ގަތަރު އެއާވޭސްގެ ކެބިން ކްރޫ ވެސް ހަޒްމަތު ސޫޓު ލަނީ

ކެބިން ކްރޫއަކުން ހަޒްމަތު ސޫޓްގައި--

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގަތަރު އެއާވޭސްގެ ކެބިން ކްރޫއިން ވެސް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ސޫޓް (ޕީޕީއީ) ލާންޖެހޭ ގޮތަށް ހަމަޖައްސައިފި އެެވެ.

ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ސޫޓް ލަމުންދާތާ ވެސް މިހާރު މަދު ހަފްތާތަކެއްވެދާނެ ކަމަށެވެ.

ޔޫނީފޯމްގެ މަތިން އެ ސޫޓްލާއިރު، ރައްކާތެރިވުމުގެ ގޮތުން ގޮގަލްސްއާއި މޫނުމަތީގައި އަޅާ މާސްކާއި އަދި އަންގި ލައްވާނެ އެެވެ.

އެ އެއާލައިން މިހާރު ނިންމާފައި ވަނީ ފްލައިޓްތަކުގައި ފަސެންޖަރުން ވެސް މާސްކްއަޅަން ޖެހޭ ގޮތަށެވެ. އަދި އެ މާސްކު އަމިއްލައަށް ގެނައުމަށް ވެސް ފަސެންޖަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ފަސެންޖަރުންނަށާއި ކެބިން ކްރޫއިންނަށް ހާއްސަކޮށް ބޮޑެތި ސެނެޓައިޒާ ފުޅިތައް ވެސް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ގަތަރެ އެއާލައިންސްގެ ޗީފް އެކްޒެކިއުޓިވް އަކްބަރު އަލު ބަކުރު ވިދާޅުވީ ފަސެންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެ އެއާލައިންއިން އެންމެ ބޮޑަށް އިސްކަން ދޭ ކަންތައްތައް ކަމަށެވެ.

ގަތަރު އެއާލައިންސްގެ ކްރޫއިން ހަޒްމަތު ސޫޓް ލާން ނިންމިއިރު ފިލިޕީންސް އެއާލައިންއާއި އެއާ އޭޝިއާއިން ވެސް މިހާރު ވަނީ އެގޮތަށް އަމަލު ކުރަން ނިންމައިފަ އެވެ.

ފަސެންޖަރުން މާސްކު އެޅުމުގައި ބައެއް އެއާލައިންތައް އަމަލުކުރާނެ ސީދާ ޕޮލިސީއެއް އަދި ނޭނގެ އެެވެ. ބައެއް އެއާލައިންތަކުން ބުނީ މާސްކު ނާޅާނަމަ ބޯޓަށް ނާރުވާނެ ކަމަށާއި އަދި އަނެއްބައި އެއާލައިންތަކުން ބުނީ މާސްކު ނާޅާ ނަމަ ފަހަރެއްގައި ނާރުވާފާނެ ކަމަށެވެ.

ސީއެންއެން

comment ކޮމެންޓް