ފެން ބިލަކުން 235 ރުފިޔާ، ކަރަންޓް ބިލަކުން 500 ރުފިޔާ މާފުވޭ

ކަރަންޓު ބިލާއި ފެން ބިލުތަކެއް --- ސަން ފޮޓޯ

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފެނާއި ކަރަންޓުބިލުން ބައެއް އުނިކުރަން ނިންމި ނިންމުމުން ފެން ބިލަކުން އެވްރެޖްކޮށް 235 ރުފިޔާ އާއި ކަރަންޓު ބިލަކުން ގާތްގަނޑަކަށް 500 ރުފިޔާ ކުޑަވެފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ މީގެކުރީން ނިންމާފަ އެވެ.

މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކަރަންޓާއި ފެން ބިލުން ބައެއް ހިލޭކޮށްދިނުމަށް ނިންމުމާ އެކު ފެން ބިލްތަކުގެ ޑިސްކައުންޓަށް 10.9 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ކަރަންޓް ބިލުން ދޭ ޑިސްކައުންޓަށް 49.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 46،417 ގޭބިސީތަކުގެ ބިލަށް ވަނީ ލުއި ދީފަ އެވެ. އެގޮތުން ފެނުގެ ބިލްތަކުން ޖުމްލަ 9.8 މިލިއަން ރުފިޔާ ވަނީ މާފުކޮށްދެވިފަ އެވެ. އެއީ 33،198 ގޭބިސީ އެވެ.

ކަރަންޓުގެ ޑިސްކަައުންޓަށް 49.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ލުއި 92،588 ގޭބިސީއަށް ވަނީ ދީފަ އެވެ. ކަރަންޓު ހިދުމަތުގެ ގޭބިސީތަކުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ އިތުރުން ފެނަކާ ހިމެނޭއިރު އެންމެ ގިނަ ގޭބިސީތަކެއް ހިމެނެނީ ފެނަކާ އާއި ސްޓެލްކޯ އެވެ.

ފެނަކަ މެދުވެރިކޮށް ކަރަންޓް ދޭ، 46،839 ގޭބިސީއެއްގެ ބިލުން 22 މިލިއަން ރުފިޔާ ވަނީ މާފްކޮށްފަ އެވެ. އަދި ސްޓެލްކޯގެ 45،068 ގޭބިސީ ހިމެނޭއިރު އެކަމަށް 27.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް