ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ހަތަރުސަތޭކަ ޔުނިޓާ ހަމައަށް ކަރަންޓް ސަބްސިޑީ ދޭން ނިންމައިފި

19:00


އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ހަތަރުސަތޭކަ ޔުނިޓާ ހަމައަށް ކަރަންޓް ސަބްސިޑީ ދިނުމަށް ނިންމައި، އެކަމަށް އެދޭ ފަރާތްތަކަށް ލުއި ފޯމުގެ ނަމުގައި އާ ފޯމެއް ތައާރަފްކޮށްފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ ސަބްސިޑީ ކޮމިޓީގެ މެންބަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ، އެގޮތަށް ހަމަޖެއްސެވީ، މާލޭގެ ކަރަންޓް ބޭނުންކުރާ މީހުންގެ ފަސްދޮޅަށް ޕަސެންޓަކީ ހަތަރު ސަތޭކަ ޔުނިޓާ ހަމައަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ވެފައި، ސަބްސިޓީ އެންމެ ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ކުރަމުންގެންދާ މަސައްކަތުގައި މިހާތަނަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށެވެ.


މިކަމާ ބެހޭ އިތުރު ތަފްސީލް ދެއްވަމުން، އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ، އަލަށް ތައާރަފްކުރި ފޯމަކީ، ހަމައެކަނި ހަތަރުސަތޭކަ ޔުނިޓާ ހަމައަށް ބޭނުންވާ ސަބްސިޑީއަށް އެދުމަށް އެދޭ ފޯމެއް ކަމަށެވެ. އަދި އެފޯމު ފުރާގޮތަށް ހަމަޖެހިފައި ވަނީ ތަނުގެ ވެރިފަރާތް ނޫން ކަމަށާއި، މީޓަރަށް ފައިސާ ދައްކާ ފަރާތް ކަމަށް ވިދާޅުވެ އެ ފޯމާ ބެހޭ އިތުރު ތަފްސީލް ދެއްވި އެވެ.


އިބްރާހިމް ވަހީދު އަދި ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއެކު ޑޮމެސްޓިކް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި 5.5 މިލިޔަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އަދި ހަތަރު ސަތޭކަ ޔުނިޓާ ހަމައަށް ސަބްސިޑީއަށް ލުއި ފޯމެއް ތައާރަފްކޮށްފައި ވީނަމަވެސް، ހަތަރުސަތޭކަ ޔުނިޓަށްވުރެ މަތިން ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ދޫކުރާ ފޯމް އެންސްޕާއިން ލިބެމުންދާނެ ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު