އަދީބާ ގުޅިގެން މެމްބަރުން ފްރޭމްކުރަން އެމްޑީޕީ ތެރެއިން މަސައްކަތް ކުރޭ: ޝަރީފް

މާލިއްޔަތު ކޮމެޓީގައި ޝަރީފު ވާހަކަ ދައްކަވަނީ: -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަޖިލިސް މެމްބަރުންތަކެއް ފްރޭމް ކުރުމަށް އެމްޑީޕީ ތެރެއިން މަސައްކަތް ކުރަމުންދާ ކަަމަށް މަރަދޫ ދާއިރާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މެމްބަރު ޝަރީފު މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެޕްޕީއާރުސީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އައީ ބަލަމުންނެވެ. ނަމަވެސް އެ ކޮމިޓީން ބަލަން ފެށި އެހެން މައްސަލަތަކާ ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

މި މައްސަލައާ މެދު ދެން ކުރިއަށް ދާނެ ގޮތެއް ކަނޑައެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގު އިދާރާތަކުން ކުރައްވަމުން ގެންދަވާ ތަހުގީގު ނުނިމި، ދިގުލައިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިކަމުގައި ބަޔަކު ރާވައިގެން ވަކި ބަޔަކު ފްރޭމް ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ މައުލޫމާތު އެބަލިބޭ ވަކި ބަޔަކު ފްރޭމް ކުރުމަށް އަދީބުއާ ގުޅިގެންނާ އެ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީތެރެއިންވެސް ކުރާ ބަޔަކު އެބަ އުޅޭ. މިއީ ވަރަށް ދެރަ ކަމެއް. މިވެނި މީހަކަށް އެވެނި ބަޔާނެއް ދޭށޭ ކިޔައި، މިކަން އެބަ ހިނގާ. މިއީ މަގުމަތިން އަޅުގަނޑު ކައިރީ ބަޔަކު ދެއްކި ވާހަކައެއް ނޫން." ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިކަމާ ސީދާ ގުޅޭ މީހުން އޭނާއަށް ފޯނުކުރައްވައި އެ މައުލޫމާތު އޭނާއަށް ދެއްވާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ، އޭނާ އެދެނީ ވީހާވެސް އަވަހަކަށް ތަހުގީގީ އިދާރާތަކުން މައްސަލަ ނިންމާ ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ކުރުން ކަމަށެވެ. އަދި މައްސަލަ ނުނިމި އެކި މީހުންނަށް ތުހުމަތު ކުރެވުމަކީ އެދޭ ކަމެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އެކި މީހުން ފާޑުފާޑުގެ ވާހަކަ ދައްކައި، ތުހުމަތުގެ އިނގިލި އެބަ ދިއްކުރޭ މަޖިލިސް މެމްބަރުންނަށް. އެއީ މިކަން ނުނިމި އޮތުގުމުގެ ސަބަުބުން މަސްލަހަތު ވަރަށް ބޮޑަށް ގެއްލޭ ކަމެއް މިއީ. އެހެންވީމަ، އަޅުގަނޑުކަމަށް ވިޔަސް އަދި އެހެން އިއްޒަތްތެރި މެމްބަރެއް ވިޔަސް ހެކި ހުރިއްޔާ ޝަރީއަތަށް ފޮނުވަންވީ. ތުހުމަތުކޮށްގެން އިނގިލި ދިއްކުރުމުގެ މާނައެއް ނެތް،" ޝަރިފު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޝަރީފު ވަނީ ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބަށްވެސް ރައްދެއް ދެއްވާފަ އެވެ. އެގޮތުން މި މައްސަލައިގައި އޭނާ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނެގި މީހެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އިލްޔާސް ލަބީބަށް އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑަކީ ތަނާޒުލްވާން ޖެހޭ މީހެއް ނޫން. އަޅުގަނޑު ނޯންނާނެ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައެއް. އެހެންވީމަ އަޅުގަނޑާ ދިމާލަށް ވިދާޅުވި އެއްޗެއް ނަމަ އަޅުގަނޑު ތަނާޒުލް ނުވެ މިހުރީ، މިކަމުގައި [ހިޔާނާތުގައި] އަޅުގަނޑުގެ އެއްވެސް ހިއްސާއެއް ނެތްކަން އަޅުގަނޑު ނަފްސު ގަބޫލު ކުރާތީ،" ޝަރީފު ވިދާޅުވި އެވެ.

"އަދި ފްރޭމް ކުރަން އުޅޭ މީހުންނަށް ދަންނަވާލާނަން، ފްރޭމް ކުރަން އުޅުން އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ފްރޭމް ކުރަން އުޅޭކަން އަޅުގަނޑުމެންނަށް..،" ޝަރީފު އެހާހިސާބާށް ވާހަކަ ގެންގޮސްފައިވަނިކޮށް، ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާ މުހައްމަދު ނާޝިޒު އެނާ ހުއްޓުވުމުމުން ޝަރީފު ވަނީ ވާހަކަ ދެއްކުން ކުރުކޮށްލައްވައިފަ އެވެ.

ވާޗުއަލްކޮށް ބޭއްވި އެ ބައްދަލުވުމުގައި އިލްޔާސް ލަބީބު ޝަރީފަށް ނިސްބަތްކޮށް އެގޮތަށް ވިދާޅުވި އަޑެއް ނީވެ އެވެ. އެއީ ކުރިން އިލްޔާސް ވިދާޅުވެފައި އޮތް އެއްޗެއް ކަމެއް ނުވަތަ ޖެޓެއްގައި އިލްޔާސް ލިޔުއްވި އެއްޗެއްކަން ސާފެއް ނޫނެވެ.

ޝަރީފު ދެއްކެވި ވާހަކަ ތަކާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، މެމްބަރުން ފްރޭމް ކުރުން އެއީ ސީރިއަސް މައްސަލައެއް ކަމަށާއި ޝަރީފަށް އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ތަހުގީގު އިދާރާތަކާ ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

އެމްއެމްޕީއާރްސީގެ 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން އަންނަނީ ޖޮއިންޓް ތަހުގީގުގެއް ހިންގަމުންނެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް