އީދުގެ ހުތުބާ: ދުރުގައި ތިއްބަސް އުފާކޮށް، އެންމެން ބައިވެރިކުރޭ

ޖުލައި 6، 2016: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

އީދުތައް ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކުރާން ނޫންކަމަށާއި މި އީދުގައި ގޭގައި ތިބެން ޖެހުނަސް އެކުވެރިކަން އާލާކޮށް އެންމެންނަށް އަޅާލާ ރަހުމް ކުރުމަށް މިއަދުގެ އީދު ހުތުބާގައި އެންމެންހާ މުސްލިމުންނަށް ގޮވާލައިފި އެވެ.

ރާއްޖޭގައި އީދު ނަމާދުކުރަން ހުއްދަ ދީފައިވާ ހުރިހާ މިސްކިތެއްގައި އިއްވި، އީދު ހުތުބާގައި ބުނީ އިސްލާމީ އީދުތަކަކީ އެކަމުގެ ހަފްލާގައި އެންމެން ބައިވެރިވާން ޖެހޭ އިހްތިފާލުތަކެއް ކަމަށެވެ. އަދި އެފަދަ ދުވަސްތަކުގައި ހަމައެކަނި އުފާފާޅުކުރަން ވީ ހަމައެކަނި މުއްސަނދިން ނޫން ކަމަށާއި، މުއްސަނދިން ފަގީރުންނާއި މިސްކީނުންނަސް ހެޔޮ ފޯރުކޮށްދީ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެ ކަމަށެވެ. އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ސަބަބަށްޓަކައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ ފުރަބަންދުކޮށްފައި އޮތް މި ހާލަތުގައިވެސް ގޭގައި އީދު ނަމާދުކޮށް އަވަށްޓެރިންނާއި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނަށް އީދުގެ ތަހުނިޔާ ފޮނުވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. އަދި ބޭނުން ޖެހިފައިވާ މީހުންނަށް އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަންވެސް ވަނީ ގޮވާލައިފަ އެވެ.

"އިސްލާމްދީނުގައި އީދުތައް ޝަރުއުކުރައްވާފައިވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރާކަށް ނޫނެެވެ. އެކަމަކު އެކަން ޝަރުއު ކުރެއްވީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށް ޓަކައެވެެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރީތި އާދަ ފެތުރުމަށްޓަކައެވެ." މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ.

އީދުގެ އުޖާލާކަމާއެކު މޫނުމަތިން އުފާވެރިކަން ފާޅުކޮށް ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް އެކަކު އަނެކަކަށް ހަދިޔާކުރުމަށްވެސް މިއަދުގެ ހުތުބާގައިވަނީ ގޮވާލައިފަ އެވެ. އަދި ރަހިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެގުޅުން އަލުން އާކޮށް ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރަންވެސް ވަނީ ގޮވާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް