ހަރަދުގެ ނަތީޖާ އެބަފެނޭ، ސަލާމަތްވީ، ވާނީ އެތައްހާސް ފުރާނަ: މިނިސްޓަރު އަމީން

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ވަރަށް ހަލުވި ކަމާ އެކު ފެތުރިގަނެ، ގައުމެއްގެ ސިއްހީ ނިޒާމް އެކީ އެކަށް ފެއިލްކޮށްލާ ކޮރޯނާވައިރަހުގެ މައްޗަށް ކާމިޔާބު ހޯދުނު ގައުމުތައް ވަރަށް ވެސް މަދެވެ. ވައިރަސް މައިތިރި ނުކުރެވި ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާ އާއި ޔޫރަޕްގެ ބައްރު، ކުޑަކަކޫ މައްޗަށް ތިރިކޮށްލީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ރާއްޖެއާ ހަމައަށް ވެސް ވައިރަހުގެ ބިރު އައުމާ އެކު، ތަސައްވަރު ކުރެވިފައި އޮތީ ރާއްޖެ ވެސް އެކަހަލަ ބިރުވެރި ހާލަތަކަށް ވެއްޓޭނެ ކަމެވެ.

އެ ވައިރަސް މައިތިރިކުރަން ރާއްޖެއަށް ވެސް ޖެހުނީ، ގައުމުގެ ރައްޔިތުން އެކީހެން ގޭ ބަންދުކޮށް، ފުރަބަންދެއްގައި ބައިތިއްބާށެވެ. ގައުމަށް ޑޮލަރު ވަންނަމުން ދިޔަ ހުރިހާ ދޮރެއް ބަންދުކޮށްލުމުން، ދައުލަތަށް އާމްދަނީއެއް ނުލިބުނަސް، މަދު ދުވަސްކޮޅެއްގެ ތެރޭ ސަރުކާރުން ކުރަން ޖެހުނީ ވަރަށް ބޮޑު ހަރަދެކެވެ. ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެ ކުރާ ހަނގުރާމައިގެ އަގު، ބިލިއަން ރުފިޔާއާ ގާތްކޮށް 873.3 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ އެކަށީގެންވާ ނުވާ ބޮޑު ހަރަދެކެވެ. މި ބޮޑު ހަރަދުން "ހަރުގެ"ތަކެއް ހަދާލުން ފިޔަވާ އެހެން ކަމެއް ނުވި ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. މި ހަރަދުކޮށްގެން ނިކުތީ ސުމެއްގެ ނަތީޖާއެއް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

އެކަމަކު، މި މަސައްކަތުގެ އެންމެ ކުރީގައި ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ވާހަކަތަކަށް ރައްދުދެއްވާ މުހިންމު ވާހަކަފުޅެއް ވިދާޅުވި އެވެ؛ "އިޓަލީ، ސްޕޭން އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވި އަދަދަށް މީހުން މަރުނުވުމާއި ބަލި ނުޖެހުމާ ހޮސްޕިޓަލްތައް ފުރިގެން ނުދިޔައިމާ ކަންނޭނގެ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ނުވިސްނެނީ މި ކުރި ހަރަދުތަކުގެ މުހިންމުކަން. އެހެންވީމާ ވިސްނެނީ ކަން ނޭނގޭ އެއްވެސް ހަރަދެއް ނުކޮށް ތިބި ގޮތަށް ތިއްބަސް ހަމަ މިހާރު އޮތްވަރުގައޭ އޮންނާނީ. އެއްކަމެއް ވެސް ނުވާނޭ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ކުށްހީއެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑޮމިލޮޖިސްޓުންނާއި ތަފާސްހިސާބުތަކުގެ ތަޖުރިބާކާރުން ޖެއްސެވި ހިސާބުތަކުން ރާއްޖޭގެ ހާލަތުން އަތް ނުފޯރާ ފަށަށް ގޮސް، 10،000 އެއްހާ މީހުން މަރުވެގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަފާކުރެވުނެވެ. އެއީ ރާއްޖޭގެ ޖުމްލަ އާބާދީގެ ދެ ޕަސެންޓް މި ބަލީގައި މަރުވެ ދިޔުމެވެ.

އެ ހާލަތުން ރާއްޖެ މިންޖު ކުރެވުނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރޭވިގެން ދުރާލާ އަޅަމުން ދިޔަ ފިޔަވަޅުތަކާއި ދިވެހީންގެ ފުރާނަ ސަލާމަތް ކުރަން އިސްކަން ދީގެން ކުރެވުނު ހަރަދުތަކުގެ ސަބަބުންނެވެ.

މިނިސްޓަރު އަމީން، އެންއީއޯއީސީގެ ސްޓޭކް ހޯލްޑަރުންގެ ބައްދަލުވުމެއްގައި: ރާއްޖޭގެ ހާލަތު ގޯސްނުވެ ހިފެހެއްޓުނީ ރޭވުންތެރިކަމާ އެކު އަޅަމުން އަންނަ ފިޔަވަޅުތަކުން ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތު މިނިސްޓްރީ

"އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭނެ ސަރުކާރަށް މި ކުރެވުނު ހަރަދުތަކާއި ކުރެވުނު މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ރަނގަޅޭ. ސަރުކާރުން މި ހަރަދުކޮށް މީހުން ކަރަންޓީނުކޮށް އައިސޮލޭޓްކޮށް ބޭތިއްބުމަށް ސަރުކާރުން ނުވިސްނި ނަމަ އެތައް ބައެއްގެ ފުރާނަ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދާނެ. އުމުރުން ދުވަސްވީ އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީސް. އަޅުގަނޑުމެންނަށް މީހުން ޓެސްޓް ނުކުރެވި ބަލި ދެނެ ގަތުމުގެ މަސައްކަތް ނުކުރެވުނު ނަމަ އެތައް އާއިލާއެއް އެ މީހުންގެ ލޯބިވާ މީހުންނާ ވަކިވެގެން ދިޔުމުގެ ހިތާމަވެރި ހާލަތާ އަޅުގަނޑުމެންނާ ކުރިމަތިވީސް. މި ހަރަދުތަކާއި މި މަސައްކަތް ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މި ހިސާބުގައި އަޅުގަނޑުމެންނަށް މިއަދު މި ތިބެވުނީ ވެސް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިއީ މުޅި ދުނިޔެ ވެސް ކުރިމަތިލާ އާ ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަންކަމަށް ފާޑުކިޔައި ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރުމަށް އަބަދު ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ޒިންމާދާރު ކުރުމަށް ޓަކައި ދައުލަތުގެ އެކި އިދާރާތަކުން މަސައްކަތް ކުރުމަކީ ވެސް، މަރުހަބާ ކިޔާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަޒުމަކީ، ފާޑުކިޔުންތައް އަޑުއަހައި ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކޮށްގެން ކުރިއަށް ދިޔުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެތައްހާސް ބަޔަކު ކަރަންޓީނުކޮށް، އެތައް ހާސްބައެއްގެ ޓެސްޓް ހަދައި ސިއްހީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަން ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ވަރަށް ރާއްޖޭގެ ނަމްބަރުތައް ހިފެހެއްޓިފައި ހުރުމެވެ. މީގެ ކުރިން މިވަރުގެ ބޮޑު ސިއްހީ ނުރައްކަލަކާ ރާއްޖެ ވެސް ކުރިމަތިލާފައި ނުވާއިރު މިކަމުން ސަލާމަތް ވެވޭނީ ހަރަދުތަކެއް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކީ ކުރި ހަރަދަކީ ސިއްހީ މާހިރުންނާއި ޑަބްލިއުއެޗްއޯ އާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުގެ ލަފާގެ މަތިން ރޭވުންތެރިކަމާ އެކު އެޅި ފިޔަވަޅުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ދިވެހީންގެ ފުރާނަތައް ސަލާމަތް ކުރަން. އަޅުގަނޑަށް ދަންނަވަން ކެރިދާނެ ނަމްބަރުން ބުނާ ނަމަ، ފުރަތަމަ ލަފާކުރި ކުރުމާ އަޅާބަލާފައި 10،000 އެއްހާ ދިވެހިންގެ ފުރާނަތަކޭ އަޅުގަނޑުމެންގެ މި މަސައްކަތުން މި ސަލާމަތްވީ. ކޮން އާއިލާއެއްތޯ ކޮން ދިވެއްސެއްތޯ ބޭނުންވާނީ އެ މީހެއްގެ ލޯބިވާ މީހަކު މި ބަލީގައި ދާން. ފަރުވާ ނުދެވިގެން ދާން. އެހެންވެ، މިކަމާ އަޅާނުލާ އަޅުގަނޑުމެންނަށް ނުތިބެވޭނީ. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރުމުގައި ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަދި އެޗްޕީއޭގެ އިސް އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގު މަޝްވަރާއެއްގައި: ކުރާ ކޮންމެ ހަރަދެއް، އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހީންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމައިގާ ރާއްޖޭގެ ވިސްނުން ގެންގުޅުނީ ދެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ. އެއީ ވައިރަސް މައިތިރިކޮށް ދެނެގަތުމަށް ފިޔަވަޅު އެޅުމުގެ އިތުރަށް، ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ހެލްތު ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމެވެ. އެއީ، ހިސާބު ޖެހިގެން ރޭވުންތެރިކަމާ އެކު ކުރެވެމުން އަންނަ މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ފިޔަވަޅުތައް އެޅީ ހަރަދުތަކެއް ކުރީ ހަމަ ތިބެފައި ގޮސް ހުޅުމާލޭގައި ތަނެއް އަޅަނީއެއް ނޫން. މިސާލަކަށް ހުޅުމާލޭގައި ފެސިލިޓީ ހެދީ އަޅުގަނޑުމެން ރޭވުންތަކެއް އޮވެގެން. އެއީ ފަރުވާ ދިނުމުގެ ކެޕޭސިޓީ އިތުރުކުރަން. އެއީ ގެއްލިގެން ދާ ހަރަދެއް ނޫން. އެތަނަށް ބޭނުންވާ ފަރުވާދޭނެ ތަކެއްޗާއި އެނދުތަކާއި ކަބަޑްތަކާ މިއީ އަޅުގަނޑުމެން ކުރި އިންވެސްޓްމަންޓެއް. މިކަން މިއީ އަދި ނިމެން އޮތް ކަމެއް ނޫން. އެހެން ވީމާ އަޅުގަނޑުމެންނަށް ހުޅުމާލޭގައި މިހެދޭ ފެސިލިޓީ ވެސް މިއީ މުސްތަގުބަލުގައި ކޭސްތައް އިތުރުވެ ދެވަނަ ސާޖްއެއްގައި ވެސް އަޅުގަނޑުމެންނަށް ކޭޓާ ކުރެވޭނެ ވަރަށް ހިސާބުތަކެއް ޖަހައިގެން ކުރިކަމެއް މިއީ. އެއީ އެތައް ޒަމާތަކަކަށް ހުންނާނެ ތަނެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގަނީ ވެސް ސިއްހީ ފަރުވާދޭން ބޭނުންވާ ސާމާނަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ބިދޭސީން ބައިތިއްބާނެ ފެސިލިޓީތައް ވެސް ހަދަނީ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ކޮރޯނާވައިރަސް ފެތުރިގެންދާ އަދަދު މަދު ނުކުރެވޭނެތީ ކަމަށެވެ. އަދި އެކަމަށް ކުރާ ހަރަދުގެ ސަބަބުން، އެތައް ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައަކަށް ހައްލު ލިބިފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މީގެ ކޮންމެ ހަރަދަކީ އޭގެއިން އެތައް ކަމެއް ހާސިލްވާ ކަމެއް. މިއީ ބޭކާރު ވެގެން ދާ ކަމެއް ނޫން. ބިދޭސީން ބައިތިއްބަން މި ހަދާ ފެސިލިޓީތަކުން މާލޭގައި ބިދޭސީން ތޮއްޖެހުމުގެ މައްސަލަ އެބަ ހައްލު ކުރެވޭ. މިއީ އެތައް ޒަމާންވީ މައްސަލައެއްގެ ހައްލެއް މިކަމުން މި އަންނަނީ. މިހިރީ މީގެ ތެރެއިން ކުރާ މަސައްކަތްތަކުން މި ހާސިލްވާ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ. "މީގެ ތެރެއިން މި ގަންނަ މެޑިކަލް އިކުއިޕްމަންޓް މިއީ ގެއްލި ދާ އެއްޗެއް ނޫން. އެތައް ޒަމާންތަކެއްގައި މިތަކެތި މި ނިޒާމްތައް އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ،"

ރައީސް ސޯލިހު ނޭޝަނަލް ޓާސްކް ފޯސްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުން: އެޅުނު ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ކޮރޯނާވައިރަސް މާލޭގައި ފެތުރިގަންނަން ފެށުމާ އެކު އެންމެ ބޮޑު ބިރަކަށްވީ، މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ ބަޔަކު ދިރިއުޅޭ ސިޓީއަށް ވާތީ އެ ބަލީގެ ހާލަތު ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ފުރަބަންދުގެ ފިޔަވަޅާއި ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ރާއްޖެއަށް ބަލި ނައިސް ލަސްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަލީގެ ހާލަތު އަތްދަށުން ނުގޮސް މައިތިރި ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ސިއްހީ މާހިރުންގެ ލަފާގެ މަތިން އެޅި ފިޔަވަޅުތަކަށް އާންމުން ދެއްކި ކިޔަމަންތެރި ކަމަކީ ވެސް އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކަށް ވީ ގޮތް ބައްލަވާ. މީގެ ނުރައްކަލަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ފަރުވާދޭން ޖެހޭ މީހުން ގިނަވެ މުޅި ނިޒާމް ކޮލެޕްސުވުން. އެކަމަކު އަޅުގަނޑުމެންނަށް އެޅިފާ މިހިރަ ފިޔަވަޅުތަކުން އެ ހިސާބަށް ނުގޮސް ރާއްޖެ އަޅުގަނޑުމެންނަށް ﷲގެ އިރާދަފުޅުން މި އަތުވީ. އެހެން ނޫނީ ތަސައްވަރު ކޮށްލާ އަޅުގަނޑުމެންގެ ހާލަތު އޮންނާނެ ދަށު ދަރަޖަ، އަޅުގަނޑުމެން މާ ބޮޑު ފިޔަވަޅެއް ނާޅާ ތިބި ނަމަ، މިއީ ރޯގާއެކޭ ކިޔާފައި ތިބި ނަމަ މިހާލަތު އަޅުގަނޑުމެންނަށް އަތުވެސް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރުގެ އަމާޒު ހުރީ، މިިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައްޔަށް ޓެސްޓް ކުރެވޭނޭ ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި އަތޮޅުތަކަށް މި ބަލި ދާ ހާލަތެއްގައި އަމަލު ކުރަން ރާވާފައިވާ ފަރުވާގެ ނިޒާމް ތަންފީޒުކޮށް އެ ނިޒާމް ވަރުގަދަކޮށް އަތޮޅުތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ މިވަގުތުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ވެރިޔާއާ އެކު މިނިސްޓަރު އަމީން ބައްދަލުވުމެއްގައި: ނިންމެވުންތައް ނިންމަވަނީ، ކަމާ ގުޅޭ ފަރާތްތަކުގެ ލަފަޔާ އެކު ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީ

"މީގައި އޮތް ނުރައްކަލަކީ މާލޭގައި ބަލީގެ ހާލަތު ގޯސްވާ ދުވަސްވަރަކާ ދިމާކޮށް ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ބަލީގެ ހާލަތު ގޯސްވުން. އޭރުން އެއީ ވަރަށް ބޮޑު ޑިޒާސްޓާއަކަށް ވާނީ. އެ ހިސާބަށް އަޅުގަނޑުމެން ނުގޮސް އެވޮއިޑް ކުރެވޭނެ ގޮތަކަށް މަސައްކަތްތައް މިރާވަނީ. އެކަމަށް ރުކުރުވާލަން ޖެހޭ ނިޒާމްތައް އަޅުގަނޑުމެން ތަރުތީބު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ބަލީގެ ހާލަތު ގޯސްވުމުގެ ނިޝާންތަކެއް މިވަގުތު ފެންނަން ނެތް ނަމަވެސް، އަދި ހިތް ހަމަޖައްސާލައިގެން ތިބެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރުގެ އިރުޝާދަކީ މި ބައްޔަކީ ލުއިކަމެއްގެ ގޮތުގައި ނުދެކި ފަރުވާ ކުޑަނުކޮށް އާންމުން ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުމެވެ.

"މިބަލީގެ މައްޗަށް އަދި ކާމިޔާބެއް ނުހޯދޭ. މީގައި އަދި ސިއްކަ ޖެހުނީއެއް ނޫން. ކުރިއަށް އޮތްތާ މި ބައްޔާ އެކު އަޅުގަނޑުމެން އުޅެން ޖެހޭ އިރު ސިއްހީ މާހިރުންގެ ލަފާތަކުގެ މަތިން އަމަލު ކުރަމުން އާންމުން ގެންދިޔުން މިވަގުތު އަޅުގަނޑުގެ އިލްތިމާސްއަކީ. ފަރުވާ ކުޑަނުކޮށް މި ބައްޔާ ދެކޮޅު މަސައްކަތް ކުރިއަށް ގެންދިޔުން. އެއީ އަޅުގަނޑުމެންނަށް މިބަލިން އެކީ އަރައިގަނެވޭނެ ގޮތަކީ. ފަރުވާކުޑަކޮށްފި ނަމަ އަޅުގަނޑުމެންނަށް ދިމާވާން އޮތީ ހިތާމަވެރި ގޮތްތަކެއް." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް