ކްލިއާނުކޮށް ހުރި މުދަލުން ސްޓޯރޭޖު ފީ ނަގަން ފަށައިފި

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި ކްލިއާ ނުކޮށް ހުރި މުދަލުން ސްޓޯރޭޖް ފީ ނަގަން ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.

މީގެ ކުރިންވެސް ނަގަމުން އައި ސްޓޯރޭޖް ފީ ނެގުން އެމްޕީއެލްއިން ހުއްޓާލީ ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުންނެވެ.

ނަމަވެސް، ފީ ނުނަގާތީ މުދާ ކްލިއާ ކުރަން މީހުން އިސްކަންދޭ މިންވަރު ދަށްވެ، ބަނދަރުގައި މުދަލާއި ކޮންޓެއިނަރު ގިނަވެ ޖާގައިގެ ދަތިކަން ދިމާވަމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން އޮޕަރޭޝަންތަކަށް ދަތިވެ، އަލަށް ގެންނަ ކޮންޓެއިނަރުތައް ބާލަން ދަތިވާ ކަމަށް މިއަދު އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން މިއަދު ބުނީ ރަމަޟާން މަސް ނިމުމުން ބަނދަރު އޮޕަރޭޓު ކުރާ ވަގުތުތައް އިތުރުކޮށްފައި ވާތީއާއި މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުޔެއް ދީފައި ވާތީ މިހާރު މުދާ ކްލިއާ ކުރަން ފަސޭހަވާނެ ކަމަށެވެ. އެހެންވެ މިހާރު ސްޓޯރޭޖް ފީ ނަގަން ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އޮތުމުން ސްޓޯރޭޖް ފީއިން 20 ޕަސެންޓު އަދިވެސް އުނިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި ކޮންޓެއިނަރައިޒްޑް ކާގޯއަށް ލިބޭ 12 ދުވަހުގެ ހިލޭ ސްޓޯރޭޖު (ބަންދު ދުވަސްތައް ނުހިމަނައި) އަދިވެސް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫންގައި 12 ދުވަހުގެ ފްރީ ސްޓޯރޭޖު ހަމަވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫންއިން ފެށިގެން ސްޓޯރޭޖް ފީ ނަގާ އުސޫލުން ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.

comment ކޮމެންޓް