ކާބުލް (މެއި 18): އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާއި އޭނާގެ ވާދަވެރިޔާ އަބްދުﷲ އަބްދުﷲ ވެރިކަމުގެ ބާރުތައް ހިއްސާ ކުރައްވަން އެއްވަސްވެވަޑައިގެންފި އެވެ.
ޣަނީ އާއި އަބްދުﷲ އިއްޔެ އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ސިޔާސީ ދެބަސްވުންތައް އުފެދިފައި ވަނިކޮށެވެ.
އެ އިންތިހާބުގައި ޣަނީ އާއި އަބްދުﷲ ވާދަ ކުރެއްވުމަށް ފަހު، ވޯޓު ކާމިޔާބު ކުރެއްވީ ޣަނީ ކަމަށް ނަތީޖާއިން ދެއްކުމުން އަބްދުﷲ އެ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހެއްދެވި އެވެ. އޭގެ ސަބަބުން ވޯޓު އަލުން ގުނުމުން ވެސް ގިނަ ވޯޓުތައް ލިބުނީ ޣަނީއަށް ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
ނަމަވެސް މިދިޔަ މާޗް މަހު ޣަނީ ރައީސް ކަމުގެ ދެވަނަ ދައުރަކަށް ހުވާ ކުރެއްވި އިރު އަބްދުﷲވެސް އަމިއްލަފުޅަށް ރަސްމިއްޔާތެއް ބާއްވަވާ، ވެރިކަމުގެ ހުވާ ކުރެއްވި އެވެ.
އޭގެ ފަހުން އިއްޔެ ދެ ބޭފުޅުން ސޮއި ކުރެއްވި ބާރުތައް ހިއްސާ ކުރާ އެއްބަސްވުމުގައި ވަނީ ރައީސްކަމުގައި ޣަނީ ހުންނަވާނެ ކަމަށާއި ނަމަވެސް ކެބިނެޓުގެ ދެބައިކުޅަ އެއްބައި އައްޔަން ކުރައްވާނީ އަބްދުﷲ ކަމަށް ނިންމައިފަ އެވެ. އަދި ސަރުކާރުން ތާލިބާނާއެކު ސުލްހައިގެ ވާހަކަތައް ބާއްވާ ނަމަ، އިސްކޮށް ހުންނަވާނީ އަބްދުﷲ ކަމަށްވެސް އެ އެއްބަސްވުމުގައިވެ އެވެ.
ޣަނީގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އަބްދުﷲ ވަނީ ގައުމުގެ ޗީފް އެގްޒެކެޓިވްގެ މަގާމު އަދާ ކުރައްވައިފަ އެވެ. އެއީ ބޮޑުވަޒީރު ފެންވަރުގެ މަގާމެކެވެ. އެ މަގާމު އުފައްދައި އަބްދުﷲ އާ ހަވާލުކުރީ 2014ގައި އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަބްދުﷲ ބަލިވުމުން ނަތީޖާ ގަބޫލުކުރުމަށް ދެކޮޅުހެއްދެވުމުން އެގައުމުގައި ދާހިލީ އަރާރުންތަކެއް އުފެދި ސަރުކާރު ހިންގަން ދަތިވާ ހިސާބަށް ކަންތައް ދިޔުމުން އެމެރިކާ މެދުވެރިއަކަށްވެގެން ގެނައި މެދުމިނުގެ ހައްލެއްގެ ތެރެއިންނެވެ.
އެ ދެ ލީޑަރުން މިފަހަރު އެއްބަސްވުން ހެއްދެވީ، ކާބުލްގެ ހޮސްޕިޓަލަކަށް މިދިޔަ ހަފްތާގައި ބަޔަކު ދިން ހަމަލާއެއްގައި 22 މީހަކާއި ދެ ތުއްތު ކުދިން މެރުމުން މުޅި އެގައުމަށާއި ދުނިޔެއަށް ވެސް ސިހުން ލިބިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް މިދިޔަ އަންގާރަ ދުވަހު ދިން ހަމަލާގައި މަންމައިންނާއި ދަރިންނާއި މާބަނޑު އަންހެނުންނާއި ނަރުހުން މަރުވި އެވެ.
ފުލުހުންގެ ޔުނިފޯމުގައި ތިބި ތިން މީހަކު ދިން އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ. އަދި އެ ހަމަލާ ދިން މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި އެ ތިން މީހުން ވަނީ މަރުވެފަ އެވެ.