އެންމެ މުސާރަ ބޮޑު އަންހެން އެތުލީޓަކަށް 22 އަހަރުގެ އޮސާކާ

ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޮމީ އޮސާކާ --- ބީބީސީ

ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އަންހެން ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޮމޯ އޮސާކާ އަރައިފި އެވެ.

އުުމުރުން 22 އަހަރުގެ އޮސާކާ އެއްވަނައަށް އަރީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ އެއްވަނައިގައި އޮތް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އަދި އެއާ އެކު އޭނާ ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ މުސާރަ ބޮޑު އެތުލީޓުންގެ ލިސްޓުގެ 29 ވަނައަށް ޖެހިލައިފަ އެވެ.

ގްރޭންސް ސްލޭމްގެ ޗެމްޕިއަންކަން ދެފަހަރެއްގެ މަތިން ހޯދާފައިވާ އޮސާކާއަށް ވޭތުވެ ދިޔަ 12 މަސްދުވަހުގެ ތެރޭގައި ޕްރައިޒް އިނާމާއި، އިތުރު އެންޑޯޒްމެންޓްތަކަކާ އެކު ވަނީ 30.7 މިލިއަން ޕައުންޑް ލިބިފަ އެވެ. މިއީ 38 އަހަރުފެ ވިލިއަމްސްއަށް ލިބުނު ފައިސާގެ އަދަދަށް ވުރެން 1.15 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ.

ފޯބްސްއިން 1990 ވަނަ އަހަރުން ފެށިގެން އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓް އާއްމު ކުރަން ފެށީން ސުރެއް މި އަހަރާއި ހަމައަށް ވެސް އަންހެން އެތުލީޓުންގެ ލިސްޓުގެ އެއްވަނައަށް އައިސްފައިވަނީ ޓެނިސް ކުޅުންތެރިންނެވެ.

އެގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރު އެ މަގާމު ދިފާއު ކޮށްފައިވަނީ 23 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ވިލިއަމްސް އެވެ. އޭގެ ކުރިން ފަސް ފަހަރު ވެސް އެ މަގާމު ހޯދީ ރަޝިއާގެ ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ އެވެ. އޭނާއަށް މިދިޔަ އަހަރުގެ ތެރޭގައި ލިބިފައިވަނީ 24.2 މިލިއަން ޕައުންޑެވެ.

ފޯބްސްގެ 100 ޓޮޕް ލިސްޓް އެއްކޮށް އަންނަ ހަފުތާ ނުކުންނަ އިރު އޮސާކާއާއި، ވިލިއަމްސް ވަނީ އެ ލިސްޓުން ޖާގަ ހޯދާފަ އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން އަންހެން ދެކުޅުންތެރިއަކު މި ލިސްޓުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް