"އެން ޑައިވް" ހަމައަކަށް އަޅުވާ، ނޫނީ އެތައް މަރެއް

މަސްވެރިއަކު އެން ހިފަން ކުރި ޑައިވެއްގައި ހަރަކާތްތެރިވަނީ -- ސަން ފައިލް ފޮޓޯ

ގދ. ގައްދޫ، ވެނަބުލީގޭ، އަބްދުލްބާއިސް އަބްދުﷲ، 21، އެން ހިފަން ޑައިވް ކުރަމުން ދިޔައީ ޑައިވްކުރުމުގެ އެއްވެސް ކަހަލަ ފާހެއް ނެތި އެވެ. އެކަމުގައި މާ ބޮޑު ތަޖުރިބާއެއްވެސް އޭނާއަށް ލިިބިފައެއް ނެތެވެ. މިދިޔަ ހޯމަ ދުވަހު އެން ހިފަން ބާއިސްއާ އިތުރު ބަޔަކު ކަނޑުގެ ފަންސާހަކަށް މީޓަރު އަޑިއަށް ފީނި އެވެ. އަޑީގައި މަސައްކަތް ކުރަމުން ދަނިކޮށް، އެކީ ފީނި މީހުންނަށް ފެނުނީ ބާއިސް ހަރަކާތް ހުއްޓިފައި އޮތް ތަނެވެ. އޭނާގެ އަނގައިގައި ލައްވާފައި އޮތް ހޮޅި ނެއްޓި، އަނގައިން ލޭ އައިސްފައި ހުރިތަން ފެނިފައި އެ މީހުންނަށް ސިހުންލިބުނެވެ. ބާއިސް ފެން މައްޗަށް އަރުވައި، ލޯންޗެއްގައި ރަށަށް ފޮނުވާލިއިރުވެސް، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެ ހާދިސާގައި އޭނާ މަރުވީ އެވެ. އޭނާއަށް ވީ ގޮތެއް ނޭނގެ އެވެ.

ބާއިސް ފަދަ ގައްދޫގެ އެތައް ޒުވާނަކު އެން ނަގަން ޑައިވް ކުރަނިކޮށް ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ޑައިވިން އެކްސިޑެންޓުތަކުގައި މަރުވެއްޖެ އެވެ. އަދި ޑައިވިން ޑީކޮމްޕްރެޝަން ސިކްނެސް ދިމާވެ ޖިސްމާނީ ނުކުޅެދުންތެރިކަމާ އެކު މުޅި ހަޔާތް ހޭދަ ކުރަން ޖެހިފައި ތިބި އެތައް ބަޔަކު އެ ރަށުގައި އެބަ ތިއްބެވެ. ގައްދޫ އެކަންޏެއް ނޫނެވެ. މުޅި ހުވަދު އަތޮޅުގައިވެސް މިއީ ވަރަށް އާންމު ވެއްޖެ ކަމެކެވެ.

މައްސަލަތައް ގިނަ، ހައްލު ބޭނުންވޭ

މީގެ ފަންސަވީހަކަށް އަހަރު ކުރިން ރާއްޖޭގައި އާންމުކޮށް އެން ހިފައި އުޅުނީ ބޮޑު ދަލެއްގެ ހަތަރު ކަނުގައި ދިގު ދަނޑިތައް ހަރުކޮށްގެން ދާ ފައްތައިގެންނެވެ. އެކި ސަރަހައްދުތަކުގެ މީހުން އެކަމުގައި ގެންގުޅުނު ވައްޓަފާޅިތައް ކޮންމެވެސް ވަރަކަށް ތަފާތެވެ. އޭރު އެން ނިކަން ތިޔާއްގެވެ. އެހެންވެ، އެން ހިފުމަކީ އޭރު މާ އުނދަގޫ ކަމެއްވެސް ނޫނެވެ. އެން ހިފަން ޑައިވް ކުރަން ފެށީ އަދި މާ ފަހުގެ ތާރީހެއްގަ އެވެ. އެކަން ފެށީ، 20 އަހަރު ކުރިންނެވެ. އެއީ ޑައިވްކޮށްގެން އެން ހޯދަން ފަސޭހަވެފައި، ފަހަކަށް އައިސް އަޑިން ނޫނީ އެން ލިބެން ދަތިވުމުންނެވެ. އެމަށް އެންމެ ތިޔާގި ހުވަދު އަތޮޅުގެ މަސްވެރިއަކު ބުނި ގޮތުގައި މިހާރު މަދުވެގެން 40 މީޓަރަށް ޑައިވް ނުކޮށް އެން ލިބުން ދައްޗެވެ.

މަސް ދޯނިތަކުން އެން ނަގަން ޑައިވް ކުރާ ގިނަ މީހުންނަކީ ޑައިވް ކުރުމުގެ ރަސްމީ ފާހެއް އަދި އެކަމުގެ ސައިސްސު އެނގޭ ބައެއް ވެސް ނޫނެވެ. މިއީ ހުރިހާ މައްސަލައެއް ފެށޭ ހިސާބެވެ.

އެން ހިފަން ޑައިވިންއަށް ފައިބައިގެން އުޅޭ މަސްވެރިއެއް: އެންމެ ގިނައިން ޑީކޯ ވަނީ އެން ހިފަން ފައިބާ މަސްވެރިން -- ސަން ފޮޓޯ

ޑައިވިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސެއިން ރަޝީދު (ސެންޑީ) ވިދާޅުވި ގޮތުގައި ޑައިވިން އެކްސިޑެންޓުތައް ދިމާވަނީ ފޮތް ނުކިޔާތީ އެވެ. މާނައަކީ ހޯދަން ޖެހޭ ތަމްރީނުތައް ނުހޯދައި، އެނގެން ޖެހޭ ކަންކަން ނޭނގި އެކަން ކުރާތީ އެވެ. އޭނާވެސް އަދި ޑައިވިންގެ ދާއިރާގެ އެހެން ތަޖުރިބާކާރުން ވެސް އިއްތިފާގުވާ ގޮތުގައި ޑައިވް ކުރަން ޖެހޭނީ ތަމްރީނު ހޯދައި، ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެ އެވެ.

"ސަން"އާ ވާހަކަ ދެއްކި ބައެއް މަސްވެރިންވެސް ދެކެނީ އެން ހިފަން ދޯނިތަކުން ޑައިވް ކުރަން ޖެހޭނީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މީހުން ކަމަށެވެ. އެހެންވެ، އެކަން ގަވައިދަކުން ލާޒިމު ކުރަން އެ މީހުން ބޭނުންވެ އެވެެ. އަދި އެކަން ތަންފީޒުކޮށް، އޮޑީގެ ވެރިންނާއި ކެޔޮޅުން ޒިންމާވާން ޖެހޭ ގޮތެއް ހަދަން ޖެހޭ ކަމަށް ގަބޫލު ކުރެ އެވެ.

ގިނަ މަސްދޯނިތަކުން އެން ހިފަން ޑައިވް ކުރަނީ 30 މީޓަރު އަޑިއަށް ދާން ހާއްސަ ވައި ފުޅި އަޅައިގެންނެވެ. އެކަމަކު، އެ މީހުން އެ ފުޅީގައި 55 މީޓަރަށްވެސް އެބަ ދެ އެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އެނގި ތިބެ އެކަން ކުރަނީ މަޖުބޫރުވެގެންނެވެ. އެއީ އެން ނުލިބިއްޖެ ނަމަ މަހެއް ނުބޭނޭނެތީ އެވެ. މަހަކީ އެ މީހުންގެ އާންމުދަނީ އެވެ.

ދިވެހި މަސްވެރިިންގެ ޖަމިއްޔާގެ ރައީސް، ޝާފިއު އަހުމަދު ވިދާޅުވީ، އެހާ އަޑިއަށް އެ ކުރާ ޑައިވްތައް ހުއްޓުވައިފި ނަމަ އެން ލިބުން ހުއްޓި މަސްވެރިކަމަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އެކަމަކު، އެ ޑައިވް ކުރާ ފުންމިނަކާ އެކަށީގެންވާ ވަރުގެ ސާމާނާ އެކު ތަމްރީނު ލިބިފައި ތިބި މީހުން އެން ހިފަން ފޮނުވަން ޖެހޭ ގޮތަށް އުސޫލެއް ހެދުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ދާ ޖަހައިގެން އެން ނަގަނީ: ރާއްޖޭގައި އެންމެ ގިނައިން މީހުން ޑީކޯ ވަނީ އެން ނަގަން ޑައިވް ކުރުމުގެ ތެރޭގައި -- ސަން ފޮޓޯ

ބައެއް މަސްވެރިން ބުނާ ގޮތުގައި ފަތިހު ކުރާ އެން ޑައިވުގައި އެން ނުލިބިއްޖެ ނަމަ، މެންދުރުވެސް ޑައިވް ކުރަން ޖެހިދާނެ އެވެ. ޑައިވް ކުރަން ދޯނިތަކުގައި އާންމުކޮށް ތިބޭނީ އެއް ބައެކެވެ. އެ މީހުން ކޮންމެ ދުވަހަކު ފުލުފުލުގައި އެތައް ޑައިވެއް ކުރަން ޖެހުމަކީ ޑީކޯވުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

ޝާފިއު ވިދާޅުވި ގޮތުގައި، ޑީކޯވުމުގެ ހާދިސާތައް ގިނައިން ދިމާވެފައި ހުރީވެސް، ޖެހި ޖެހިގެން ދެތިން ޑައިވް ކުރާ އިރު އެވެ. ޝާފިއު ދެކެވަޑައިގަންނަވަނީ، ކައިރިކައިރީގައި ގިނަ ޑައިވް ކުރުމަކީވެސް މަނާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަހަރެމެންނަށް ފާހަގަ ކުރެވޭ ގޮތުގައި ގިނައިން މައްސަލަ ޖެހިފައި މިހިރީ ފަތިހު ޑައިވިން ކޮށްފައި ދުވާލު ގަޑީގައި ޑައިވް ކުރާ މީހުންނަށް. އެއް ޑައިވް ކޮށްފައި ފަތިހު އަނެއް ޑައިވް ކުރީމަ ރިސްކު ބޮޑުވާނެ،" ޝާފިއު ވިދާޅުވި އެވެ.

އެން ހޯދަން އެކަކު އަޑިއަށް ފޮނުވުމަކީވެސް ބައެއް މަސް ދޯނިތަކުން ކުރާ ކަމެކެވެ. އެހެން އެކަނި ގޮސްފައި ތިބި މީހުންނަށް ވީނުވީއެއް ނޭނގި މަރުވެފައި ވެސް އެބަ ތިއްބެވެ. އެހެންވެ، އެން ހޯދަން އެކަނި މީހުން ފޮނުވުން ވެސް ހުއްޓާލަން ޖެހޭ ކަމަށް ޝާފިއު ދެކެވަޑައިގަންނަަވަ އެވެ. އެއީވެސް ގަވައިދަކުން ކުރެވޭނެ ކަމެކެވެ.

ބައެއް ދޯނިތަކުގައި ސާވިސް ނުކޮށް ހުންނަ އިކުއިޕްމެންޓު ބޭނުން ކުރާކަންވެސް ޝާފިއު ފާހަގަކުރެއްވި އެވެ. ރަނގަޅު އިކުއިޕްމެންޓުގައި ޑައިވް ކުރަން ލާޒިމުކޮށް، އެފަދަ ކަންކަން ނުކޮށްފި ނަމަ ޒިންމާ ނަަގަން ޖެހޭ ގޮތްތަކެއް އޮންނަން ޖެހޭ ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ދޯނި ފަހަރުތަކުގައި ޑައިވް ގިއަރު އެބަ ހުރޭ ސާވިސް ނުކޮށް، ފޯލްޓީ އެއްޗެހި. މިއީވެސް މައްސަލައެއް،" ޝާފިއު ވިދާޅުވި އެވެ.

ގަވައިދު ހެދުން އަވަސް ކުރަން ޖެހޭ

މިދިޔަ އަހަރުގެ ފަހު ކޮޅާ ހަމައަށް ރާއްޖޭގައި އޮތީވެސް 1987 ވަނަ އަހަރު އެކުލަވާލި މަސްވެރިކަމާ ބެހޭ ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީއިން އެކުލަވާލި މަސްވެރިކަމާ ބެހޭ ގަވައިދަކީވެސް އެ ދުވަސްވަރުގެ ގަވައިދެކެވެ. އެހެންވެ އެ ގަވައިދުގައިވެސް އެން ނަގަން ޑައިވް ކުރުމުގެ ވާހަކައެއް ނެތެވެ. އެ ގަވައިދުގެ އުމުރު ކިތަންމެ ދިގު ނަމަވެސ،ް އެއަށް އެން ޑައިވް ކުރުމާ ބެހޭ އިސްލާހެއްވެސް ގެނެސްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓޭމްބަރު 16ގައި މަސްވެރިކަމާ ބެހޭ އާ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ އެކު އަށްޑިހަ ހަތެއްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލި ގަަވައިދުވެސް މިހާރު އުވިއްޖެ އެވެ. މިހާރު އާ ގާނޫނުގެ ދަށުން އާ ގަވައިދުތައް ފިޝަރީޒް މިނިސްޓްރީއިން ދަނީ އެކުލަވާލަމުންނެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކަން ދިން ގޮތުގައި އާ ގަވައިދުތަކުގެ ތެރޭގައި އެން ޑައިވް ކުރުމާ ބެހޭ ކަންކަން ހިމެނިގެންދާނެ އެވެ.

އޭޕްރީލް 11، 2020: ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، ގަވައިދު ހެދުން ލަސްވެއްޖެ އެވެ. މަސްވެރިކަމާ ބެހޭ ގާނޫނުގައި އޮތީ ތިން މަސް ދުވަހުގެ ތެރޭގައި ގަވައިދުތައް ހަދައި ނިންމަން ޖެހޭނެ ކަމަށެވެ. މިހާރު އަށް މަސް ވެއްޖެ އެވެ. އެ ގަވައިދުތައް ހެދުން ލަސްވާތީ އެ މައްސަލަ މަޖިލީހުގެ ގަވައިދު ކޮމިޓީއިންވެސް ބަލައިފި އެވެ. އެކަން ބަލައި، އެ ކޮމިޓީއިން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމަ އަދާ ނުކުރައްވާ ކަމަށެވެ.

ގަވައިދުތައް ހެދުން ލަސްވަނީ މިނިސްޓްރީއިން މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާތީ ކަމަށް މިނިސްޓްރީއިން ކޮމިޓީގައި ބުނެފައިވެ އެވެ. އަދި އެކަށީގެންވާ ވަސީލަތް ނެތުމާއި މުވައްޒަފުންގެ ދަތިކަންވެސް ދިމާވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ގަވައިދު ހެދުމުގެ މަސައްކަތް އަވަސް ނުކޮށްފި ނަމަ ތަމްރީނެއް، ތަޖުރިބާއެއް، ހޭލުންތެރިކަމެއް ނެތި ޒުވާނުން ދާނީ އެން ހިފަން ފީނަމުންނެވެ. ނޭނގި ތިބެ އެ މީހުންނަށް އެ ދެވެނީ ނުރައްކަލުގެ ތެރެއަށެވެ. ނަމަވެސް، އަވަހަށް ގަވައިދެއް ހަދައިފި ނަމަ އެތައް ފުރާނައެއް ސަލާމަތް ކުރެވިދާނެ އެވެ. މަސްވެރިންގެ ޖަމިއްޔާގެ ރައީސް ޝާފިއުވެސް ދެކެވަޑައިގަންނަވަަނީ މިހެންނެވެ.

"ސަރުކާރުން ގައިޑްލައިނެއް ހަދައިގެން، މިހާރު މި ދިމާވާ މައްސަލަތައް ހުއްޓުވޭނެކަމަކީ 100 ޕަސެންޓު ގެރެންޓީ އޮތް ކަމެއް،" ޝާފިއު ވިދާޅުވި އެވެ.

comment ކޮމެންޓް