ޖޫން އަދި ޖުލައި މަހު ވެސް އެޗްޑީސީން ކުއްޔަށް ލުއި ދެނީ

އެޗްޑީސީ-- ފައިލް ފޮޓޯ

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދަކަން ޖެހޭ ދެމަހުގެ ކުލީގެ 30 ޕަސަންޓު ދެއްކުން ފަސްކުރުމަށް އެ ކުންފުނިން ނިންމި ނިންމުން، ޖޫން އަދި ޖުލައި މަހަށް އިތުރުކުރަން ނިންމައިފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެޕްރީލް، މޭ، ޖޫން އަދި ޖުލައި މަހުގެ ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓު ދެއްކުން ފަސްކޮށްދެވޭނީ އެކަމަށް އެދި 31 ޖުލައިގެ ނިޔަލަށް، އެ ކޯޕަރޭޝަންގެ "މައި ހުޅުމާލެ" ވެބް ޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ކަމަށެވެ.

އެޗްޑީސީން ބުނެފައި ވަނީ އޭޕްރީލް އަދި މޭ މަހުގެ ކުލި ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އަދި ކުއްޔަށް ލުއި ދެވޭނީ 31 މާޗު އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށާއި، މިއާއެކު ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓުގެ 70 ޕަސެންޓު އެޗްޑީސީއަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު މި އަހަރުގެ އޯގަސްޓު މަހުގެ 15 އާ ހަމައަށް ދެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

"ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ ހަތަރު މަހުގެ އިންސްޓޯލްމަންޓު، ކުއްޔާށްވާ ފައިސާގެ 30 ޕަސަންޓު މި ކޯޕަރޭޝަންނަށް އަނބުރާ ދައްކަން 12 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއް [ކަސްޓަމަރުން އެދިލައްވާ ގޮތުގެ މަތިން] ދިނުމަށް ހަމަޖެހިވާ މައުލޫމާތައްޓަކައި ދަންނަވަން،" އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ނޮވެމްބަރު މަހުގައި ކަމަށާއި، ފައިސާ ދެއްކުން ފަސްކުރެވޭ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމަރު ދައްކަން ޖެހޭނީ ކުރިން ވެސް ދައްކަމުން ދިޔަ ކުއްޔަށެވެ.

ގަވައިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިތުރު ލުއިތަކެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ.

އެގޮތުން އެ ކުންފުނިން ހައުސިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެންމެހައި ފަރާތްތަކަށް އޮންނާނެ ކަމަށާއި އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަން ޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެ ލުއިތަކުގެ އިތުރުން އިތުރަށް ރިއާޔަތްކޮށް، އިތުރު ލުއިތަކެއް ފޯރުކޮށްދޭން ޖެހޭ ފަދަ ހާލަތެއްގައި އެފަދަ އިންތިޒާމްތައް އެ ކުންފުނިން ހަަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފައެވެ.

comment ކޮމެންޓް