އަމިއްލަ މަސައްކަތްކުރާ 48 މީހަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް އަދި މާލިއްޔާއަށް ކުރާ އަސަރާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެންއީއޯސީ

ކޮވިޑް-19 އާ ގުޅިގެން ތައާރަފް ކުރި "ރިލީފް ލޯން ސްކީމް"ގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ނުވަތަ ފްރީލޭންސަރުންގެ ގޮތުގައި އުޅޭ 48 ފަރާތަކަށް ލޯނުދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިހާތަނަށް ރިލީފް ލޯނުގެ ދަށުން 48 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އަމިއްލަ ވަޒީފާ އަދާކުރާ 634 ފަރާތަކުން ވަނީ ލޯނަށް ހުށަހަޅައިފަ އެވެ. އެއީ ޖުމްލަ 12.6 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން އެޕްރޫވް ކޮށް އަދި ދޫނުކުރެވި ވަނީ، 174 ފަރާތެއްގެ ލޯނެވެ. އެއީ 4.6 މިލިއަން ރުފިޔާ އެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ލޯނަށް ހުށަހެޅި 93 ފަރާތަކީ އަންހެނުންނެވެ. އޭގެތެރެއިން އެޕްރޫވް ކޮށްފައިވަނީ 33 އަންހެނެއްގެ ލޯނު ކަމަށާއި އެއީ 700،000 ރުފިޔާ ކަމަށް ފިނޭންސް އިން ބުންޏެވެ.

އަމިއްލަ ފަރާތްތަކުގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށްވެސް ވަނީ ލޯނުކޮށްފަ އެވެ. އެގޮތުން 193 ވިޔަފާރިއަކަށް ޖުމްލަ 21.2 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފަ އެވެ.

ލޯނަށް އެދި 1،046 ވިޔަފާރިއެއް ހުށަހަޅާފައިވާއިރު އެއީ 319.7 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން އެޕްރޫވްކޮށްފައިވަނީ 466 ވިޔަފާރިއެއްގެ ލޯނެވެ. އެއީ 122.5 މިލިއަން ރުފިޔާ އެވެ.

ވިޔަފާރިތަކުގެ ތެރެއިން އަންހެނުން ހުށަހަޅާފައިވާ އެޕްލިކޭޝަންގެ އަދަދަކީ 120 އެވެ. އޭގެތެރެއިން 51 ވިޔަފާރިއެއް އެޕްރޫވްކޮށްފައިވާއިރު އެއީ 13.7 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފްސީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ލޯނު ދޫކޮށްފަ އެވެ. އެގޮތުން ބީއެމްއެލްއިން މިހާތަނަށް 125 ލޯނެއް ދޫކޮށްފައިވާއިރު އެއީ 145.5 މިލިއަން ރުފިޔާ ކަމަށް ފިނޭންސް އިން ބުނެ އެވެ.

comment ކޮމެންޓް