މޫސުން ގޯސްވެ، ކޮވިޑް19 އޮޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިރޭ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އޮޕަރޭޝަނަށް އިތުރު ދަތިކަމެއް އައިސްފައިވާ ކަމަށެވެ.
"އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައްޔާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން ގެންދިޔުމުގައި އިތުރު ދަތިކެއް ދިމާވެފައިވާތީ އޮޕަރޭޝަނުގައި ލަސްކަމެއް އައިސްފައިވޭ،" މަބްރޫކު ވިދާޅުވިއެވެ.
އަދި މިހާރު މި އޮތް ހާލަތުގައި މަސައްކަތް ކުރެވޭނެ އެންމެ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޓެސްޓުހެދުމަށް ސާމްޕަލް ޓްރާންސްފާ ކުރުމުގެ މަސައްކަތަށްވެސް ލަސްކަމެއް އައިސްފައިވާ ކަމަށެވެ.
ރެޕިޑް ރެސްޕޮންސްޓީމުގެ ފަރާތުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާތީ މަސައްކަތުގައި ދަތިކަމެއް އެބަހުރި ކަމަށެވެ.
"ވިއްސާރަ ދުވަސްކޮޅެއްވީމާ، އެއްގެއިން ނިކުމެ އަނެއް ގެއަށް ގޮސް ސާމްޕަލް ނެގުމާ ހާއްސަކޮށް ޕީޕީއީ ރައްކާތެރި ކުރުން، ޕީޕީއީ ގައި ހުއްޓާ ތެމިއްޖެނަމަ އެއީ އިންފެކްޝަނަށް ހުޅުވޭނެ ކަމެއް،" ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްރޮންޓުލައިންގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް އޮތުން މުހިއްމު ކަމަށެވެ.
އާރްއާރުޓީ އިން މިހާތަނަށް 10،000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު 72 ގަޑިއިރުގެ ބެކްލޮގަކާއެކު ޕެންޑިން ސާމްޕަލްގެ އަދަދު 400 އަށް އަރާނެ ކަމަށް ހަމީދު މިރޭ ވިދާޅުވިއެވެ.