﷽
ދޮންގޮމައަކީ އަވަށުގެ ކަމުވޮށިގެންވާ އާއިލާއަކުން އައިސްފައިވާ މަޝްހޫރު އަންހެނެކެވެ. މުރާލި މީހެކެވެ. ބުރަމަސައްކަތް ކުރާ މަންމައަކަށްވެފައި ކުދިންނަށް ވޮށުފިލާޖަހާދީ އަރަބި އަދި ތާނަ އަކުރު އުގަންނާދީ ގުރުއާން ކިޔަވައިދޭ އެދުރުދައިތައެކެވެ. ޚުލްގު ހެޔޮ އަވަށްޓެރިންނަށް އަޅާލާ ހެޔޮމީހެކެވެ. ގޭގައި މީރު އެއްޗެއް ހެދިއްޔާ އަވަށްޓެރިންނަށް ނުދީ ނުކެވޭނެއެވެ. އެހާ މަސައްކަތެރިިއެވެ. ފަންގިވިނުމާ އަތްތެރި މަސައްކަތްކޮށް ކާށިން ތެޔޮ ހާނާ އަދި ހަވާދުހަނާކުރުންފަދަ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތިއުޅުނެވެ. މިސްކިތު ވަޅުދޮށަށް ފެންބަލާ ދިޔުންފަދަ ގޭގެ އެހެން މަސައްކަތާއި އުޅެވޭވަރުވާނީ އިރުއޮއްސުމަށްފަހުގައެވެ. ނަމަވެސް މިހާރު އުމުރުން ދުވަސްވެ އަސާގަނޑުގެ އެހީގައި އުޅެން ފެށުމުން މަސައްކަތްކުރާނެ ހިތްވަރެއް ނުހުރެއެވެ.
އެހެން ރޭތައް ފަދައިން ދުވާލުގެ މަސައްކަތަށް ނިންމާލާފައި ދޮންގޮމަ އަވަސްވެގަތީ ވަޅުމިސްކިތުން ފެން ބަލާ ދިޔުމަށެވެ.
ކުދި ފަންގެތަކުގެ ކުރިމަތީގައި އޮތީ ކަށިކެޔޮ ވަލެކެވެ. ގަސްތައް ބޯކަމުން ހަނދުވަރު ނުދެންޏާ ކަޅުފޮއި ރޭތަކުގައި އެހިސާބުގަނޑު ފެންނަނީ ނާމާންކޮށެވެ. ހަނދުވަރުގެ އަލި ދިއްލާލާފައި އޮތްއިރު ދުރުން ކަޅުވައިލެޓް ކުލައަކަށް ދާ އުދަރެހާއި ދިމާލުން ގަސްކަރަ ކަޅުފުރޭތަތަކެއް ހެން ފެންނާން ހުއްޓެވެ. ބޯވަޅު ލިބާހަކާއި ކަނޑިކިއެއް އަނދެލައިގެން ހުރި ދޮންގޮމަ ފެންބަޑިޔާ ކިހިލީގައި ޖަހާލައިގެން ދެފަރާތުގައި ގަސްތަކާއި ވިނަތައް ހެދިފައިވި ހަނި ގޯޅިގަނޑުން ކުރިއަށް ހިނގައިގަތެވެ.
ފަލަކުގައި ރަނިކަން ކުރަމުން ދިޔަ ހަނދުފެނުމުން ދޮންގޮމައަށް ހިތްހަމަޖެހުން އިހުސާސްވިއެވެ. ހަނދުގެ ސަބަބުން ގޯޅިއަށް ފަނޑު އަލިކަމެއްވެރިވެ ކޮންމެވެސް ވަރަކަށް ތަންތަން ފެނެއެވެ. މިސްކިތުގެ ފުޅައް ކައިރިން ކޮންމެވެސް އެއްޗެއް ލޮލުގެ ހިމަކޮޅުން ފެނިލިހެން ހީވެގެން ދެތިންފަހަރު އެސްފިޔަ ތަޅުވައިލިއެވެ. އެއީ އިންސާނީ ސޫރައެކެވެ.
ދޮންގޮމަ ކައިރިވިއިރު މަޑުމަޑުން ރޯން ހުރެފައި އެކުއްޖާ ރުއިން ހުއްޓާލައިފިއެވެ. ތިންއަހަރުވެސް ނުވާ ކުޑަކުޑަކުއްޖެކެވެ. އަވަށުގެ އެހެން މީހުން އާއްމުކޮށް ލައި ނޫޅޭފަދަ ހެދުމެއް ލައްވާފައި ހުރި ކުއްޖެކެވެ. މަޑު އަޅިކުލައިގެ ދޫ ފޭރާމެއް ގަޔަށް މަހާލާފައެވެ. އުނަގަނޑުން ތިރިއަށް އޮތް ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ.
"އެކޮއި މަންމަ ކޮބާ؟ އެކަނިތަ؟ ކީއްވެ މިތާ ތިިހިރީ؟ އެކޮއި ރޮނީ ކީއްވެތަ؟ " އެތައް ސުވާލެއް ކުރުމުންވެސް ޖަވާބެއްނުދީ ބަލަން ހުރީއެވެ. ފަހަރެއްގައި އެކުއްޖާ މާ ބޮޑަށް ބިރުގަތީއެވެ. ނޫނީ ޅަކަމުން އަދި ވާހަކަދައްކަން ނޭގެނީއެވެ. މިކުއްޖާ އެކަނި ބަހައްޓާފައި ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ ދޮންގޮމަ ކައިރިއަށް ޖެހިލުމުން އެކުއްޖާވެސް ދޮންގޮމައާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. އެކަމުން ޔަގީންވީ އެކުއްޖާ އެހީތެރިކަން ބޭނުންވެފައި ހުރިކަމެވެ.
"ކޮއިފުޅު ނަން ބުނެބަލަ..." ޖަވާބެއް ދޭނެކަމުގެ އެއްވެސް އުއްމީދެއް ނެތަސް ދޮން ގޮމަ އެހިއެވެ.
"ހާޖަރު...." އެކުއްޖާ ހީލުމުން ދޮންގޮމަގެ ހިތުގައި މަޑު މަޑު ހޫނުކަމެއް ފެތުރުނެވެ. އަބަދުވެސް އޭނަ އަންހެންދަރިއަކު ބޭނުންވިއެވެ. ދެ ފިރިހެންދަރިން ލިބުމަށްފަހު އުނގު ފަޅުފިލުވައިދޭނެ ދަރިއެއްގެ ލޯބިން މަހުރޫމްވިއެވެ. ފިރިމީހާއާއި ދަރިން ވަލަށް ދަރުހޯދާ މަސައްކަތު ދިޔުމުން އެކަނި ފިލުވައިދީ އަތްގާތްކޮށްލަދޭނެ ކުއްޖަކު އޭނަ ކިތަންމެހާވެސް ބޭނުންވިއެވެ. ހާޖަރު އެއުނިކަން ފޫބައްދާދޭނެއެވެ. ލޯބިން ހިތް ފުރުމާއެކު އޭނައަށް އެކުޑަކުއްޖާ އުރާލެވިއްޖެއެވެ. ފެންބަޑިޔާ މަތިންވެސް ހަދާންނެތުނެވެ. ކުޑަކޮށް މިލަވެފައި ހުރުމުން ގިފިލީ ވަޅުދޮށަށް ގެންގޮސް ދާނިން ބޮލަށް ފެންއަޅާ ނިކަން ރީތިކޮށް ފެންވަރުވައިލިއެވެ. ޖިފުޓިއަށް ވަދެ ފޮތިގަނޑަކުން ފެން ހިއްކާލާފައި ރަގަޅަށް ކާށިތެޔޮލައްވާ ފުނާއަޅުވާ އަނދުން އަޅުވާ ފުށްމަލުން މޫނުގައި ތަޅައިލިއެވެ.
ފިރިމީހާއާއި ދެކުދިން ގެއަށް އައުމުން އެތައް ސުވާލުތައް އަމާޒުވިއެވެ. ވަގަށް ގެނައިކުއްޖެއް ހެއްޔޭވެސް ފިރިމީހާ އަހައިލިއެވެ. ކަންހިނގިގޮތް ދޮންގޮމަ ކިޔައިދިނެވެ. އޭރު ހާޖަރު އޮތީ އޭނަގެ ކޮނޑުމަތީ ނިދިފައެވެ. އޭނަ ނިދާ އަށިމަތީގައި ބާއްވާލާފައި އެތެރެ ގޭގެ ކަނުގައި އަޅުވާފައި އޮތް ފުޅިބައްތި ގެނެސް ބޮޑަށް އަލިވާނެހެން ދިމާ މަތީގައި އެލުވާލައިފިއެވެ. ހޭލެވުނަސް ހާޖަރު ބިރުގެންފާނެތީއެވެ.
ހެނދުނި އިރު އެރުމާއެކު ދޮންގޮމަ އަވަށުގެ ގޭގެއަށް ހިނގާ އެއްވެސް ކުއްޖަކު ގެއްލިގެން މީހަކު އުޅުނުތޯ ޚަބަރު އޮޅުން ފިލުވާހެދިއެވެ. އެފަދަ އެއްވެސް މައުލޫމާތެއް ނެތުމުން ދޮންގޮމަ ހެއްދެވި ފަރާތަށް ދުޢާކުރިއެވެ. އެފަދަ އުފާވެރިކަމެއް ލިބެންވީ ސަބަބެއް ނޭގުނެވެ. ކޮންމެގޮތެއް ވިޔަސް އަމިއްލަ ދަރިއެއްގެ ގޮތުގައި ހާޖަރު ބަލަން އޭނަ އަޒުމް ކަނޑައެޅިއެވެ.
ދޮންގޮމަގެ ފިރިމީހާއާއި ކުދިންވެސް ހާޖަރު ދެކެ ރުހި އާއިލާގެ މެމްބަރެއްގެ ގޮތުގައި ބަލައިގަތެވެ. އަދި ދޮންގޮމައިގެ ހިތް ލޯބިން އެންމެ ފުރެނީ އޭނަ ކިޔަވައިދޭ ކުދިންގެ ތެރޭ ހާޖަރު ހުރެ އަކުރު އުނގެނި ގުރުއާން ކިޔަވާ އޭނަގެ ފަހަތުގައި ނަމާދުވެސް ކުރާތީއެވެ.
ދެތިން އަހަރުފާއިތުވެގެން ދިޔައިރު ހާޖަރުއަކީ އެންމެ އެހީތެރިވާ އެންމެ ރަގަޅު ކުއްޖާކަމުގައިވިއެވެ. ކޮންމެ ދުވަހަކު ގޭތެރެސާފުކޮށް ކެއްކުމުގައި އެހީތެރިވެދީ ދަނޑުވެރިކަމުގައިވެސް ހާޖަރު އުޅެއެވެ. ހާޖަރުއައި ފަހުން މިރުހާއި ބަރަބޯ އަދި ފަޅޯފަދަ ތަކެތި މާރަގަޅަށް ހެދި ގޮވާން ކެނޑޭ މިންވަރު އިތުރުވިއެވެ. އޮޅުއަލަ ދަނޑަށްވެސް އެކުޑަކުއްޖާ އެރި އޮންނާނެއެވެ. އެހާ ކުޑައިރުވެސް ފަންގި ވިނުމާއި ހަވާދު ހަނާކުރަން ދަސްކުރަން ގާތުގައި އިންނާނެއެވެ. ހަވާދު ފުނޑައިލުމަށްފަހު ފޮޔާ ދައި ނިކަން ރީތިކޮށް ސާފުކޮށްލާނެއެވެ. ކަށިކެޔޮ ކަނދި އެގޭ އެންމެނަށް މީރުކަމުން އެންމެ ދުވަހެއްވެސް ވައްޓާނުލާ އެކުއްޖާ އެމަސައްކަތްވެސް ކުރެއެވެ. ގޭ އަށިމަތިން ވަޅޯ މަހާއި ރިހާކުރު ހުސްވާއިރެއް ނުދާނެއެވެ. ރުކުރަލާއި މޭވާފަދަ ތަކެތިވެސް ގޭގައި މަދުނުވާވަރަށް ގެނެސްފައި ހުރެއެވެ.
ފަނުން ހަދާފައިވާ ބަދިގެ ހުންނަނީ ގެއާއި ދިހަވަރަކަށް ފޫޓު ދޮރުގައެވެ. ދޮންގޮމަ އެއްދުވަހު ހެދުނު ހޭލައިގެން ދިޔައީ ނިކަން މީރުވަހެއް ދުވަންފެށުމުން ޚަބަރު ބަލައިލާށެވެ. ހާޖަރު ހުރީ މަސް ފިހުމުގައި އަވަދިނެތިއެވެ. ބަނބުކެޔޮ ފެނުކައްކަން އަރުވާފައި ހުރިއިރު އަނެއް ތެލީގައި ގަރުދިޔަ އުނދާފައެވެ. ދުވަހަކު އެތަން ތަރުތީބުނުކުރާ ވަރަށް ތަރުތީބުކޮށް ސާފުކޮށްލާފައެވެ.
"ސުބުހާނަﷲ ހާދަ މީރުވަހެކޭ ކޮއިފުޅާ.." ދޮންގޮމަ ތައުރީފުކުރިއެވެ.
"މަސްކޮޅެއް ފިހެލަނީ. ކަނޑުކުކުޅުވެސް ހަދައިފިން. މަންމަ ބުރަކޮށް މަސައްކަތްކުރާތާ މާ ދުވަސްވެއްޖެ. ދެން އޮތީ އަރާމުކުރަންވީ ދުވަސް. ހާޖަރު މިހިރީނު. ހުރިހާ މަސައްކަތެއް ރޭގަނޑު ކޮށްފާނަން. ހަވާދު ހަނާކޮށް މަސްފިހެ ކާށި ގާނާ ގޭތެރެ ސާފުކޮށް ހުރިހާކަމެއް ކުރަން މަންމަ ދަސްކޮށްދީފިން......" ހާޖަރު ވާހަކަދައްކަނީ ނިކަން މަޑުމަޑުންނެވެ.
"މަންމައަށް ލިބުނު ރަންކޮޅެއްނު..." ދޮންގޮމާގެ ހިތް ފުރުނެވެ.
އުމުރުން ދުވަސްވެ ލޯބޯ ކޮށިވުމުން ދޮންގޮމައަށް ނުކުރެވޭ ކިތަންމެ ކަމެއް ކުރަން ހާޖަރު އަތުކުރި އޮޅައިލިއެވެ. ރޭގަނޑު ނިދަން އޭނަ އެރުމުން ހާޖަރު އޭނަގެ ބޮލާއި ފައިގާ ތެޔޮލާދީ މަސާޖުކޮށްދެއެވެ. ހާޖަރު ލައްވާ މާ ގިނަ މަސައްކަތް ކުރެވޭކަމުގެ އިހުސާސް އޭނަގެ ހިތަށް އުދަގޫވެސް ކުރުވައެވެ. ހާޖަރު އޭނަ ގާތުގައި ހުރުމުން ލިބޭއުފަލާއި ލޯބި ވާ މިންވަރުން އެކުއްޖާގެ އާއިލާއާއި ބެހޭގޮތުން ދުވަހަކު އޭނަ ސުވާލެއް ނުކުރެއެވެ. އާއިލާގެ އެންމެ ފަހު މީހާވެސް ނިޔާވީކަން ނޭގެއެވެ. އެއިން އެއްވެސް ކަމެއް ދޮންގޮމައަށް މުހިއްމެއް ނޫނެވެ. ހާޖަރުއަކީ އޭނަގެ ކުޑަ އަންހެން ދަރިއެވެ.
އަކުރުތައް ނުފެންނަ ވަރުވުމުން ކުދިންނަށް ކިޔަވައިދޭން ދަތިވެ ގިނަވަގުތު ދޮންގޮމަ އޮންނަނީ ހާޖަރު ބުނިފަދައިން އަރާމުކުރާށެވެ. ހެނދުނު އިރުއަރާއިރަށް ހާޖަރު ގޭގެ ހުރިހާ މަސައްކަތެއް ނިންމާލާފައި ދަނޑަށްދެއެވެ. ގެއަށް އައިއްޔާ އުޅޭނީ އޭނަގެ މަންމަގާތުގައެވެ.
އެއްރޭ ދަންވަރު ދޮންގޮމަ ހޭލެވުނީ ކަރު ހިއްކައިގެންނެވެ. ފެންބަޑިޔާގައި ފެން ހުސްވެފައެވެ.
"ހާޖަރު ހާޖަރު. ފެންފޮދެއް...ކޮބާތަ؟ " ދޮންގޮމަ ގޮވައިލިއެވެ. ހާޖަރު ތަންމައްޗަކު ނެތެވެ.
ކަޅުފޮއި ރެއެއްކަމުން އެއް އަތުން ފުޅިބައްތި އަދި އަނެއް އަތުން އަސާ ހިފައިގެން އޮޅިގަނޑު ގިރާކޮށްލާފައި ނުކުންނަން ހަދައިގެން ތަނެއްގައި އަޅައިނުގަތީވެސް ކިރިޔާއެވެ. އައި ވައިރޯޅިއަކާއެކު ބައްތީގެ ހުޅުކޮޅު ހޫރިގަތެވެ. ބަދިގެއާއި ދިމާލުން މީހެއްގެ ހަރަކާތް ފެނި ހިނގައިގަނެވުނީ އެދިމާލަށެވެ. ފަނުން ހަދާފައިވާ ބަދިގޭގައި ހުންނަ ފަންގި ދޮރު ކަހާލާފައިވާތީ އެތެރެ ރީއްޗަށް ފެންނާން ހުއްޓެވެ. ލޮލުގައި އަޅައިގަތް މަންޒަތަކުން ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އަތުން ބައްތިވެސް ދޫނުވީ ހަމަ ކިރިޔާއެވެ. އުނދުގައި ރޯކޮށްފައި ހުރި އަލިފާން ދަރުގެ ތެރެއަށް ދެފައި ލައިގެން ފާޑެއްގެ އަންބާ އެއް ކަހަަލަ އެއްޗެއް ކިޔަން އިނީ އޭނަގެ ދަރި ހާޖަރު ފިޔަވާ އެހެން ދެވަނަ ކުއްޖެއްނޫނެވެ.
"އަސްތަޣުފިރުﷲ....." ދޮންގޮމައަށް ލިބުނު ސިހުމާއެކު މަޑުމަޑުން ފަހަތަށް ޖެހި ޖިފުޓިއާއި ދިމާލަށް ހިނގައިގަތެވެ. އަދި ތަންމަތީގައި އޮށޯވެއްޖެއެވެ. އޭނައަށް ހާޖަރުގެ ނޭގޭ ކަންތައްތަކެއް ވާކަން ކުރިންވެސް އެނގެއެވެ. އެހެން ކުދިންނާ ތަފާތުކަމުގެ އިހުސާސް ކުރެވެއެވެ. މިހާރު އެކަން ޔަގީންވީއެވެ. ހާޖަރުއަކީ އެހެން ކުދިން ކަހަލަ ކުއްޖެއްނޫނެވެ. ހާޖަރު އެހެން ކުދިންނާ ތަފާތުވީ ކީއްވެކަމުގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އެއީ އިންސާނެއްނޫނެވެ. ދޮންގޮމަ ހިތުގައި އިންތިހާ ދަރަޖައިގެ ބިރުވެރިކަން ހިނގައިލިއެވެ. ނަމަވެސް ހިނދުކޮޅަކަށެވެ. އެތައް އަހަރުތަކެއް ވާންދެން ހިތުގައި އުފެދެމުންއައި ލޯތްބާއި ކުލުނު އެ އިހުސާސްގެ މައްޗަށް ކުރި ހޯދައިފިއެވެ. އިންސާނަކަށް ވިޔަސް ނުވިޔަސް އޭނަ ހާޖަރު ދާކަށް ބޭނުމެއް ނޫނެވެ.
އަމާންކަމާއެކު އެތައް ދުވަހެއް ފާއިތުވެގެން ހިގައްޖެއެވެ.
ހާޖަރު އޭނަގެ މަސައްކަތުގައި ދޮންގޮމަ މެންނާއެކު އެގޭގައި އުޅުނެވެ. ހަގީގަތުގައި ދޮންގޮމަ ނުރުހިދާނެތީ ހާޖަރު ބިރުވެސް ގަނެއެވެ. އުމުރުން ދުވަސްވުމުން ބައެއްފަހަރު ފިރިހެންދަރިން ކުރާ ކަންތަކާ ރުޅިއައިސް ބަސް ބުނާތީ އެކަމާ ހާޖަރު ކަންބޮޑުވެއެވެ. ކުރާ ކޮންމެ ކަމެއް އެހާ ފަރުވާތެރިކަމާއެކު ކުރަނީ ދޮންގޮމަ ރުއްސާށެވެ. އެހެންނޫންނަސް އޭނަގެ ހުރިހާވެސް މީހަކީ ދޮންގޮމައެވެ.
މިއަދު ދޮންގޮމަ އިނީ ބަނާރަސީ ކަސަބުން ޖަރީކޮށްފައިވާ ރަތްކުލައިގެ ލިބާހެއް ލައިގެން ނިކަން ރީތިވެގެންނެވެ. ބުރުގާގައި ޖަހާފައިވާ ރަން ކަށިވެސް ވިދައެވެ. ކަރުގައި ރަންކުލައިގެ ފައްޓަރުބައި އަޅާފައި އޮތުމުން އަދި ވަކިން ޝާހީގޮތެއް ހުއްޓެވެ. އެ ހެދުމަކީ ހާޖަރު ކަސަބުން ހިރުގަތައިގެން ބޯވަޅު އެޅި ހެދުމެކެވެ. ދޮންގޮމަ ރޯނުން ގަތާފައިހުރި ޖޯއްޔެއްގައި އޮށޯވެލާ ދުފާ މަޑިސީލައިން ރަގަޅަށް ދުފާލާ އަނގަ ރަތްކޮށްލައިފިއެވެ.
"މަންމަ ވަރަށް ނަލަ.." ހާޖަރު ބަސް މަދުވިޔަސް އެގޮތަށް މަދު މަދުން ބުނެލާ ބަސްތައް ދޮންގޮމައިގެ ހިތުގެ ތަސައްލީއަކަށް ވެއެވެ.
"ކޯނޗެއް ހަދަން ގަބުޅި ގާނަނީ......" ހުނިގޮނޑިމަތީގައި ދެފައި އެއްފަރާކަށް ލައިގެން ފަރިތަކޮށް ގަބުޅިގާނަން އިން ހާޖަރުއަށް ނަޒަރު ހުއްޓާލަމުން ދޮންގޮމަ އެހިއެވެ.
"ހުނި ހަކުރު ހަދަން.."
"ސާބަހޭ މަންމަ ޖަވާހިރާ..." ދޮންގޮމަ ދެލޮލަށް ކަރުނަ އަތުވެއްޖެއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ރޭ އޭނަގެ ބޯ މޮޑެދޭން ހާޖަރު އަނެއްފަރާތު ބޮޑުއަށިމަތީ އޮތް ފިރިމީހާއާއި ދެއްކުނު ވާހަކައެއްގެ ތެރޭ އޭނަ ހުނިހަކުރު ރަހަބަލާނުލާ ދުވަސްކޮޅެއް ވެއްޖެކަމަށާ ކާހިތްވާ ވާހަކަ ބުނީއެވެ. އެއިނީ ހުނިހަކުރު ހަދަން ތައްޔާރުކޮށްގެންނެވެ. މިއީ މާތްﷲ ފޮނުއްވި ރަހުމަތެކެވެ. އިންސިއަކުވެސް މިހާ ޚިދުމަތްތެރިވެފައި މުރާލިއެއް ނުވާނެއެވެ. މިހާ އަޅައެއްނުލާނެއެވެ.
ހުނިހަކުރުހަދަން ގަބުޅި ގާނާފައި ކާށްޓެއްގެ ހުނިފެލައިލުމަށްފަހު ތަގަރި ހިފައިގެން ގަސްތަކާއި ދިމާލަށް ހާޖަރު ވަނެވެ. ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އިވިގެން ދޮންގޮމަ ދެފަޔަށް ބާރު ލާފައި ހިނގައިގަތީ ހާޖަރުއަށް ކަމެއްވީ ކަމުގައި ހިތާއެވެ.
"ހާޖަރު ހާޖަރު." ދޮންގޮމައަށް ގޮވައިލެވުނީ މާ ބާރަކަށެވެ. ކޮންމެހެން ރުޅިއަކުން ނޫނެވެ.
އެދިމާލަށް ނުކުމެވުނުއިރު ރުކުގައި ޖެހީނުން ބިނދިފައިވާ ތަގަރިން ހުނިތައް ފަސްތަކުގެ މައްޗަށް އެޅިފައި ހުއްޓެވެ. ހާޖަރުގެ ދެލޯ ތަންމިނަށް ހުޅުވައިގެން ބަލަން ހުއްޓެވެ. ހުރިހާކަމެއް ނިކަން ފަރުވާތެރިކަމާއެކު ތަރުތީބުންކުރާ ކުއްޖާގެ އަތުން މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.
"އެއީ މާ ބޮޑުކަމެއްނޫނެއްނު. ބައްޕަ މީގެ އެއްޗެއް ވަޑާން ގެއިން ގެނެސްދީފާނެ.." ބިރުގެންފައި ހުރި ހާޖަރު ރުއްސާލަން ދޮންގޮމަ ބުނެލިއެވެ . ނަމަވެސް ސިކުންތުކޮޅަކަށްވެސް މަޑުކޮށްނުލާ ގަސްތަކުގެ ތެރެއަށް ދުވެފައިގޮސް އޭނަ ގެއްލުނެވެ. ދޮންގޮމަ ހީކުރީ އެހާ ފުރިހަމައަށް ކަންތައް ކުރަމުންދަނިކޮށް އެކްސިޑެންޓެއް ހިނގުމުން ލަދުގަތީކަމަށެވެ. އޭނައަށް ނޭގުނީ މިއީ އޭނައަށް ހާޖަރު ފެންނާނެ އެންމެ ފަހު ފަހަރުކަމުގައެވެ.
ދޮންގޮމަ އެތައް ދުވަހެއްވާންދެން ހާޖަރުއަށް އިންތިޒާރުކުރިއެވެ.
ރޭގަނޑުގައި އިތުރު ބައްތިއެއް ދިއްލާލައިގެން ނޫނީ އަލިފާން ގަނޑެއް ދޮރުމަތީ ޖަހާލައިގެން ގޯޅިގަނޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިންނަނީ އެކުޑަ ކުޑަ ކުއްޖާ އެނބުރި އައިސްދާނެކަމުގެ އުއްމީދުގައެވެ. އެކަމަކު ހިތާމަ ހުއްޓެވެ. ހާޖަރު އެއް ނައެވެ. ދޮންގޮމަ އޭނަގެ ފިރިމީހާ ގާތު ހާޖަރުގެ ހަގީގަތް ފައުޅުކުރުމުން ފިރިމީހާ ބުނީ އެމީހުން ސަލާމަތްވީ ނަސީބު ރަގަޅުކަމުން ކަމަށާއި އެކުއްޖާ ނެތުމުން އުފާ ކުރާކަމުގައެވެ. އެކަމަކު އެދެމަފިރިންނަށް އަންހެންދަރިއަކު ލިބިފައިނުވާތީ އެކުއްޖާއާއިމެދު ބައްޕައެއްގެ ގޮތުގައި ދެކެވި އެ އިހުސާސްތައް ހިތުގައި އޮތްކަން އެނގޭނީ ހަމައެކަނި އޭނައަށެވެ.
އެކަމަކު ދޭތެެރެއަކުން އޭނަ އުޅޭކަމުގެ އިހުސާސް ކުރެވެއެވެ. އެއްރޭ ދޮންގޮމަގެ ފިރިމީހާ ގަދަޔަށް ބޮލުގައި ރިއްސާތީ އުޅުނެވެ. ކުޑަ ދެއަތުން އޭނަގެ ބޯ މޮޑެދޭންފެށިއެވެ.
"މިކުއްޖާ މިތާ ކީއްކުރަނީ؟ މިތަނުން ދޭ. އަހަރެމެން އެކަނި ހާލަށް އުޅެން ދޫކޮށްލާ.." އޭނަ އަޑުލިޔަސް ހިތުގައިވީ ކުލުނެވެ. ދަރިފުޅަކީ ހަންޑިކުއްޖަކަށްވިޔަސް ކޮންފަދަ އަޅާލުމެއް ހެއްޔެވެ؟ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ އޭނަގެ ލޮލަށް ކަރުނަ އައެވެ.
މަޑުމަޑުންގޮސް ހާޖަރު އުޅޭކަމުގެ ހުރިހާ ނިޝާންތައް އެގެއިން އެއްކޮށް ފިލާ ހިގައްޖެއެވެ. އެމީހުންނަށް އެއްގޮތަކަށްވެސް އެކުއްޖާ އުޅޭކަމެއްގެ ހިލަމެއްނުވެއެވެ. އެންމެ ފުން ހިތާމައެއް ލިބުނީ ދޮންގޮމައަށެވެ. ކިތަންމެ އުދަގޫކަމަކަށްވިޔަސް ފަންވަތެއްގައި ދޮންގޮމަ ސިޓީއެއް ލިޔުނެވެ.
"ލޯބިވާ ހާޖަރު. ތިއީ މި މަންމަގެ އަންހެންދަރިއެއްފަދަ. ދުވަހެއްގެ ކޮޅުންވެސް އެނބުރި އަންނަން ބޭނުންވެއްޖެއްޔާ ނޫނީ އެކަނިވެރިކަން އިހުސާސްވަންޏާ އަހަރެން މިހިރީ. އެކަމަކު މާ ގިނަ ދުވަހަކަށް އަހަރެންވެސް މިތާ ހުންނާނެހެން ހިޔެއްނުވޭ. ކޮންމެ ތާކު އުޅުނަސް އުފަލުގައި އުޅެއްޗޭ. ތިއީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ....."
ދޮންގޮމަ އެ ފަންވަތް ފުޅިއަކަށް ލާފައި މޫދަށް ދޫކޮށްލުމުން ރާޅުތައް މަޑުމަޑުން އެ ފުޅި ދުރަށް ގެންގޮސް ކަނޑަށް ފޯރުކޮށްފިއެވެ. ދޮންގޮމައިގެ ދެލޯ ކަރުނުން ފުސްވިއެވެ.
ދޮންގޮމަ ނިޔާވެގެން ވަޅުލި ދުވަހުގެ ރޭ ކަށިކެޔޮވަލުގެ ތެރެއިން ކުޑަކުއްޖެއްގެ ރުއިިމުގެ އަޑުން އަވަށްޓެރިންގެ ގައިން އެރޭ ހީބިހި ހަލުވައިލިއެވެ. އެއީ ދޮންގޮމަ ގެންގުޅުނު ކުޑަ ހާޖަރުކަން އެނގި އެތައް ބަޔަކަށް އަސަރުކޮށް ހިތްފަޅައިގެންދާ ވަރުވީއިރު ބިރުން ހުންއައި މީހުންވެސް ތިއްބެވެ. ދޮންގޮމައާއި ހާޖަރުގެ އޮތް ހަހަރުވެތި ގުޅުން އެންމެ އެނގޭ ބަޔަކީވެސް އަވަށްޓެރިންނެވެ. އެރޭގެ ފަހުން އެތައް އަހަރެއްވާންދެން ހާޖަރު އެހިސާބުން ފެނިފައިވިއެވެ. ވިދުވަރެއްހާ ބާރަށް ފުޅައް ހުރަސްކޮށް އެގޭ ވަލުތެރެއަށް ވަންނަ ތަނެވެ. ނަމަވެސް އެއްވެސް މީހަކަށް ގޯނާކޮށް އުދަގޫކޮށްފައެއް ނުވެއެވެ. ދޮންގޮމަގެ ހަންޑީގެ ނަމުގައި ހާޖަރު އަދި އަދަށްދާންވެސް މަޝްހޫރުވެފައިވެއެވެ.
މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އާއިލާ ކުއްޖަކު ލިޔުނު ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ.
ނިމުނީ