ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ސުޕްރީމް ކޯޓުގެ ފުރަތަމަ އޮންލައިން ޝަރީއަތުގެ ތެރެއިން --

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރު 13:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައި ވަނީ ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިމައްސަލަ އެކެވެ. އަދުނާނަކީ ކުރިން ރައީސް އޮފީހުގެ ޑިރެކްޓަރަކަށް އުޅުނު މީހެކެވެ. އޭނާ ހަ އަހަރަށް ޖަލަށް ލުމާއެކު ތައުޒީރުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުޅަ ބާލިޣުނުވާ އުފަން ދަރިއަކާ މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމުންނެވެ.

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ، ދައުލަތާ ދެކޮޅަށް އަދުނާނު ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ސުޕްރީމް ކޯޓުން ބުނީ މި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވީ އެ ފަރާތެއް ގާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ލައިވްކުރަން ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީއަތް ލައިވްކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް