ސުނާމީގައި ލިބުނު އަގު ބޮޑު ތަކެތި ބޭނުން ނުހިފި ވިރާނާވެފައި!

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ބޭރުގެ ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ވަރަށް ގިނަ އެހީ ރާއްޖެއަށް ދިނެވެ. ނަމަވެސް ސުނާމީއަށް ހަތް އަހަރު ވެގެންދާއިރު އެހީގެ ގޮތުގައި ލިބުނު ވަރަށް ގިނަ ތަކެތީގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުކުރެވި ވަނީ ފަނާވެ ގޮސްފަ އެވެ. އަނެއްބައި ތަކެތި ވީރާނާވަމުން ދަނީ އެވެ.

ހަގީގަތުގައި ސުނާމީގެ އެހީ ރާއްޖެއަށް އައީ އެފަދަ އެހީތައް މެނޭޖް ކުރާނެ އެންމެ ރަނގަޅު ސިސްޓަމެއް ގާއިމުވެފައި ނެތީހެވެ. އެފަދަ ލޮޖިސްޓްކް ސިސްޓަމެއް އެކުލަވާލެވިފައި ނެތީސް ތަކެތީގެ ގޮތުގައި ލިބުނު އެހީން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވިފައެއް ނުވެ އެވެ. ނަތީޖާއަކަށްވީ ބައެއް ތަކެތި ދިމަދިމާއަށް ބެހި، ވީނުވީ ނޭނގުނީ އެވެ.

"ތަކެތި މެނޭޖް ކުރާނެ އެންމެ ރަނގަޅު ސިސްޓަމެއް ނެތުމުގެ ސަބަބުން އެންމެ އިފެކްޓިވްކޮށެއް ނޫން ބޭނުން ކުރެވުނީއަކީ،" ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން، ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީ ވިދާޅުވި އެވެ.

ސުނާމީގައި ބައެއް ރަށްރަށަށް ބެހި ތަކެތީގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުކުރެވި ވީރާނާވެ ބައެއް ތަކެތީގެ ނިމުން ކައިރިވެފައިވާއިރު އަނެއްބައި ތަކެތީގެ މިލްކުވެރި ކަމާއި ބެލެނިވެރި ކަމުގެ ބަހުސްގައި ވާނެ އެއްޗެއްވާން ވަނީ ދޫކޮށްލެވިފަ އެވެ. އޭގެ ތެރޭގައި މެޝިނަރީ އާއި އިމާރާތާއި ޕްލާންޓް ފަދަ ތަކެތި ހިމެނެ އެވެ.

މީގެ އިތުރުން ތަކެތީގެ ގޮތުގައި ލިބުނު އެހީގެ ތެރޭގައި ލިބިފައި ހުރީ ކޯންޗެއްކަން ނޭނގޭ އެތައް ބައިވަރު އެއްޗެހި ވެސް ސަރުކާރުގެ އެކި ގުދަންތަކުގައި ބަންދުވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

"މިދިއަ އަހަރުގައި މައުލޫމާތު ލިބުނު ހެލްތު މިނިސްޓްރީގެ ގުދަނަކާއި އެއާޕޯޓްގައި ހުރި ގުދަނެއްގައި ސުނާމީ ހިލޭ އެހީގެ ސާމާނުތަކެއް ހުރި ކަމަށް. ސުނާމީ އެރިތާ ފަސް އަހަރު ފަހުން އެތަން ބަލަން މިލިބުނީ. ބެލިއިރު ވަރަށް ބޭނުންތެރި އެއްޗެހި ދެ ގުދަނުގައި ވެސް ފުރިފައި ހުރި. އޭގެ ތެރޭގައި ރަށްރަށުން ސަރުކާރަށް އެތައް ދުވަހަކު ޕްރެޝަރުކޮށްގެން ވެސް ނުލިބިފައި ހުރި މުހިންމު އެއްޗެހި ހުރި، ބޮޑެތި ޖަނަރޭޓަރާ ފެން ޕަންޕްތައް، އެތަކެތި އަތުގައި ހުރެ ބޭނުން ނުކުރެވި ވީރާނާވެ ގޮސްފައި ހުރީ. ބޮޑެތި ފެން ޕްލާންޓް ވެސް އެބަހުރި ވީރާނާވެގެން ގޮސްފައި،" ޒަކީ ވިދާޅުވި އެވެ.

އެއީ ގުދަންތަކުގައި ވީރާނާވި ބައެއް އެއްޗެއްސެވެ. ރަށްރަށުގެ ރައްޔިތުންނަށް ލިބިފައިހުރި ފެން ޕްލާންޓްތަކާއި މެޝިނަރީގެ ތެރެއިން ވެސް ވަރަށް ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވި އެވެ. ބައެއް ރަށްރަށުގައި ކޮންމެވެސް ގަހެއް ދަށުގައި ނުވަތަ ވަލުތެރޭގައި ހުރެ އެއީ ފެން ޕްލާންޓެއްކަން އެރަށުގެ މީހުންނަށް ވެސް ނޭނގި މުޅިން ދަބަރަށް ވެފައި އެބަހުއްޓެވެ. އަދި އެހެން ބައެއް ރަށްރަށް ލިބުނު އެފަދަ އަގު ބޮޑު މުދަލާއި ފެން ޕްލާންޓް އިންސްޓޯލް ނުވެ ކުޑަކުދިން ކުޅޭ އެއްޗަކަށްވެ ނިމިގެން ވަނީ ގޮސްފަ އެވެ.

"މިހާރު ވެސް ބައެއް ރަށްރަށުގައި އެ ރަށުގެ އާބާދީއަށް ފަސޭހަ ކަމާއެކު ފެން އުފެއްދޭނެ ޕްލާންޓްތައް އެބައުރި. އޭގެ ތެރޭގައި 80 ޓަނުގެ ފެން އުފައްދާ ޕްލާންޓާއި 30 ޓަނާއި 20 ޓަނުގެ ޕްލާންޓް އެބަހުރި ބޭނުން ނުކޮށް. އެ އެއްޗެހީގެ ބޭނުން ރައްޔިތުންނަށް ނުލިބި ހަލާކުވާން އެދަނީ އޭގެ ބެލެނިވެރިއަކީ ކޮބައިކަން ނޭނގިގެން، އެ ޝަކުވާއެއްގެ ތެރޭގައި،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށު ކައުންސިލްތައް އައުމުން ވެސް އެ މައްސަލަ ހައްލުވުމުގެ ބަދަލުގައި ވީ ގޯހެވެ. ވިދާޅުވި އެވެ: "އަޅުގަނޑުމެނަކަށް ކޯޑިނޭޓް ކުރެވޭކަށް ނޯވޭ މިހާރަކު، އެއީ ކައުންސިލް އޮތުމުން އަނެއްކޮޅުން ކައުންސިލުން ހަވާލެއް ނުވޭ. އަޅުގަނޑުމެން މިބުނަނީ ކޮންމެ ގޮތަކަށް ލިބުނަސް އެއީ ރަށުގެ ރައްތިޔުންގެ އެއްޗެކޭ ބޭނުން ކުރާށޭ އެކަމަކު އެހެނެއް ނޫން ވަނީ އޯނާޝިޕް ނުލިބިގެން އަތްލާކަށް ބޭނުމެއް ނުވޭ. އަނެއް ބަޔަކު ބެލެނިވެރިޔަކީ ކޮބައިކަން ނޭނގޭތީ އަތެއް ނުލާ. ބައެއް ކައުންސިލުތަކުން ބޭނުން ވަނީ އެމީހުންގެ ނަމުގައި ރަޖިސްޓްރީއެއް ހަދައިދޭން،"

އޭނާ ވިދާޅުވި ގޮތުގައި ސުނާމީގެ އެހީ ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި އެޅުނު އަގު ބޮޑު ބައެއް އިމާރާތްތަކާއި އިޖުތިމާއީ މަރުކަޒުތައް ހަލާކުކޮށް ތަކެތި ވަގަށް ނަގައި އެއް ވެސް ބަޔަކަށް ބޭނުން ނުކުރެވި ގާތްގަނޑަކަށް ބިމާ ހަމަވާން ދާއިރު ފުލްކޮށް މުދަލާއެކު ހުރި ބައެއް ކޮންޓެއިނަރު ވެސް ހުރި ގޮތަށް ހުރެ ދަބަރަށް ވެގެން ވަނީ ނިމިފަ އެވެ.

"މީގެ މާނައަކީ ސުނާމީގައި ލިބުނު އެހީގެ ގިނަ އެއްޗެގި ރަނގަޅަށް މެނޭޖެއް ނުކުރެވުނޭ. އޭގެ ސަބަބުން ވަރަށް ގިނަ ބޭނުންތެރި ހިލޭ އެހީ ވީރާނާ ވެގެން ހިނގައްޖެއޭ އަޅުގަނޑުމެނަށް އެއްވެސް ފައިދާއެއް ނެތި،" ޒަކީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިދަންނަވަނީ އެއީ ހިލޭ އެހީއޭ އެއަށް ހަ އަހަރުވީއޭ އެތަކެތި އެހުރީ ރަށްރަށް ބަހާފައޭ ކީއްވެގެން ހެއްޔޭ މިލްކުވެރިކަން ސާބިތު ކުރަންވީ އެެއީ ތިޔަ ބޭފުޅުންގެ އެއްޗިއްސޭ ބޭނުން ކުރައްވާށޭ. އަނބުރާ ގެންނާކަށް ނޫނޭ ބަހާފައި ހުރީއަކީ،"
ގުޅޭ ޓެގު
comment ކޮމެންޓް