ބްރެޒިލްގެ އާ ހެލްތު މިނިސްޓަރު މަހެއް ނުވަނީސް އިސްތިއުފާ ދެއްވައިފި

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާއި ހެލްތު މިނިސްޓަރު ނެލްސަން ތައިޝް -- ފޮޓޯ: ގެޓީ

ސައޮ ޕައޮލޯ (މެއި 16): ބްރެޒިލްގެ ހެލްތު މިނިސްޓަރު ކަމަށް ކެންސަރު ބަލީގެ ޑޮކްޓަރެއް ކަމަށްވާ ނެލްސަން ތައިޝް އައްޔަން ކުރިތާ އެއް މަސްވެސް ނުވަނީސް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ މަހުގެ 17އިގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރި ތައިޝް އިސްތިއުފާ ދެއްވީ ކޮރޯނާވައިރަހާ ގުޅިގެން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ސަރުކާރާ ދެބަސްވުންތައް އުފެދުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ހާމަ ކުރައްވާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ކޮރޯނާވައިރަހަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަ ކުރައްވާފައިވާ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ގެންދަވަނީ އެވައިރަހަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ތައިޝް ވަނީ އެ ބޭހަކީ މިބައްޔަށް ރަނގަޅު ފަރުވާއެއްކަން ދޭހަވާ ސައިންޓިފިކް ހެކި ނެތްކަން ފާހަގަ ކުރައްވާ، ބޭސް ބޭނުން ކުރަން ހިތްވަރު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހައިޑްރޮކްސިކްލޮރޮކުއިންއާ ބެހޭ ގޮތުން އެމެރިކާގައި ހެދި ދިރާސާއަކުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން، އެ ބޭސް ބޭނުން ނުކުރާ މީހުންނާއި ބޭސް ބޭނުން ކުރި މީހުންގެ ފަރާތުން ވަކި ތަފާތެއް ނުފެންނަ ކަމަށް ދައްކާފަ އެވެ.

މީގެ އިތުރުން ބްރެޒިލްގެ އިގުތިސާދު އަލުން ހުޅުވާލުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން އެގައުމުގައި ޖިމްތަކާއި ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭ އަމުރެއް ސަރުކާރުން ނެރުނު އިރު އެކަމާ ބެހޭ ގޮތުން ތައިޝްއާ މަޝްވަރާ ނުކުރާ ކަމަށް މިދިޔަ ހަފްތާގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ބޮލްސޮނަރޯ އެގައުމުގެ ހެލްތު މިނިސްޓަރު ކަމަށް ތައިޝް އައްޔަން ކުރެއްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ލުއިޒް އެންރީކޭ މެންޑެޓާއަށް ފާޑުވިދާޅުވެ، އޭނާ މަގާމުން ދުރުކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން ބްރެޒިލްގައި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށާއި މީހުން ގޭގައި މަޑުކުރުމަށް މެންޑެޓާ ގޮވާލައްވަމުން ގެންދެވުމުން ބޮލްސޮނާރޯ ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

ބްރެޒިލްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ ޖަރުމަނާއި ފްރާންސަށް ވުރެ އިތުރުވެ، މިހާރު އެ އަދަދު ވަނީ 208،000 ހުރަސްކޮށްފަ އެވެ. އަދި އެގައުމުން ބަލީގައި 14،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް