްގެން ދެލޯވެސް އަނގުރުކޮޅެއްހާ ރަތެވެ. އޭނަގެ ދަރިފުޅު އަދާގެ ދިރިއުޅުން ހަލާކުވާތަން ދެކެން އޭނައަށް ކުޅަދާނަވާނީ ކިހިނެއް ހެއްޔެވެ؟ އަޔާޒު ވަޒީފާއިން ކަނޑާލީމަވެސް އަރްސަން ކިޔާ މޮޔަ ދަރި ވަޒީފާ އަލުން ދީފިއެވެ. އަޔާޒު އަދާއާއި ކައިވެނި ކުރީ މައިދައިތަ ބަލުވާށެވެ. އަޅެއްފަދައިން ގޭގައި ބަހައްޓާފައި ހުންނައިރުވެސް އެ ކުއްޖާއަކަށް އެކަން އިހުސާސެއް ނުކުރެވުނެވެ. އަދާފަދަ ތައުލީމީ އަންހެންކުއްޖަކު އެގޮތަށް ގޭގައި ހުރެގެން ކުރިމަގު ހަލާކުކޮށްލާތަން ދެކެން އޭނައަކަށް ކުޅަދާނައެއް ނޫނެވެ. އޭނައަކީ މަންމައެކެވެ. މަންމައަކު ދަރިއަކަށްޓަކާ ކިތަންމެ ބޮޑު ގުރުބާނީއެއްވެސް ވެދާނެއެވެ.

ދިޔާނާ ކޮންމެވެސް މީހަކަށް ގުޅައިގެން ގެނައެވެ.

އޭނަ ދިން ޗެކް ފެނުމުން އެމީހާގެ ލޯވެސް ދިއްލުނެވެ.

"ތިކަން ކޮށްދޭނަން.."

"ނަމަ ނަމަ ފުރާނައަށް ގެއްލުމެއް ނުކުރައްޗޭ. އެކަމަކު މީހާ ނުކުޅެދޭ މީހަކަށް ހަދައިލަން ޖެހޭނެ....."

"ޔަގީން..." އެމީހާ ހެވި ދިއްލިފައި ހުރެ ފައިސާތަކުގައި ބޮސްދިނެވެ. ފައިސާގެ އަޅަކަށް ބައެއް އިންސާނުންވިތާ އެތައް ޒަމާނެކެވެ. ފައިސާގެ ބާރުގައި އިންސާނަކު ކިތަންމެ ނުބައި އަމަލެއްވެސް ކޮށްފާނެއެވެ. ދިޔާނާވެސް ފައިސާއާއި މުދަލަށް ބޫތުކާފައި ހުރިވަރުން އަރްސަން އެއުޅޭ މުއްސަދި ދިރިއުޅުމާއި އަޔާޒްއާއި އަޅާ ކިޔެނީއެވެ. އޭނަގެ ދަރިފުޅާއި ބެހޭގޮތުން މީހުން ވިސްނާނެ އެއްޗަކުން އުދަގޫވަނީއެވެ. އޭނަ އަދާ ވިހެއީ ދެ ދަރިންގެ ދޮންމަންމައަކަށް ވާކަށް ނޫނެވެ. ބައްޕަގެ އުމުރު މީހަކާއި ދެވާކަށް ނޫނެވެ. އެހުރިހާ ނަސީބަކާއި އުފަލެއް ފޭރިގަތީ އާލިޔާއެވެ. މާޒިންއާއި އަރްސަންއާއެކު ގޮސް ޔޫކޭގައި އުދުހެނީއެވެ. އަދާ އުޅެންޖެހޭނީ އޭނަފަދައިން މުއްސަދި އުފާވެރި ދިރިއުޅުމެކެވެ. އޭނަ ކޮންމެފަދަ ގޮތެއް ހަދާފައިވެސް އަރްސަންއާއި އަދާ ގުޅުވާނެއެވެ. އެނޫނީ އޭނަ މަރުވިޔަސް މާ ހިތަށް ފަސޭހައެވެ.

***

"އިއާންއަކީ މާމަގެ ދަރިއެއްތަ؟" މިންކާ ސުވާލުކޮށްލިއެވެ.

"އެއީ އަހަރެންގެ ދަރިއެއް ނޫން. އަހަރެންގެ އަންހެންދަރިފުޅުގެ ދަރިއެއްވެސް ނޫން. އެކަމަކު މަގޭ މަންމަގެ ދަރިއެއްގެ ދަރިއަށް ވީމަ އެކަމާ މިވަރަށް ރޮއި ބަލިވަނީ. އަޔާޒް އަޔާޒް. އެންމެ ފުރަތަމަ ދަރިފުޅަށް ކާންދީފައި ފެންވަރުވާ ތެޔޮ ލައްވާފައި އިރުއޮއްސެންދެން ދެގެބަލަ. ކުއްޖާ ނުމަރާތި. ދެން ގެންގޮސް ކުއްޖާގެ މަންމައަށް ދިނީމަ ވަލު ތެރޭ ގެންގުޅެފާނެއްނު. ދެން ކުއްޖާ ބަލާނެ މީހެއް ނެތީމަ ދެން ދިނީމަ ކުއްޖާ ބަލާނެއްނު..."

"އެވަރުން އުޅެން އެއީ ކާކުގެ ދަރިއެއްތަ މާމާ..."

"އެއީ މިގޭ އަޔާޒު އިނދެގެން ހުންނަ...ދަލޭކާދީގެ...."މާމަ ކަރުކެހިލިއެވެ. ބުނަންވީ އެއްޗެއް ނޭގިގެން ވިސްނަން އިން ފަދައަކުން ބަލަން އިނދެފައި ތެދުވާން އުޅުނެވެ. "މާމަ ދާންވެއްޖެ......"

"ކޮންތާކަށްތަ މާމަ.." މިންކާ މާމައަށް ދެވުނަކަ ނުދިނެވެ.

"އަހަރެން ދެވުނަދީ ނޫނީ ފައިން ތަޅައިގެންފާނަން..."

"މިންކު ތިކަހަލަ ވާހަކަދެއްކީމަ މާމަ ސްޓްރެސްނުވާނެތަ؟ އައި ފީލް ޑިމެންޝިއާ ޕޭޝަންޓުންނާ ބައެއްކަހަލަ ވާހަކަތައް ދެއްކީމަ އެގްރެސިވް ވެ ނޫނީ ސްޓެރެސްވާނެއޭ.." އަދާ ކާން އިން ޗޮކްލެޓުން އެތިކޮޅެއް މާމައަށާއި މިންކުއަށް ދިނެވެ.

"އަޔާ ދޮންބެއާއި އާލިޔާ މާމައާއި ޑީލްކުރަން އެންމެ ރަގަޅުވާނީ."

"ހޫމް..... "

މިންކާ ދުވެފައިގޮސް އިރުކޮޅަކުން ގެނެސްދިނީ މާމަގެ ފެވެރިޓް"އިއާން" ބުދެވެ. އެބުދު އުނގަށް ލަމުން މާމަ ނާނާއެއް އަޅުވާލައިފިއެވެ. އުފަލުން ތުންފިއްތާލައިގެން ހެމުން ކުއްޖާގެ މޫނަށް ބޮސްދެމުން ނިކަން ލޯބިން ވާހަކަދެއްކިއެވެ. މިންކާ އޭނަގެ މާމައާއެކު ސެލްފީއެއް ނެގިއެވެ. އާލިޔާއަށް ފޮނުވުމުން އާލިޔާ ބުނީ ވަރަށް ހަނދާންވާ ކަމުގައެވެ.

ވާރޭ ވެހިގަތީ އިންޒާރެއްވެސް ދިނުމަކާއި ނުލައެވެ. ގަދަވަޔާއެކު އައި ކެރިގަނޑުގައި ފުރާޅުތައްވެސް އެއްލާލަފާނެހެން ހީވިއެވެ. މިންކާމެންގެއިން ގެނައި ބިރިޔާނީއާއި ސެލެޑް އަދި ފިހުނު ކުކުޅުން މޭޒުމަތި މިރޭ ނިކަން މުއްސަންޖެވެ. އަޔާޒު އައުމުން ކާންވެގެން ކާން ހަދައިގެން އަދާ އިންއިރު މިންކާ އުޅުނީ މުޅިންވެސް މާމައާއެކުގައެވެ.

"ޑޮކްޓަރުންގެ ވަޒީފާ ކިހާ ބުރަ ދޯ. އެހެން ތިބެފައި އޯވާޓައިމްއަށް ދާން ޖެހިދާނެ. އަބަދު ބަލިމީހުންނާއެކު. އަހަރެން ޑޮކްޓަރަކާ ނީންނާނަން. އިންފެކްޓް ދުވަހަކު މީހަކާއި ނީދފ.." މިންކާ މޭޒުމަތީގައި ހުރި ތަށިން ކުކީއެއް ނެގިއެވެ.

"އަޔާ ގުޅާފައި މިއަންނަނީއޭ ބުނިތާ އިރުކޮޅެއްވެއްޖެ......."

"ވިއްސާރަކަމުން ދުއްވަން ފަސޭހައެއްނުވާނެ.." މިންކާ ބުނެލިއެވެ.

"ފޯނުވެސް ނުނަގާ.." އަދާ ދެތިންފަހަރު ގުޅިއެވެ.

"ބިޒީވީ ކަމަށްވާނީ...." މިންކާ ބެލްކަންޏަށް ނުކުތްތަނާ ޖެހި ބާރު ގުގުރިން ކަންފަތުގައި އަތް އަޅައިލެވުނެވެ. ހުދުއަލިން ލޯވެސް ތަރަތަރަޖަހައިގެންދާ ގޮތްވިއެވެ. ތޫފާނީ ރެއެކެވެ. ނަސީބަކުން މާމަ އިނީ ބޮޑު ސޯފާގައި އިށީދެ ފޯނާއި ކުޅޭށެވެ. ކުދިންގެ ވީޑިއޯތައް ފެނުމުން މާމަ ނިކަން އުފާވެފައި އިންނާނެއެވެ.

***

އާލިޔާ ކާކޮޓަރީގެ ކުޑަދޮރު ކައިރީ ހުރިއިރު އެއްފަރާތު ބޭރުން ފެންނަން ހުރީ ފިނިފެންމާ އަޅާ ފުރިފައިވާ މާ ގަސްބޮނޑިތަކެވެ. ގަދަ ފެހި ވިނަގަނޑެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހިފައި އޮތުމުން ތެމިފައި ވުމުން ފަތްތައް ވަކިން ކަޅުފެހިކުލައެއްގައި ފެނެއެވެ. ވަރަށް އުފާވެފައި އެމާތައް އަދާއަށް ދެއްކިއިރު މިއީ އަދާއަށް ފެނި ބާވެފައިވާ މަންޒަރެއްކަން އާލިޔާ ހަދާނެއްނެތެވެ. ކުއްލިއަކަށް ފަހަތުން އައި އަރްސަން އަށް އަދާއާއި އަޔާޒް ފެނުމުން ރުޅިއައިސް މޫނުގެ ކުލަވަރު ބަދަލުވިއެވެ.

އާލިޔާ ވީޑިއޯ ކޯލް އޮފްކޮށްލާފައި ބަލައިލިއިރު އަރްސަން ހުރީ ދޮރުމަތީގައި ނުރައްކާތެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ.

"ތެދަށް ބުނެބަލަ. އާލިޔާ ކުރުވިކަމެއްތަ އެއީ.."

"އާން ދޮންބެއަށް ރަގަޅު ކުއްޖަކު ހޯދަދޭން ބަލައިލިއިރު ފެނުނީ އަދާ"

"އެދެމީހުންނަށް އުފަލުގައި އުޅެވޭނެހެން ހީވޭތަ؟ އަހަރެމެންގެ ހޮސްޕިޓަލެއްގައި ތި ބުނާ ދޮންބެ ވޯކްކުރަނީ؟ އޭނައަކީ މަގޭ ނޯކަރެއް....އެކަން ހަދާން ނައްތާނުލާތި. އާލިޔާ ފާޑުފާޑަށް އުޅެންޏާ އައި ވިލް ޑިސްޓްރޯއި ހިމް..."

"އޯ.......އިންސާނުންނަށް އެހާ ބާރެއް ލިބިފައެއްނެތް. ރިޒުގު ދެއްވަނީ މާތްﷲ. އެކަމަކު ފޯ ޔޯ އިންފޮމޭޝަން މިސްޓަރ އަރްސަން އަހުމަދު މައިމޫން. އަޅުގަނޑު ދޮންބެމެންނާއި ވާހަކަދެއްކީ އަރްސަންއަށް ދައްކާކަށް ނޫނީ ޖެއްސުމަކަށްނޫން. ކޮންމެދުވަހަކު އަޔާޒުއާއި އަދާއާއި ވާހަކަދައްކަން. ދޭ އާ މައި ފެމިލީ އެހެންވެ.." އާލިޔާ ބުނެދިނެވެ.

އަރްސަން ދޮރުގައި އަތް އަޅުވައިގެން ބަލަން ހުރީ ފާޑަކަށެވެ.

"ތަން ދައްކާ..."

"ނުދެއްކިއްޔާ....." އަރްސަން އެއްބުމަ އަރުވައިލިއެވެ.

އާލިޔާ ރުޅިގަދަވިއެވެ. އަރްސަންގެ މޫނުމަތީގައި ހުރި ބޮޑާ ހިނިތުންވުން ފިލުވައިލަން ބޭނުންވިއެވެ. ހަމަ ޝައިތާނަކަށް ދޫނުކުރެއެވެ.

"އަހަންނަކީ އިންސާނާގެ ސިފައިގަ ހުރި ޑެވިލްއޭ. އެހެންނު ހިތަށް ތިއެރީ..." އަރްސަންގެ ޖުމްލައިން އާލިޔާގެ ގައިން ހީބިހިނެގިއެވެ. އެއްވެސް މީހަކަށް އަނެކާގެ ސިކުނޑީގައި ހުންނަ އެއްޗެއް އެނގޭނީއެއް ނޫނެވެ. އަރްސަން އެކަމަކު އޭނަގެ ސިކުނޑިއަށް ފީނައިގަންނަފަދައެވެ. ކޮންމެހެން އެނގެނީއެއް ނޫނެވެ. އޭނަ ރުޅިއަންނާނެވަރާއި ހިތަށް އަރާނީ އެފަދަ އެއްޗެއްކަން ވިސްނައިގަންނަނީއެވެ. އިއްތިފާގެކެވެ.

މާޒިން އަރްސަންއަށް މާ ބާރަކަށް ގޮވަން ފެށިކަމީ ނަސީބެކެވެ.

"އަދިވެސް ޑެވިލްއާއި މީޓްވާނެ....ސީރިޔަސްކޮށް ކަލޭމެން އެއްވެސް އަންހެނަކަށް އުފަލުގައި އުޅެވުނަކަ ނުދޭނަން.." އަރްސަން އިންޒާރެއް ދީފައި ދާން ހިގައިގަތެވެ.

ކުއްލިއަކަށް އަރްސަން ބަދަލުވީ ސަބަބެއް އާލިޔާއަކަށް ނޭގުނެވެ. ބައިޕޯލާ ޑިސްއޯޑާ ހުރީ ކަމަށް ވެދާނެއެވެ.

ހަގީގަތުގައި އަރްސަން ބަދަލުވި ސަބަބަކީ އެއީއެއް ނޫނެވެ. އާލިޔާ ގަސްތުގައި އޭނަ މިގަޑީގައި ކޮފީ ބޯން އަންނާނެކަން އެނގިގެން ޖެއްސުމަށް އެދެމީހުން ދައްކަންވެގެން ވީޑިއޯ ކޯލް ޖެއްސީކަމުގައި އޭނަ ދެކުނީއެވެ. މިހުރިހާ ދުވަހު އޭނަ ހުރީ ފުދޭވަރަށް "ކޫލް"ކޮށެވެ. ބަދަލުހިފުމުގެ މަތިންވެސް ހަނދާންނެތިފައެވެ. ނަމަވެސް އެ މަންޒަރު ފެނުމުން ހިތުގައިވާ ބަދަލުހިފުމުގެ ރޫހު އާލާވެގަތީއެވެ. ޗުއްޓީ މޫޑުގައި ހުރި އަރްސަން ބަދަލުވީއެވެ.

***

ކޯންވޯލްގެ ބީޗަކަށްގޮސްފައި އާލިޔާ ހިލަގަނޑުމަތީ ހަމަޖެހިލައިގެން އިށީދެ އިނދެ ޕޮޕްކޯންކަމުން ދިޔައެވެ. އަރްސަންވެސް މޫދުގައި ފަތަން އުޅެއެވެ. ހަށިފާރަވެރިންވެސް ޖެޓްސްކީއެއްގައި އުޅުނެވެ.

"ހިނގާ މޫދަށް އެރެން...." މާޒިން އާލިޔާ ގާތުގައި އިށީނެވެ.

"މިހެދުމާއެކު އުދަގޫވާނެ. މިތަން ކޮންމެވެސް ވަރަކަށް ފުން...."

"އާނ..ޝާކްވެސް އުޅޭނެ...." މާޒިން ސަމާސާއަކަށް ހަދާފައި އާލިޔާ ކޮށްޕާލީ ގަސްތުގައެވެ. އެއީ އަރްސަންގެ ޚިޔާލެކެވެ. އޭނަ އާލިޔާ ނަގާނެކަމުގައެވެ. ގެނބުނަ ނުދޭނެކަމުގައެވެ. ނަމަވެސް އާލިޔާއަށް ވީގޮތަކީ ހެދުން ބޮލުގައި އެޅިގެންނާއި މޫނުމަތިން ފޮތިަގަނޑު ނުނެއްޓުމާއެކު އަރްސަންއާއި ދުރަށް ދާން އުޅެގެން ލޮނުބޮވުނީއެވެ. އަރްސަންއަކީ ކުޅަދާނަ ފެތުންތެރިއަކަށްވުމުން އޮއިވަރު ގަދަވިޔަސް ސަލާމަތްކުރެވޭނެކަމުގެ ޔަގީންކަން އޮތެވެ. ނަމަވެސް އޭނަ ގަސްތުގައި އަޅާ ނުލާ ބަލަން ހުރީއެވެ. އަރްސަންގެ ހަށި ފާރަވެރިޔަކަށް އާލިޔާ ގެނބޭތަން ފެނި ކަންބޮޑުވެފައި އެދިމާލަށް ދާން އުޅުމުން އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. މާޒިން ފޯނެއް އައިސްގެން އަނެއް ފަރާތަށް އެނބުރުނީމަ އެހާ ރަގަޅަށް ވީގޮތެއް ނޭގުނެވެ.

މާޒިންގެ ނަޒަރު މޫދަށް ހުއްޓުމާއެކު ފުންމާލާފައި އެދިމާލަށް ފަތައިގަތެވެ. އެންމެ ފުރަތަމަވެސް އާލިޔާގެ ބުރުގާ އާއި މޫނު ފޮތިކޮޅު ނައްޓާލިއެވެ. އާލިޔާ ނަގައިގެން އައިސް ދޮންވެލިގަނޑުމަތީ ބޭއްވިއިރު އާލިޔާގެ ހަރަކާތެއްނެތެވެ. އޭނަ އަވަހަށް އެހީއަށް އެދި ރިޒޯޓަށް ގުޅަން މަސައްކަތްކުރިއެވެ. އެމީހުން ތިބީ އާއްމުކޮށް މީހުން އައިސް ނޫޅޭ ސަރަހައްދެއްގައިކަމުން ދިރޭ ފުރާނައެއްވެސް ހުރީއެއް ނޫނެވެ. ސަމާސާ ވިހަވެ އާލިޔާގެ ފުރާނައަށް ނުރައްކާވާކަށް އޭނާ ނޭދެއެވެ.

"ސީޕީއާރު....ޒިން އަވަސް..." މާޒިންގެ ހިތުގެ ކަނަކުން އެންގިއެވެ.

މާޒިން އާލިޔާގެ މޭގައި އަތް އަޅާ އޮބާލުމަށްފަހު އާލިޔާގެ އަނގަ ހުޅުވިއެވެ. މާޒިން ހިތާހިތުން ދުޢާކުރަމުން ދިޔައީ އާލިޔާގެ އުމުރު ދިގުކުރެއްވުމަށެވެ. އޭނަ ކުރި ސަމާސާއަކުން މިކުއްޖާ މަރުވެގެން ގޮސްފިއްޔާ އުމުރު ދުވަހުވެސް އަމިއްލަ ނަފުސަށް މާފެއްނުދެވޭނެއެވެ.

"ޒިން ޑޫ އިޓް. ނޫނީ ތިކުއްޖާ މަރުވެދާނެ.."

މާޒިން މަސައްކަތްކުރަނިކޮށް ކުއްލިއަކަށް އާލިޔާ ކެއްސައިގެންފާ ފެންތައް އަނގަޔާއި ނޭފަތުން އެރިއެވެ.

"ބުރުގާ...." އާލިޔާ ވަށައިގެން ހޯދައިލިއެވެ.

ކިރިޔާނު ނުގެނބުނީ. ނިގާބު އޮޔާ ދަމައިގެންފި...." މާޒިން އިނީ ވަރުބަލިވިގޮތަށް ދެއަތް ދޮންވެލިގަނޑުމަތީ ވިއްދާލައިގެން އިށީދެގެންނެވެ. ދެންމެ ހިނގި ހާދިސާ ބިރުވެރި ހުވަފެނަކަށްވެގެން އޭނަގެ ރޭގަނޑުގެ ނިދި ނަގާލާނެކަން ޔަގީނެވެ. އޭނަ ޔަގީންކުރީ އާލިޔާ މަރުވަނީކަމުގައެވެ. މާޒިންއާއި އާލިޔާގެ ހަތަރުކަޅި ހަމަވިއެވެ. އާލިޔާ އިނީ ލަދުންނެވެ. ހިތްހަމަވެސް ނުޖެހިފައެވެ. މޫނު ފޮރުވަންވެގެން އޭނަ ބޯ އެޅީ ކަކުލުގައެވެ.

"އާ ޔޫ އޯކޭ؟ " މާޒިން އެހިއެވެ.

"އަލްހަމްދުލިﷲ..." އާލިޔާ ކުޑަކޮށް ކެއްސައިލިއެވެ.

"އަހަރެމެންނަށް ދެން ބޭނުންވަނީ ހޫނު ކޮފީއެއް."

އާލިޔާގެ މޫނު ފޮރުވާނެގޮތެއް ނެތިގެން މާޒިން އޭނަގެ ޓީޝާޓު ބާލާފައި ދިނެވެ.

"މި ބޮލުގައި އަޅާ..."

އާލިޔާ އިނީ ހަދާނެގޮތް ހުސްވެފައެވެ. އަދިވެސް އޭނަގެ މޭގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ. މިއަދު މާޒިން ކޮށްލިކަމަކުން ދިރިއުޅުމުން އަތްދޮވެލަން ނުޖެހުނީ ހަމަ ކިރިޔާއެވެ. ސަމާސާކުރިޔަސް އެންމެ ރަގަޅެވެ. ނަމަވެސް ވަކި ހުދޫދެއް އޮންނަންވާނެއެވެ. ފުރާނައަށް ގެއްލުންވެދާފަދަ އެފަދަ އަމަލުތައް ކުރުމަކީ ސަމާސާއަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އޮއިގަދަކަމުން އެމީހުން ދަމައިނުގަތީ ހަމަކިރިޔާއެވެ. އާލިޔާ މޫދާއި ދިމާލަށް ބަލައިލުމުން ސިހުނެވެ. އަބަދުވެސް މޫދާއިހެދި އުޅެ އެ ރާޅުތަކުގެ އަޑުން ހިތްހަމަޖެހުން ލިބުނަސް މިއަދު ކޮންމެވެސް ވަރެއްގެ ސިހުމަކާއި ބިރެއް ހިތުގައި އުފެދިގަތެވެ. އެންމެނަށް ނުރައްކާވި ހާދިސާއެއްކަމަށް އެންމެނަށްވެސް ގަބޫލުކުރެވުނުކަން އެ ހިމޭންކަން ރަމްޒުކޮށްދިނެވެ. ބީޗްފެންނަ ހިސާބުގައި ހޮޓެލްގައި ރޭގަނޑުކާން އަރްސަންއާއި މާޒިން ތިބިއިރު އާލިޔާ އޮތީ ކޮޓަރީގައެވެ. ސީފުޑް ކެއުމަށް އިންސާފުކުރަން ތިބިއިރު ހަނދާއި ތަރިތައް ފަލަކުގައި ފާޅުވާން ހުރުމުން ވަރަށް ހިތްގައިމެވެ. ރާޅުތަކުގެ އަޑު ރީތި ރާގެއްފަދައެވެ. އަމާންކަމާއި ހިތްފަސޭހަކަމުގެ އިންތިހާއެވެ.

"މިކަން ހުއްޓާލާފައި އާލިޔާ އޭނަގެ ފެމިލީ ގާތަށް ފޮނުވައިލަން މަށަށް ފެންނަނީ...."މާޒިން ސީރިޔަސްވިއެވެ.

"އެއީ ކީއްވެތަ؟ " އަރްސަން އެހިއެވެ.

"އިޓްސް ނޮޓް ވޯތް ދޯ. ކޮންމެހެން އާލިޔާ ޗޭންޖުކުރާށޭ ކިޔާފައި އާލިޔާއާއި ގުޅެން ޖެހޭނެތަ؟އެއީ ހިތަށް އަރާ އެއްޗަކީ...." މާޒިން ބުނެލިއެވެ.

"ޒިން. އަހަރެން ބުނާގޮތަށް ހަދާނީ. އައި ނީޑް ހާ...ސޯ މަ ބުނާގޮތަށް ހަދާ.." އަރްސަންގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު