ޗައިނާއާ ގުޅިގެން ކޮވިޑް19 އާ ދެކޮޅަށް މަސައްކަތް ކުރާނެ އޮނިގަނޑެއް އެކުލަވާލަނީ

މިނިސްޓަރު ޝާހިދު އަދި ޗައިނާ ސަފީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއިި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް މަޝްވަރާކުރައްވައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރާއި ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ އަދި ކޮވިޑް19 އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ޝައުގުވެރިވާކަމަށް ވެސް ވިދާޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ 800 އެނދުގެ ޖާގަ ހިމެނޭ ލޭބާ ކުއާޓަރެއް އިމާރާތް ކޮށްދީފަ އެވެ.

އަދި 10 މޮބައިލްގެ ހަދަން ބޭނުންވާ ތަކެތި ވެސް ޗައިނާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޗައިނާއިން މީގެ ކުރިން ރާއްޖެއަށް ވަނީ 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް