ކޮވިޑް-19ގެ ހަރަދުތަކުގެ އޮޑިޓް 45 ދުވަސް ތެރޭ ނިންމަން އަންގަނީ

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުން ހަރަދުކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށްތޯ ބަލަން 45 ދުވަހުގެ ތެރޭގައި ހާއްސަ އޮޑިޓެއް ހަދަން، އޮޑިޓާ ޖެނެރަލަށް ހުށަހަޅަން މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީއަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވީ، ކޮވިޑް-19އާ ގުޅޭ ހަރަދުތަކުގެ 72 ޕަސެންޓް އެސްޓީއޯ މެދުވެރިކޮށް ކޮށްފައިވާތީ، އެ ހަރަދުތަށް ކޮށްފައި ވަނީ ރަނގަޅަށްތޯ ބެލުމަށް އެ ކުންފުނީގެ އޮޑިޓެއް ހެދުމުގެ މައްސަލަ އެވެ.

އެހެން ނަމަވެސް، އެ ހުށަހެޅުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިސްލާހެއް ހުށަހެޅުއްވީ، ކޮވިޑް19އާ ގުޅިގެން ހަރަދުކުރަނީ ހަމައެކަނި އެސްޓީއޯއިން ނޫން ކަމަށް ވާތީ، އެކަމާ ގުޅިގެން ސަރުކާރުން ކުރާ ހުރިހާ ހަރަދެއްގެ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް ހުށަހެޅުމަށެވެ.

މެމްބަރު އަފީފު ހުށަހެޅި އިސްލާހަށް ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކޮމިޓީގައި ތާއީދު ކުރެއްވި އެވެ.

https://sun.mv/136814

މިއަދުގެ ކޮމިޓީގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިފަދަ ކަންކަމަށް ހަރަދު ކުރުމުގައި މީގެ ކުރިން ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވުނު ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑެތި ހަރަދުތައް ކުރާއިރު ފާރަވެރިވެ ތިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި މެމްބަރު އަސްލަމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ވަކިން ހާއްސަކޮށް މިފަދަ ކާރިސާތަކާ މިފަދަ ދަނޑިވަޅުތަކުގައި ކުރެވޭ ހަރަދުތައް ބޭކާރުކުރެވި، އިސްރާފު ކުރެވިގެން އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ބައެއް ކަންކަން ވަމުންދާ ކަމުގެ ތުހުމަތުތައް އަބަދުވެސް އާދޭ." މެމްބަރު އަސްލަމް ވިދާޅުވި އެވެ. "ސުނާމީގެ މައްސަލަ ހިނގައިދިޔައިރު ވެސް ވަރަށް ގިނަ މިފަދަ ކަންކަން ދިމާވެފައި ހުރީ. އެހެންވީމަ ބަލަމުންގެންދިއުމަކީ، ފާރަވެރިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް، މާލިއްޔަތު ކޮމެޓީގެ ވެސް މުހިންމު ދައުރެއް."

ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީގައި މެމްބަރު އަފީފު، މެމްބަރު ޔައުގޫބު އަދި މެމްބަރު އަބްދުލްގަފޫރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް މިވަގުތު އެ އޮޑިޓް ހެދުމާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ދެކޮޅުކަން ހާމަކުރެއްވި އެވެ. އޭނާ އެކަމަށް ދެކޮޅު ހައްދަވަމުން ވިދާޅުވީ، އޮޑިޓް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި މެންބަރު ގަފޫރު ވިދާޅުވީ، އެ ހަރަދުތައް އަދި ހިނގަމުން ދަނިކޮށް އޮޑިޓް ކުރުމުން އޮޑިޓްގެ މަގުސަދު ހާސިލް ނުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މިއީ ކުރަން ޖެހޭނެ ކަމެއް ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން. ކޮވިޑް19ގެ ހުރިހާ ކަމެއްގައި މި ހިނގައިދިޔަ ހަރަދުތައް އަލުން މުރާޖައާ ކުރާނެ، އެކަން ނިމުނީމަ އެކަން ކުރެވޭނީ. މިކަންކަން ކުރަމުންދާއިރު ހުރިހާ ބިލްތަކާ އެއްޗެހި ގެނެސް އެއަށް އަތްބާނައިގެން އުޅެން ވެއްޖެނަމަ އެކަމެއް ވެސް ނުވާނެ މިކަމެއް ވެސް ނުވާނެ. އަޅުގަނޑު ތާއީދުކުރަނީ މި ބަލީގެ ކަންކަން ތަންކޮޅެއް ހަމައަކަށް އެޅުނީމަ މިކަން [އޮޑިޓް] ކުރަން ފަށަން." މެމްބަރު އަބްދުލްގަފޫރު ވިދާޅުވި އެވެ.

މެމްބަރު އަފީފުގެ އިސްލާހާއެކު މެމްބަރު ޔައުގޫބުގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމުގައި އޮޑިޓް ކުރާ މުއްދަތެއްގެ ގޮތުގައި ނިންމާފައިވަނީ ކޮމެޓީން އޮޑިޓާ ޖެނެރަލްއަށް ސިޓީ ފޮނުވާތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި އޮޑިޓް ނިމި، ކޮމެޓީއަށް ރިޕޯޓު ލިބެން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް