މިއަދު ބަންގްލަދޭޝްގެ 500އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ތިބި 500އަށް ވުރެ ބަންގްލަދޭޝް މީހުން މިއަދު އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނެފިއެވެ.

އެންއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު 500އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލަނީ މޯލްޑިވިއަންއާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންއާ ގުޅިގެން ކުރާ ދަތުރުތަކެއްގައި ކަމަށެވެ.

ރާއްޖޭގައި ތިބި 1،500 ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 982 އެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 524 މީހަކަށް އެ ބަލި ޖެހިފައިވެއެވެ. ބަލި ޖެހިފައިވާ ދިވެހީންގެ އަދަދަކީ 323 އެވެ.

މާލޭގައި ގިނަ ބަންގްލަދޭޝް މީހުން ދިރިއުޅެނީ ކުޑަކުޑަ ތަންތަނުގައި ތޮއްޖެހިގެންނެވެ. އެހެންކަމުން އެފަދަ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެދުގައި ބަލި ފެތުރުން އަވަސް ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެފަދަ ތަންތަނުގައި ބަލި ފެތުރިޔަ ނުދިނުމަށް ބައެއް މީހުން ވަނީ ވަގުތީ ގޮތުން އެހެން ތަންތަނަށްވެސް ބަދަލުކޮށްފައެވެ.

comment ކޮމެންޓް