އަށިގަނޑުގެ އެހީގައި ކުޑަ ކުޑަ ޓޮބިއަސް ފުލް މެރަތަންއެއް ދުވެފި

އުމުރުން ނުވަ އަހަރުގެ ޓޮބިއަސް އަށިގަނޑެއްގެ އެހީގައި މެރަތަން ފުރިހަމަކުރަނީ --- ފޮޓޯ: ސީއެންއެން

އުފެދުމުގައި ވެސް ދެފައިގައި ވަރު ނުހުންނަ އުމުރުން ނުވަ އަހަރުގެ ޓޮބިއަސް ވެލާ ދެ އަށިގަނޑުގެ އެހީގައި ފުލް މެރަތަންއެއް ފުރިހަމަކޮށް ގިނަބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

އިނގިރޭސިވިލާތުގެ ޝެފީލްޑައަށް އުފަން ޓޮބިއަސް އަށް ދެ އަށިގަނޑުގެ އެހީގައި 26.2 މޭލް (42 ކިލޯމީޓަރު) އެއްކޮށް ފުރިހަމަ ކުރެވިފައިވަނީ ޖުމުލަ 70 ދުވަހުންނެވެ. އޭނާ އަކީ އުފެދުމުގައި ވެސް ދެފައިގައި ވަރު ނެތުމުން އަމިއްލަ ހާލައިގެން ހިނގުމުން މަހްރޫމްވެފައިވާ ކުއްޖެކެވެ.

ޓޮބިއަސް ބުނީ އޭނާގެ މި މެރަތަން ފުރިހަމަކުރުމަށް އިންސްޕަޔާ ވެގެންދިޔައީ، އުމުރުން 100 އަހަރުގެ ކެޕްޓަން ޓޮމް މޫރް އޭނަގެ ގާޑެންގައި 100 ފިޔަވަޅު ފުރިހަމަކޮށް ހޯދި ފަންޑު ކޮރޯނާ ވައިރަހަށް އެހީވުމަށް ދިނުމުން ކަމަށެވެ. އެހެން ކަމުން ޓޮބިއަސްގެ ސަޕޯޓަރުން މިހާރު އޭނާއަށް ވަނީ ކެޕްޓަން ޓޮބިއަސްގެ ނަމުން ނަން ދީފަ އެވެ.

އުމުރުން ނުވަ އަހަރުގެ ޓޮބިއަސް އަށިގަނޑެއްގެ އެހީގައި މެރަތަން ފުރިހަމަކުރަނީ --- ފޮޓޯ: ސީއެންއެން

ކޮރޯނާ ވައިރަހަށް ފަންޑް ހޯދުމުގެ ގޮތުނ ޓޮބިއަސް މި ދަތުރު ފެށީ އޭނާ ދިރިއުޅެމުންދާ ޝެފީލްޑްގެ ހެލްތް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމަށްޓަކައި 500 ޕައުންޑް ހޯދުމަށް ޓާގެޓް ޖަހައިގެންނެވެ. އެކަމަކު ޓޮބިއަސްގެ ވަރުގަދަ ހިތްވަރު ފެނި ގިނަބައެއްގެ ސަމާލުކަން ލިބުމުން އޭނާގެ ޗެރިޓީ ފަންޑަށް މިހާތަނަށް ވަނީ 46،000 ޕައުންޑަށް ވުރެން ގިނަ ފައިސާ ލިބިފަ އެވެ.

އުފެދުމުގައި ވެސް އޯޓިޒަމް ހުންނަ ކުޑަކުޑަ ޓޮބިއަސް މިހާރު މެރަތަންއެއް ފުރިހަމަކޮށްފައިވާ އިރު، އޭނާގެ ހިނގުން އަދިވެސް ހުއްޓައެއް ނުލައެވެ. ޓޮބިއަސްގެ މަންމަ ރޫތް ގަރްބަޓް ބުނީ އޭނާގެ ދަރިފުޅު މިހާރު ޓާގެޓް ޖަހާފައިވަނީ 50 ކިލޯމީޓަރު ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި ޓޮބިއަސްގެ މި ދަތުރު ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ޝެފީލްޑްގެ ޕޮލިހުން މަގު ވެސް ބަންދުކޮށްފައިވާ ކަމަށް އޭނަގެ މަންމަ ބުންޏެވެ.

ޓޮބިއަސް މެރަތަން ފުރިހަމަކުރުމަށްފަހު ބުނީ، މެރަތަންއެއް ފުރިހަމަ ކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ވަރަށް އުފާވޭ އާއިލާގެ މެމްބަރުންނާއި، އަވަށްޓެރިން އަހަރެންނަށް މިކަމުގައި އެހީތެރިވުމުގެ ގޮތުން އަތްޖަހައި، ހިތްވަރުދެމުންދާތީ." ޓޮބިއަސް ބުންޏެވެ.

ޓޮބިއަސްގެ މި އިވެންޓަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު އިނގިރޭސިވިލާތުގެ މަޝްހޫރު ކުޅިވަރު ތަރިން ވެސް އަންނަނީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖުތައް ފޮނުވަމުންނެވެ.

comment ކޮމެންޓް