ބިދޭސީން ބަނޑަށްޖެހި، ހިތް ފަޅައިގެން ދާވަރުގެ ވާހަކަތަކެއް

އޭޕްރީލް 22، 2020: ބިދޭސީއެއް ފޭސްމާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ބާނިތައް ރާއްޖޭގެ އައްސޭރިއަށް ފޯރައި، ގައުމު ލޮކްޑައުން ކުރުމާއެކު ފުދިގެން އުޅުނު އެތައް ދިވެހީންނެއް މިވަނީ ހާލުގައި ޖެހިފަ އެވެ. ވައިރަހާ އެކު އެތައް ދިވެހީންގެ ވަޒީފާ ގެއްލި، އާމްދަނީ ދަށްވެ، ދިރިއުޅުމުގެ ތަރުތީބު އެފުށް މިފުށަށް ޖަހާލައިފި އެވެ.

މިފަދަ ހާލަކަށް ދިވެހިން ވެއްޓުނު އިރު، އެއް އިރު ކައިގެން އުޅުނު ނިކަމެތި ބިދޭސީންނަށް ވާނެ ގޮތް ވިސްނާލާށެވެ. މަހު މުސާރަ ނުދީ، ދުވާލު ހަތަރު ދަމު މަސައްކަތް ކުރަން މަޖުބޫރުކޮށްފައި ތިބި އެތައް ހާސް ބިދޭސީންގެ ވަޒީފާތަކަށް ވާނެ ގޮތް ހިތަށް ގެންނާށެވެ. ރާއްޖޭގައި ދެވަނަ ދަރަޖައިގެ އިންސާނުންނަށް ހަދާފައި ތިބި މީހުން ވެއްޓޭނެ ދަށު ދަރަޖަ ވިސްނާލާށެވެ.

މެއި 14، 2020: ކޮވިޑް-19 ފެތުރޭތީ، ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ބިދޭސީން ނިކަމެތިވެފައިިވާ މިންވަރު މާލޭގެ މަގުތައް މަތިން އަންނަނީ ރަނގަޅަށް ފެންނަމުންނެވެ. މުސާރަ ނުލިބި، މަގުމަތިން މަސައްކަތް ހޯދައިގެން ހާންތިކަން ފިލުވަމުން ދިޔަ އެތައް ބިދޭސީންނެއް ވެރިިރަށް މާލޭގައި އުޅެ އެވެ. ނަމަވެސް މާލެ ލޮކްޑައުން ކުރުމުގެ ކުރިން، މަގުތައް މަތީގައި އެމީހުން ސަލާންޖަހަން ތިބޭ މަންޒަރެއް ނުފެނެ އެވެ.

ނަމަވެސް މިހާރު ރޮމުން އާދޭސް ކުރަމުން މަގުމަތީގައި ސަލާންޖަހާ ބިދޭސީންް މިވަނީ އިތުރުވާން ފަށައިފަ އެވެ. އެމީހުން ސަލާން ޖަހަނީ ފައިސާއަކަށް ނޫނެވެ. ކާނެ އެއްޗަކަށެވެ. ނޫނީ ކޮންމެސް ވަރެއްގެ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ދިނުމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީހަކު ސޯޝަލް މީޑިއާ ހިއްސާކުރި ވާހަކައެކެވެ.

"މިރޭ އަހަންނާ މަގުމަތިން ބަންގްލަދޭޝް ދެ މީހަކާ ދިމާވި. ދެމީހުން ވެސް ތިބީ ރޮވިފައި. ރޯދަވީއްލަން ކާ އެއްޗެއް ނުލިބިގެން. އޭރު ގަޑިން ދިހައެއް ޖަހަނީ،" އޭނާ ބުނެފައިވެ އެވެ.

އަނެއްކާ ރޭގައި އެހެން މީހަކަށް ދިމާވި ކަމެކެވެ.

ރޭ 10:45 ހާއިރު، ޒުވާނަކު ވަރަށް އަވަހަށް އޮފީހުން އެއްޗެއް ބަލާ ދާންޖެހިގެން ހުއްދަ ހިފައިގެން ނުކުމެ، ސައިކަލަށް އަރައި ދުއްވާލަން ތައްޔާރުވިތަނާ ފަހަތުގައި ހުރި މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. އޭރު ފަހަތުގައި ހުރީ މޫނުގައި މާސްކެއް އަޅައިގެން ހުރި ބަންގްލަދޭޝް މީހެކެވެ.

"މާ ބޮޑަށް ގަޔާ ކައިރީގަ ހުރީމަ އަހަރެން އެދުނީ ކުޑަކޮށް ދުރަށް ޖެހިލަން. ދެން އަހަރެން އެހީ ކިހިނެެއްހޭ ވީ. ބުނީމަ ބުނީ އޭނައަށް އެހީ ވެވިދާނެ ހެއްޔޭ. އެހެން ބުނީމަ އަހަރެން ކުޑަކޮށް ހައިރާންވި. ދެން ބުނީ ވަޒީފާ ގެއްލިއްޖެ އޭ، ކާނެ އެއްޗެއް ގަންނާނެ ފައިސާ ވެސް އަތުގައި ނެތް ކަމަށް،" އެ ޒުވާނާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ދިވެހި އަދި އިނގިރޭސި ބަހަށް ވެސް ފަރިތަނުވުމުން، ވަރަށް އުނދަގުލުން އެ ބިދޭސީ މީހާގެ ހާލު އޮޅުންފިލުވައިދިނެވެ. އޭނާއަކީ ރިސޯޓެއްގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ނަމަވެސް ކޮވިޑް-19ގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލުނީ އެވެ. އޭނާގެ ބޮސް އަކީ "ސަލީމް" ކިޔާ މީހެކެވެ. މާލެ އައީ 4،000 ޑޮލަރު އެޖެންޓަށް ދީފަ އެވެ. މިހާރު އެ ނިކަމެތި ބިދޭސީ މީހާ ވަނީ މުޅިން ދަރަނިވެރިވެފަ އެވެ.

އޭނާގެ ވާހަކަތަކަށް ފަހު ދިވެހި ޒުވާނާ އެދުނީ އެ ވާހަކައިގެ ތެދު ދޮގު ބެލުމަށް، ހެއްކެއް ދެއްކުމަށެވެ. ނަމަވެސް އެ ބިދޭސީ މީހާގެ އަތުގައި ހެއްކެއްގެ ގޮތުގައި ދައްކާނެ ޑޮކިއުމެންޓެއް ނެތެވެ.

މެއި 14، 2020: ދެ ބިދޭސީއަކު ވެހިކަލްއެއްގެ ތެރޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެންކަޅިވެފައި ހުރެ އޭނާ ދެއްކީ ރިސޯޓު ވަޒީފާގައި އުޅުނު އިރު، ޔުނީފޯމުގައި ހުރެ ނަގާފައިވާ ފޮޓޯއެކެވެ. މަސައްކަތުގައި އުޅުނު ކަމުގެ ހެއްކަކަށް އޭނާގެ އަތުގައި އޮތީ އެ ފޮޓޯގަނޑު އެކަންޏެވެ.

"އެވަރުން އަހަންނަށް ގަބޫލުކުރެވުނު. ނަސީބަކުން އޭރު އަހަރުމެން ތިބީ ފިހާރައެއްގެ ކުރިމަތީގައި. އަހަރެން ބުނިން ފިހާރައަށް ވަދެ ހަފްތާއަކަށް ވާވަރަށް، ބޭނުން ކާ އެއްޗެއް ނަގަން،" ޒުވާނާ ބުނެފައިވެ އެވެ.

ޒުވާނާ އެހެން ބުނުމާއެކު ބިދޭސީ މީހާގެ މޫނުމަތިން ފެނުނީ ހައިރާންކަމެެވެ. އޭނާ ސިހުނީ އެވެ. ނަމަވެސް އަވަހަށް ފިހާރައަށް ވަދެ މޭވާއާއި، ޕާނާއި ޖޫސް ފަދަ އެއްޗެހި ނެގި އެވެ.

ބިދޭސީ މީހާ ނެގި އެއްޗެއްސަށް އެރީ 232 ރުފިޔާ އެވެ. ދިވެހި ޒުވާނާ ބިލު ދެއްކުމާއެކު ބިދޭސީ މީހާ ފެށީ ރޯށެވެ.

"އަހަންނަށް އެތައް ފަހަރަކު ޝުކުރު އަދާކުރަމުން ރޮމުން ރޮމުން އޭނާ ދިޔައީ،" ޒުވާނާ ބުންޏެވެ.

ޒުވާނާ ބުނެފައިވާ ގޮތުން، އެ ބިދޭސީ މީހާ ވަނީ އޭނާގެ ހާލަތު އެމްބަސީއަށް ވެސް އަންގައިފަ އެވެ. ނަމަވެސް އެމްބަސީގެ ފަރާތުން އަދި ހަބަރެއް ނުވާކަމަށް ބުނި ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުލުހަކަށް ދިމާވި މިފަދަ ހާދިސާއެކެވެ.

"ޕޮލިސް ދައްތާއޭ ކިޔާފަ މީހަކު ގޮވާލީމަ ބަލާލިއިރު ހުރީ ފެންކަޅިވެފައި ހުރި ބަންގްލަދޭޝް މީހެއް. އޭނަ ބުނީ ދައްތާއޭ އަހަރެން ހެލްޕު ބޭނުމޭ. މަސައްކަތެއް ނެތޭ، މުސާރަ ނުލިބޭ، ކާން ނުލިބެ އޭ، ފެން ބޮއެގެންނޭ ރޯދައަށް ހުންނަނީ،" ފުލުހަކު ފޭސްބުކްގައި އޭނާއަށް ދިމާވި ކަންތައް ހިއްސާކޮށްފައިވެ އެވެ.

ބިދޭސީ މީހާ އެވާހަކަތައް ކިޔާދެމުން ދިޔަ އިރު ލޮލުން ކަރުނަތައް އޮހެމުން ދިޔަ އެވެ. ބިދޭސީ މީހާގެ ހާލަތުން އެ ޒުވާނާއަށް ވެސް ލިބުނީ ޝޮކެކެވެ. އެފަދަ ހާލެއް ޖެހިފައިވާ އިންސާނަކު ދިވެހި ފަސްގަނޑުން ދިމާވުމުންނެވެ.

ހަމަ ހޭވެރިކަން ވުމާއެކު ރެޑްވޭވް ފިހާރައަކަށް ވަދެ އެ ބިދޭސީ މީހާއަށް ޕާނާއި ޖޫހާއި އެހެނިހެން ކާއެއްޗެހި ގަނެދިނީ އެވެ

މިއީ އަދި ހާލުގައި ޖެހިފައި ތިބި ދެތިން މީހެއްގެ ވާހަކަ އެވެ. މިފަދަ އެތައް ބަޔަކު މިހާރު މާލޭގައި އުޅޭނެ އެވެ. މިއީ އެތައް އަހަރެއް ވަންދެން ދިވެހިންގެ ބަޔަކާ ގުޅިގެން އަދި ބިދޭސީން ވެސް އަޑީގައި ތިބެގެން ހިންގަމުން އަންނަ ޖަރީމާއެއްގެ ނަތީޖާ އެވެ.

އޮޅުވާލައިގެން ރާއްޖެ އައިސް ގަވާއިދާ ހިލާފަށް އުޅޭ މީހުން ވެސް ގިނައެވެ. ނަމަވެސް ހީލަތެއްގައި ޖައްސައި ރާއްޖެ ގެނެސް މަގުމަތިކޮށްފައި ތިބި ބިދޭސީންގެ އަދަދު ވެސް ހާހުން ގުނާލެވޭނެއެވެ.

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއަކު މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމީހުންނާ ދޭތެރޭ ބައެއް ދިވެހީން އަބަދުވެސް ކަންތައް ކުރަމުން އަންނަނީ ވަރަށް އިހާނެތިކޮށެވެ. މިއަދު އެންމެންގެ ދިރިއުޅުމަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ކޮވިޑް ރޯގާގެ އަސަރުކޮށްފައި ވާއިރު، އެކަމުން ވެސް އެންމެ ދަތި ހާލެއް މި ޖެހުނީ ނިކަމެތި ބިދޭސީންނަށެވެ.

މަސައްކަތް ކުރުވާފައި މުސާރަ ނުދީ އެމީހުން ގަނަތެޅުވުމަކީ އިންސާނިއްޔަތު ކަމުގެ ސަފުން ބޭރު ބޮޑު ޖަރީމާއެކެވެ. ނަމަވެސް މިފަދަ ދަތި ހާލަތެއްގައި މުސާރަ ވެސް ނުދީ، އެމީހުންނަށް ކައިބޮއި ހެދޭނެ ގޮތެއް ހަމަޖައްސައި ނުދިނުމަކީ ކިހާ ނުބައި ނުލަފާ ކަމެއްކަން ބަޔާންކުރާނެ ލަފްޒެއް ވެސް ނޭނގެއެވެ.

ބަޔަކު މިފަދަ ނުބައި އަމަލުތައް ހިންގަމުން އައި ނަމަވެސް، ވަރަށް ގިނަ އަމިއްލަަ ފަރުދުން ވެސް އަމިއްލައަށް އިސްނަގައިގެން ބިދޭސީންނަށް އަންނަނީ ބިދޭސީންނަށް އެހީވަމުންނެވެ. އެމީހުންނަށް ކާބޯތަކެއްޗާ އަންނައުނު ފަދަ ޒަރޫރީ އެއްޗެހި ފޯރުކޮށްދީ އިންސާނިއްޔަތުކަމުގެ ނަމޫނާ ދައްކަމުންނެވެ.

މޭ 12، 2020: ދޯނީގައި މަސައްކަތް ކުރާ ބިދޭސީއަކު ބޯޓުގައި މާޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުުން ވެސް އަންނަނީ ދަތި ހާލުގައި ދިރިއުޅެމުން އަންނަ މީހުން ރަނގަޅު ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެމީހުން ރާއްޖެ ގެނައި މީހުން، މަހުޖަނުންނަށް ވެ، ބޮޑެތި ގެތަކުގައި ފިލާ އެބަތިއްބެވެ. އެމީހުންގެ ޒިންމާތަކުން ރެކި އިންސާނުންތަކެއް ބަނޑަށް މަރުުވާން ދޫކޮށްލާފައި ގޮސް ތަނަވަސް ސުފުރާތަކަށް އިންސާފުކުރަނީ އެވެ. ގާނޫނުގެ އަތް އެމީހުންނާ ހަމައަށް ފޯރާނެ ދުވަހެއް، ނުވަތަ ދުވަހެއްގެ ކޮޅުން ފޯރާނެ ކަމެއް ވެސް ނޭނގެ އެވެ.

comment ކޮމެންޓް