މޮނީޓަރިންއަށް ފަހު 28 ދުވަސް ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ

ޖޫން 1، 2019: ބަރަކާތްތެރި ރޯދަމަހުގެ ހަތާވީސް ވިލޭރޭގައި މާލޭގެ ބައެއް މިސްކިތްތަކުގައި ކުރެވުނު ދަމުނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޮނީޓަރިން އުވާލި ފަހުން 28 ދުވަސް ހަމަނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުުރުމުގެ ހުއްދަ ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކް އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭނެކަން އިސްލާމިކް މިނިސްޓްރީއިން އިއުލާން ކުރީ ރޭގަ އެވެ. އެހެން ނަމަވެސް، މިނިސްޓްރީއިން މިއަދު ނެރުނު ސާކިއުލާއެއްގައި މޮނިޓަރިންގެ ހާލަތާއި މީހުން ކަރަންޓީނު ކޮށްފައި ތިބުމުގެ ސަބަބުން، 25 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން އަދި މަނާވާނެކަން ވަނީ އަންގައިފަ އެވެ.

ނަމަވެސް އެ ލިސްޓްގައި ހިމެނޭ ބައެއް ރަށްރަށަކީ، މިހާރު މޮނިޓަރިންގައި ނެތް ރަށްރަށް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު "ސަން"އަށް ވިދާޅުވީ، މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ އެ ރަށެއް މޮނީޓަރިންގެ ހާލަތުން ނެގިތާ 28 ދުވަސް ހަމަވެފައިވާ ރަށްތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ލަފާ ދީފައިފަވަނީ އެޗްޕީއޭ އިން މޮނީޓަރިންގެ ހާލަތުން ނެގިފަހުން 28 ދުވަސް ހަމަވެފައިވާ ރަށްތަކަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް. އޭގެ އިތުރުން އެރަށެއްގައި މީހަކު ކަރަންޓީން ކޮށްފައިވާ ނަމަވެސް އެ ހުއްދަ ނުދިނުމަށް،" މިނިސްޓްރީގެ ލިސްޓްގައި މިހާރު މޮނީޓަރިން ހާލަތުގައި ނެތް ރަށްތައް ހިމެނެނީ ކީއްވެގެންތޯ ސުވާލުކުުރުމުން މައިމޫނާ ވިދާޅުވި އެވެ.

ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ނުދޭ 25 ރަށް:

  1. ހއ. ތަކަންދޫ
  2. ހއ. އުލިގަމް
  3. ހއ. ދިއްދޫ
  4. ހއ. އުތީމު
  5. ހދ. ކުޅުދުއްފުށި
  6. ހދ. ކުމުންދޫ
  7. ހދ. ހިރިމަރަދޫ
  8. ށ. ނަރުދޫ
  9. ށ. ފީވަކު
  10. ށ. މާއުނގޫދޫ
  11. ށ. މިލަންދޫ
  12. ށ. ފުނަދޫ
  13. ށ. ޅައިމަގު
  14. ށ. ގޮއިދޫ
  15. ނ. މަނަދޫ
  16. ނ. ހޮޅުދޫ
  17. ނ. ހެނބަދޫ
  18. ނ. މާފަރު
  19. ނ. ވެލިދޫ
  20. ނ. ކެނދިކުޅުދޫ
  21. ނ. މިލަދޫ
  22. ކ. ތުލުސްދޫ
  23. ހިންމަފުށި
  24. ބ. ކެންދޫ
  25. ކ. މާފުށި

އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ރޭ ވިދާޅުވި ގޮތުގައި މޮނިޓަރިންގައި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން އެވެ.

މިނިސްޓްރީއިން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، ޖަމާއަތުގައި ނަމާދުކުރަން މިސްކިތްތައް ހުޅުވާލާއިރު، މިސްކިތުގައި ކާޕެޓް އެޅުން މަނާވާނެ އެވެ. އަދި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ދައުރުވާނެ ގޮތް ހެދުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން މިސްކިތުގެ ޖަމާއަތަށް އަންނަ މީހުން ސަމާލުކަން ދޭން ޖެހޭ ހަތަރު ކަމެއް ވެސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން؛

  • ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
  • ކުޑަ މުސައްލާއެއް ގެންދިއުން.
  • މާސްކް އެޅުން.
  • ރޯގާ ޖެހުން، ހުން އައުން އަދި ކެއްސާ ނަމަ މިސްކިތަށް ނުދިއުން.

ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވެފައި ތިބި މީހުން މިސްކިތައް ނުދިޔުމަށްވެސް ސާކިއުލާގައި މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު