ކުރީގެ ރައީސުންގެ އިނާޔަތް ކުޑަ ކުރަން މައުމޫން ތާއީދުކުރައްވައިފި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރަން ތާއީދު ކުރައްވާ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަ ރައްޔިތުންގެ މަޖިލީހުން ނިންމުން މުހިންމު ކަމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މަޖިލީހުގައި ދަންނަވައިފި އެވެ.

މިިދިޔަ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަ ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު އިސްލާހުކޮށްގެންނެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މައުމޫން އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ އިތުރުން އާންމުދަނީ ހޯދަން ކުރަން ކުރާ މަސައްކަތްތައް ނުކުރެވިފައި ތިބިކަމަށެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

އެ ސަބަބުތަކާ ހުރެ ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރުން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް މުރާޖައާ ކުރެއްވުމަށް އަޅުގަނޑު ތާއީދު ކުރާކަންވެސް މަނިކުފާނަށް ދެންނެވުމަށްޓަކައި މި ފުރުސަތުގެ ބޭނުން ހިފަމެވެ." ރައީސް މައުމޫންގެ ސިޓީފުޅުގައިވެ އެވެ.

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅުންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް 15 މިލިއަން ރުފިޔާ މި އަހަރަށް ބަޖެޓުކޮށްފައިވެ އެވެ.

ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކަމަޑޭޝަނަށް 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ކޮންމެ މަހަކު ދެ އެވެ. ރައީސް މުހައްމަދު ނަޝީދަށާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށާއި، ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް