މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ލ. ފޮނަދޫ އަދި މާމެންދޫ އަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ވައިގަދަވެ އެރަށު ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައި ވާކަމަށެވެ. މީގެ އިތުރުން އެރަށުގައި ހަދަން ފަށާފައިހުރި ފިހާރައަކަށް ގެއްލުންވިކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރާގައި ފޮނަދޫއަށް ގެއްލުން ވެފައި ---
މީގެ އިތުރުން އެރަށުގައި ހުރި ބައެއް ބޮޑެތި ގަސްތައް ވެއްޓި، ގެއްލުން ލިބިފައިވާ ކަމަށާއި ފޮނަދޫ ބޯޅަގެއެއްގެ ކައިރީ ހުރި ބޮޑު ގަހެއް ވެއްޓި، ބޯޅަގެއަށްވެސް ގެއްލުން ވެފައިވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ ފަތްކެޔޮ އަދި ފަޅޯ ދަނޑުތަކަށް ގެއްލުންވެފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ވިއްސާރާގައި ފޮނަދޫއަށް ގެއްލުން ވެފައި ---
"ގޭގެއަށް ފެންވަނުމުގެ ރިޕޯޓެއް އަދި ނުލިބޭ. އެކަމަކު ވައިގަދަވެ ފުރާޅު އެއްލާލުމާ ގަަސްތައް ވެއްޓުން ކަހަލަ ރިޕޯޓުތައް ވަނީ ލިބިފައި. ވިއްސާރައިގެ ގެއްލުންތައް ރިޕޯޓު ކުރުމަށް މިހާރު ވާނީ ހޮޓްލައިންއެއްވެސް ގާއިމް ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ވިއްސާރާގައި ފޮނަދޫއަށް ގެއްލުން ވެފައި ---
މިހާރު ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރާގައި އެއަތޮޅު މާމެންދޫގައި ހުރި ބޮޑު ހަތަރު ބަނބުކެޔޮ ގަސްވެސް ވަނީ ވެއްޓިފައެވެ.

ވިއްސާރާގައި މާމެންދޫގައި ހުރި ގަހެއް ވެއްޓިފައި---
މާމެންދޫ ކައުންސިލުގެ ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވީ ރޭ ފަތިހު ވައިގަދަވެ އެރަށުގެ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. މީގެ އިތުރުން ރަށު ރައްޔިތުންގެ ގެސްޓްހައުސްގެ ފުރާޅުގެ ޓިނުތައް ހަރުކުރުމަށް ޖަހާފައިވާ އިސްކުރުތައް ދޫވެ، ފުރާޅު ވިއްސާލަން އުޅެނިކޮށް ރައްޔިތުންގެ މަސައްކަތުން އެކަން ރަނގަޅު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ގޭގެއަށް ފެންވަދެފައެއް އަދި ނުވޭ. ފެންބޮޑުވާ ސަރަހައްދުގެ ގޭގޭ ދޮށުގައި މިހާރުވެސް ވާނީ ބަސްތާ ޖަހާފައި. ގޭގޭގައި މީހުން ހައްދާފައި ހުރި ގަސްތަކަށްވެސް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުންވެފައި،" ހަބީބު ވިދާޅުވިއެވެ.

މާމެންދޫ ގައި ފުރާޅެއް ވިއްސާލުމުންް އެތަން މަރާމާތު ކުރަނީ -

މާމެންދޫގައި ހުރި ގަހެއް ވެއްޓިފައި--
މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ރާއްޖޭގެ އެކި ރަށްރަށަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. ވާރޭ ވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
comment ނާނި
5 year 11 month ago
ތިޔަ ބަނބުކެޔޮގަސް ސަލާމަތްކުރާތި.