އެންދަމަން ފޭބި މީހަކު ކަނޑުވެފައި އޮއްވާ ދޯންޏަކަށް ފެނިގެން ސަލާމަތް ކޮށްފި

ރ. މަޑުއްވަރީ --

ރ. މަޑުއްވަރީ ދޯންޏަކުން އެން ދަމަން ކަނޑަށް ފޭބި މީހަކު ކަނޑުވެފައި އޮއްވާ ސަލާމަތްކޮށްފިއެވެ.

އެނގިފައިވާގޮތުގައި އޭނާ މަހަށް ދިޔަ ދޯނިން އެންދަމައިގެން ނައްޓާލާފައި ވަނީ އޭނާ އެންދަމަން ފައިބައި އޮއްވަ އެވެ. އަދި އޭނާ ނެތްކަން ދޯންޏަށް އެނގުނު ކަމަށް ވަނީ ދޯނި މަސްކިރަން އޮއްވާ ކަމަށް ދޯނި މީހުން ބުނާ ކަމަށް އެރަށު މީހަކު 'ސަން' އަށް ބުންޏެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އެމީހާ ކަނޑުމަތީ އޮއްވާ ސަލާމަތްކޮށްފައިވަނީ ކ.ހުރާ ދޯންޏަކުންނެވެ. އޭނާ މިހާރު އޮތީ މަޑުއްވަރީ ސިއްހީ މަރުކަޒުގައެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުން "ސަން" އަށް ބުނީ ކަނޑުވި މީހާގެ ހާލު ސްޓޭބަލް ކަމަށާއި އޭނާގެ ފަރާތުން އިތުރު ކަމެއް ފާހަގަ ނުވާ ކަމަށެވެ.

"ބިރުގަނެފައި އޮތީ. އަނެންހެން އެއްވެސް ކޮމްޕްލިކޭޝަނެއް ފާހަގައެއް ނުވޭ. އިތުރު ކަމެއް ފާހަގަވޭތޯ ބެލުމަށް މިހާރު އޮތީ އޮބްޒަވޭޝަނުގައި،" ހެލްތު ސެންޓަރުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވިއެވެ.

ކަނޑުވެފައި އޮއްވާ ފެނުނީ ޒުވާން އުމުރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ރ އަތޮޅު މަހިދޫ ކައިރިން ކަނޑުމަތިން މީހަކު ފެނިގެން ހުރާ ދޯންޏަކުން ނަގާފައިވާ ކަމަށް މިއަދު 17:57 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންނާއި މަޑުއްވަރީ ރައްޔިތުން ގުޅިގެން ޑިންގީއެއްގައި ގޮސް އެމީހާ މަޑުއްވަރީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާއަކީ މަޑުއްވަރީއިން މަހަށް ދިޔަ ދޯންޏަކުން ފީންނަން ފޭބި މީހެއް ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ބުންޏެވެ.

comment ކޮމެންޓް