ބަލި ނެތް ރަށްތަކުގައި ކުޅިވަރުތައް ކުޅެން ހުއްދަ ދީފި

ކެލާގައި ކުރިއަށްދިޔަ އީދު ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ

ކޮވިޑް19 ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފައިިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނާތީ އެކަމާ ގުޅޭގޮތުން އެޗްޕީއޭ އާއި ޓެގް ޓީމާއެކު މަޝްވަރާކޮށްފައިިވާ ކަމަށެވެ.

އަދި ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެގް ޓީމުންނާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަަމަށް ބަޔާނުގައިވެއެވެ.

އަދި މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައިި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮވިޑް19 އާ ގުޅިގެން ރަށްތަކުގައި މީހުން އެއްވެ، ކުޅިވަރު ކުޅުމާއި، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މަނާކުރިއެވެ. އެހެން ނަމަވެސް މިހާރު ވަނީ ރަށްތަކުގައި އަޅާފައިިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން ބަލި ނެތް ރަށްތަކުގައި މިސްކިތުގައި ޖަމާއަތް ހެދުމަށް ވެސް މިހާރު ވަނީ ހުއްދަ ދީފައެވެ.

comment ކޮމެންޓް