ފްލޮއިޑްގެ މަރު: ބްލޭކް އާއި ރާޔަންގެ ފަރާތުން އެހީއެއް

ބްލޭކް ލައިވްލީ އާއި ރާޔަން ރޭނަލްޑްސް --- ފޮޓޯ : އީ! އޮންލައިން

ޖޯޖް ފްލޮއިޑްގެ މަރާއެކު، ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާތަކަށް، ހޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ ބްލޭކް ލައިވްލީ އާއި ރާޔަން ރޭނަލްޑްސް ދެމަފިރިން، 200،000 ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު މަރާލުމާ ގުޅިގެން އެ ސިޓީގައި ބައެއް ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ބްލޭކް އާއި ރާޔަން ދާދި ފަހުން އާންމުކޮށްފައިވަނީ، އެ ދެމަފިރީން ވަނީ، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ނޭޝަނަލް އެސޯސިއޭޝަން ފޮ އެޑްވާންސްމެންޓް އޮފް ކަލާޑް ޕީޕަލް"އަށް ފައިސާގެ އެހީއެއް ދޭނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންނަކަށް އިހުސާސެއް ނުކުރެވޭނެ ތަފާތު ނަސްލުގެ މީހުންނަށް ކުރިމަތިވަމުންދާ ދަތިތަކެއް. އަޅުގަނޑުމެން ލަދުގަނޭ އަސްލު މިފަދަ ހާލަތަކަށް ދިޔައިރު އަޅުގަނޑުމެން ބޮޑަށް ކަންތަކަށް އަހުލުވެރިވެފައި ނުވާތީ. ލަދުގަނޭ ގައުމުގައި ގޯސްވެފައިވާ ނަސްލީ ތަފާތުކުރުމުގެ ހާލަތާ މެދު،" ދެމަފިރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެހެންކަމުން ނަސްލީ ތަފާތުކުރުން ނައްތާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ދެމަފިރިން ބުންޏެވެ. އަދި އެ ފައިސާގެ އެހީއަކީ ކޮށްދެވެން އޮތް ކަމަކަށްވާތީ އެކަންތައް އުފަލުން ކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ހޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އަންނަނީ އެކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ މުޒާހަރާގައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ވަނީ ބައިވެރިވެފައެވެ.

މުޒާހަރާގައި ހައްޔަރުކުރާ ފަރާތްތައް މިނިވަންކުރަން މަޝްހޫރު މޮޑެލް ކްރިސީ ޓީގަން ވަނީ 200،000 ޑޮލަރުގެ ފައިސާ ހޭދަކުރުމަށްވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް