މީރާ މެދުވެރިކޮށް ލިބޭ އާމްދަނީ 48 ޕަސެންޓް ދަށްވާނެކަމަށް ލަފާކޮށްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު ޓެކްސް އާމްދަނީ އިން ލިބޭ އާމްދަނީ 48 ޕަސެންޓް ދަށްވާނެެ ކަމަށް ލަފާކޮށްފި އެވެ.

މީރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީ އާއި ގުޅޭ ފަސް ސިނާރިއޯ އެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް ބެލެވެނީ ސިނާރިއޯ ތިނެއް ކަމަށާއި އެގޮތުން މި ސިނާރިއޯގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 8.95 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރި އިރު އަހަރުގެ ތެރޭ 17.2 ބިލިއަން ރުފިޔާ ޓެކްސް އަމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ ކުރިން ލަފާކޮށްފައިއޮތީ މިއަހަރަކީ ރާއްޖޭގެ އިގްތިސޯދ ކުރިއަރައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ އަހަރެއްގެ ގޮތުގައެވެ. ނަަމަވެސް ކޮވިޑާއެކު އިގްތިސޯދު ހުއްޓުމަކަށް އައިސް ޓޫރިޒަމް ދާއިރާ ވެސް ވަނީ ހުއްޓިފައެވެ.

ސީޖީ ފަތުހުﷲ ވިދާޅުވީ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު މިއަހަރުގެ މިހާތަނަށް މީރާ އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. އެގޮތުން ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 1،8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑްގެ އަސަރާއެކު އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 527 މިލިއަން ރުފިޔާ އަށް ވެއްޓިފައެވެ. މި މެއިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށް ވެސް ސީޖީ ވިދާޅުވިއެވެ.

"އާމްދަނީ އަށް އަންނަ ހީނަރު ކަމަކީ ޓޫރިޒަމް ހުއްޓި، ވިޔަފަރިތައްވެސް ހުއްޓިފައި އޮތުމުން އަންނަ ހީނަރު ކަން،" ސީޖީ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސްފައިވާއިރު މިހާރު ލަފާކޮށްފައި ވަނީ ޖުލައި މަހުން ފެށިގެން ޓޫރިޒަމަށް ހުޅުވާލެވޭނެ ކަމަށެވެ.

comment ކޮމެންޓް