570 ފަރާތެއްގެ ޖޫރިމަނާ މައާފުކޮށްދީފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19ގެ ހާލަތާ ގުޅިގެން މީރާ އަށް ޖޫރިމަނާ ދައްކަން ޖެހޭ 570 މީހެއްގެ ޖޫރިމަނާ މައާފުކޮށްދީފައިވާނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ކޮވިޑާ އެކު މީރާ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ އިތުރު ފަރާތްތަކަށް ލުއި ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީރާ އިން ދަނީ ޓެކުހާ ގުޅުންހުރި ޖޫރިމަނާތައް މައާފުކޮށްދެމުންނެވެ.

މީގެ އިތުރުން ކޮވިޑް19ގެ ނިއު ނޯމަލްގައި އަލުން އޮފީސް ހުޅުވޭ އިރު އެއްވެސް ފަރާތެއްގެ އަތުން ޖޫރިމަނާ ނުނަގާނެ ކަމަށް ސޖީ ވިދާޅުވި އެވެ. އަލުން އޮފީސް ހުޅުވޭ ދުވަހަކީ ހުރިހާ ސުންގަޑިއެއް ހަމަވާ ދުވަހުގެ ގޮތުގައި ނުބާއްވާނެ ކަމަށާއި ނިއު ނޯލަމް ގައި އޮފީސް ހުޅުވުމުގެ ކުރިން ސުންގަޑިތައް އާންމު ކުރައްވާނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން އިންސްޓޯލުމެންޓް ޕްލޭނެއްގެ ދަށުން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް މީރާ އިން ބުންޏެވެ. އެގޮތުން ޕޯސްޓް ޑޭޓެޑް ޗެކު ހުށަހަޅަން ނުޖެހޭނެ ކަމަށާއި އިންސްޓޯލްމެންޓުގެ މުއްދަތު އިތުރުކޮށްފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން މީރާ އިން ވަނީ ގިިނަ ޓެކްސް ތަކެއްގެ ސުންގަޑި ލަސްކޮށްފައެވެ. އަދި މިހާލަތުގައި ޓޫރިޒަމް ހުއްޓި ވިޔަފާރިތަކަށް ގެއްލުންވަމުންދާއިރު މީރާ އަށް ލިބޭނެ އާމްދަނީ މިއަހަރު 48 ޕަސެންޓް ދަށްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް