މުޒާހަރާތަކާ ގުޅިގެން ޓްރަމްޕް، ވައިޓް ހައުސްގެ ބިމުއަޑީގެ ބަންކަރަށް ގެންދިޔަ

ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން ވައިޓް ހައުސް ކުރިމަތީގައިވެސް މުޒާހަރާ ކުރިއަށްގެންދޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖޫން 1): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާ ވައިޓް ހައުސްގެ ކުރިމަތީގައި ހުކުރު ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން ރައީސް ކުޑައިރުކޮޅަކަށް ވައިޓް ހައުސްގެ ބިމުއަޑީގައި ހުންނަ ބަންކަރަށް ގެންދިޔަ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ނަން ހާމަ ނުކުރާ ވައިޓް ހައުސްގެ ދެ އޮފިޝަލަކާ ހަވާލާދީ ޓައިމްސްގައިވާ ގޮތުން ޓްރަމްޕް ވަނީ ހުކުރު ދުވަހުގެ ރޭ ބަންކަރުގައި އެއް ގަޑި އިރު ހޭދަ ކުރައްވާފަ އެވެ. އަދި ޓެރަރިސްޓު ހަމަލާއެއް ވައިޓް ހައުސްއަށް އަމާޒުވުން ފަދަ ހާލަތްތަކުގައި އާއްމުކޮށް ބޭނުން ކުރާ އެ ބަންކަރަށް އެ ރޭ ފަސްޓް ލޭޑީ މެލާނިއާ އާއި ދަރިކަލުން ބެރޮން ވެސް ގެންދިޔަ ކަމަށް ސީއެންއެން އިން ބުންޏެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިދިޔަ ހަފްތާގައި މުޒާހަރާތައް ފެށީ އެގައުމުގެ މިނިސޯޓާގައި މިދިޔަ ހޯމަ ދުވަހު ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރުމުގައި އަމަލު ކުރި އަނިޔާވެރި ގޮތުން އެ މީހާ މަރުވުމާ ގުޅިގެންނެވެ. ޖޯޖް ފްލޯއިޑް ކިޔާ އެ މީހާއަށް އިންސާފު ހޯދައި ދިނުމަށާއި ފުލުހުން ކަޅު ނަސްލުގެ މީހުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކުގައި ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްގެ ކުރިމަތީގައި ބޭއްވި މުޒާހަރާގައި ބައެއް މީހުން ފުލުހުންނާ ދިމާލަށް ފެންފުޅި އުކާ، ކާރެއްގައި ރޯކޮށް، ބެރިއަރުތަކާއި ސަލާމަތީ ބާރުތައް ފަހަތަށް ޖައްސަން މަސައްކަތް ކުރި އެވެ.

އެ މުޒާހަރާގެ ސަބަބުން ޓްރަމްޕް ބަންކަރަށް ގެންދިޔަ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް ވައިޓް ހައުސް އާއި ސީކްރެޓް ސާވިސްއިން ވަނީ އެ ރިޕޯޓުތައް ކަށަވަރު ކޮށްދޭން ދެކޮޅު ހަދާ، ވައިޓް ހައުސްގެ ސަލާމަތާ ގުޅުން ހުރި ނިންމުންތައް ހާމަ ނުކުރާނެ ކަމަށް ބުނެފަ އެވެ.

އެ މުޒާހަރާތަކުގައި ބައެއް މީހުން ވިޔަފާރިތަކާއި އުޅަނދުތަކުގައި ރޯކޮށް، ލޫޓުވަމުން ދިޔުމުން ޓްރަމްޕް ވަނީ އެމީހުންނަށް އިންޒާރު ދެއްވާފަ އެވެ. އަދި "ލޫޓުވަން ފެށުމުން ބަޑި ޖެހުން ފެށޭނެ" ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ޓްރަމްޕްގެ މައްޗަށް ވަނީ ނަސްލީ އިމްތިޔާޒުތަކަށް ހިތްވަރު ދެއްވުމާއި ގައުމުގެ ހާލަތު އިތުރަށް ގޯސް ކުރަން އުޅުއްވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

ފްލޯއިޑްގެ މަރާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ފައިން އެރި ފުލުސް މީހާ ކަމަށްވާ ޑެރިކް ޝޮވިންގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމާއި މީހަކު މަރުވެދާނެ ފަދަ އަމަލެއް ގަސްތުގައި ކުރުމުގެ ދައުވާކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ މައްޗަށް 25 އަހަރާއި 35 އަހަރާ ދެމެދުގެ ހުކުމެއް ކުރެވިދާނެ އެވެ.

އެމެރިކާގައި އެ މުޒާހަރާތައް ފަށާފައި ވަނީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގައުމުގައި މިހާތަނަށް 1.7 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 104،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް