ކުޑަކުދިން ބަންދު ދުނިޔެއެއްގައި، ވާހަކަދައްކާ ހައްލު ހޯދާ!

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ކޮންމެ ހުކުރު، ހޮނިހިރަކީ ކުޑަ ކުދިންނަށް އީދު ދުވަހެކެވެ. ރައްޓެހިންނާއި އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކޮށް ޕާކަށް ގޮސް ކުޅެލާ، މޫދަށް އެރި މަޖާކޮށްލެވެ އެވެ. ރޯދަ މަސް ނަމަ، ބައްޕަ އާއެކު ނޫނީ ބޭބެމެންނާއެކު ފިނިބުރު ޖަހާލަން ގޮސް، މަޑި އަރުވަން ދެވެ އެވެ. ތޮށިގަނޑުމައްޗަށް ނަނުއެއްލަން ކާފައާއެކުދެވެ އެވެ.

މިއީ ކޮރޯނާ ވައިރަހުގެ ބޯ ވިލާގަނޑު ބޯމަތިވުމުގެ ކުރިން، ކުޑަކުދިން އުޅެމުން އައި އުފާވެރި ދުނިޔެ އެވެ. އެކަމަކު ވައިރަހުގެ ބިރާ އެކު ކުޑަކުދިން ވެސް ގޭގައި ބަންދުވެއްޖެ އެވެ. ވައިރަހުގެ ބިރު ކުޑަކުދިންނަށްވެސް އޮތްއިރު، ދަރިން ރައްކާތެރި ކުރުމަށް ގެއިން ބޭރަށް ނުނެރެ ގެންގުޅެން މި ވަނީ މަޖުބޫރުވެފަ އެވެ. ސްކޫލްތައް ބަންދުވެ، ދަރިން އެތައް ދުވަހެއް ގޭގައި ބަންދުވެފައި ތިބެން ޖެހުން މިއީ އާދައިގެ ކަމެއް ނޫނެވެ. ނޭނގިވެސް ކުދިންނަށް މިކަމުން ކުރާނެ އަސަރު ވަރަށް ބޮޑުވެދާނެ އެވެ.

ލޮކްޑައުންގެ މަޖުބޫރީ ހާލަތުން ކުދިންގެ ނަފްސީނީ ދުޅަހެޔޮކަމަށް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ މި އަސަރު ކިހާ ދުވަހަކަށް ދެމިގެން ހިނގައިދާނެ ހެއްޔެވެ؟

މެއި 10، 2019: އުސްފަސްގަނޑު ސަރަހައްދުގައި މަޑި އެރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބިރުވެރިކަމާއި ލޮކްޑައުންގައި އަބަދު ތިބެން ޖެހުމުން ބޮޑެތި މީހުންނަށްވެސް ނަފްސާނީގޮތުން އަސަރު ކުރެ އެވެ. އެކި އުމުރުފުރައިގެ މީހުންނަށް މިކަމުގެ އަސަރު ކުރަނީ އެކި ގޮތަށް އެކި މިންވަރަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ، މެންޓަލް ހެލްތް ސެންޓަރުގެ ސައިކޮލަޖިސްޓް، ޑރ. އާފިޔާ އަލީ ވިދާޅުވި ގޮތުގައި ގޭގައި ބަންދުވެފައިތިބެން ޖެހުމުން އެންމެ ބޮޑު އަސަރެއް ކުރާނީ ނަފްސާނީ ގޮތުން މި ކަންތައް ބަލައިގަންނަން އުނދަގޫވާ ކުދިންނަށެވެ. އެފަދަ ކުދިން މިކަހަލަ ކަންކަމާ ވިސްނާ މިންވަރު އިތުރުވާނެ ކަމަށާއި އެކަމުގެ ސަބަބުން ބިރުގަނެ، ހާސްވުން ފަދަ ކަންތައް ދިމާވެދާނެ ކަމަށް، ޑރ. އާފިޔާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ކުޑަކުދިންނަށް މިކަމުގެ ސަބަބުން ކުރާ އަސަރާއެކު އެކުދިންގެ އުޅުމަށްވެސް ބަދަލު އަންނާނެ ކަމަށެވެ. ގެއިން ބޭރަށް ނުނިކުމެ، އަބަދު ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ރުޅިގަދަވުން ފަދަ ކަންތައް މެދުވެރިވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

ޑރ. އާފިޔާ ވިދާޅުވި ގޮތުގައި ހާލަތާމެދު ބޮޑަށް ފިކުރުކޮށް ވިސްނާާ ކުދިންނަށް ސްޓްރެސް ބޮޑުވެ ނިދުމަށް ދަތިވެ، ކެއުމަށްވެސް ބުރޫ އަރާނެ އެވެ. މީގެ އިތުރުން ހޮޑުލަވާފައި ހުރުމާއި އަބަދު ބޮލުގައި ރިއްސުން ފަދަ ކަންތައް ކުދިންނަށް ދިމާވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

މިިދިޔަ ރޯދަމަހު ކުޑަކުއްޖަކު މަޑިއަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޮކްޓަރުގެ އިރުޝާދަކީ ކުދިންގެ ފަރާތުން މިފަދަ ކަންތައްތައް ފެނޭތޯ ބެލެނިވެރިންގެ ފާރަވެރިވުމެވެ. ކުދިންގެ ފަރާތުން އެފަދަ އަލާމާތްތައް ފެނި އަޅާ ނުލެވި "ސިވިއާ ވެއްޖެނަމަ،" ފަހުން ނަފްސާނީ ބަލީގެ ޝިކާރައަކަށް ދަރިފުޅު ވެގެން ހިނގަދާނެ ކަމަށް ޑރ. އާފިޔާ ލަފާކުރައްވަ އެވެ.

ކޮވިޑްގެ މިހާލަތާ ގުޅިގެން މައިންބަފައިންނާއި އާއިލާ އަދި ބެލެނިވެރިން ރިއެކްޓު ކުރާގޮތަކީވެސް އޭގެ ސަބަބުން ކުދިންނަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. އެހެންވެ، ކުދިން ހިތްހަމަ ޖައްސައި ދިނުން މުހިންމެވެ.

"މި ހާލަތުގައި ކުދިންނަށް މެންޓަލީ ކުރާ އަސަރު ބޮޑުވާނެ. އެކަމަކު އެކި ކުދިންނަށް އަސަރު ކުރާ މިންވަރު ތަފާތުވާނެ. މިސާލަކަށް އެގްޒިސްޓިން މެންޓަލް މައްސަލައެއް ހުންނަ ކުއްޖެއްނަމަ މިހާލަތުގައި އެކުއްޖާ އަށް ކުރާ އަސަރު ބޮޑުވާނެ،" ޑރ. ވިދާޅުވި އެވެ.

ކުދިންނަށް ސްކޫލަށް ނުދެވި ގިނަ ދުވަސްވުމަކީ އޭގެ ނަފްސާނީ އަސަރު ކުޑަކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުން، ސްކޫލުތައް ބަންދުވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ އުނގެނުމުގައި ދަތިތައް ދިމާވާ ކުދިން ނުވަތަ ލާނިން ޑިފިކަލްޓީސް ހުންނަ ކުދިންނެވެ. ސްކޫލުތަކުގައި މިކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ކިޔަވައިދިން ނަމަވެސް ގޭގައި ތިބެންޖެހުމުގެ ސަބަބުން އުނގެނުމުގައި ކުދިންނަށް ލިބެންޖެހޭ އެކަށީގެންވާ ސަމާލުކަމެއް ނުލިބެ އެވެ. މިއީ ނަފްސީ ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކުޑަކުދިންނަށް ހާއްސަ ސައިކޮލޮޖިސްޓް ޑރ. އާފިޔާ ވިދާޅުވާ ގޮތުގައި ކުދިން އަލުން ސްކޫލަށް ދާން ފެށުމުން ބައެއް ކުދިންގެ އުނގެނުމުގެ ހުނަރު "ފަހަތަށް ހިނގައިދާނެ" އެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކުޑަކުދިންނަށް ދެން އޮތް "ރިސްކަކީ" މި ހާލަތުގައި އަބަދު ކޮރޯނާ ވައިރަސްގެ ވާހަކަތައް މީޑިއާގެ އެކި ވަސީލަތްތަކުންނާއި އެހެން ގޮތްގޮތުން ކުދިންނަށް އިވުމުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުމެވެ.

"މި ވާހަކަތަކަށް ކޮންޓިނުއަސްކޮށް ކުދިން އެކްސްޕޯސްވާނަމަ، އެކުދިންގެ އެންޒައިޓީ އިތުރުވާނެ. ބިރު ގަންނަ ވަރު ބޮޑުވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ.

މި ކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތަކަކީ ކޮބައި ހެއްޔެވެ؟

ޑރ. އާފިޔާގެ ދެކެވަޑައިގަންނަވާ ގޮތުގައި ކުދިންގެ އުމުރާ އެކަށޭނަ ގޮތަކަށް މި ހާލަތުގެ ވާހަކަ ކުދިންނަށް ކިޔައިދެވިދާނެ އެވެ. ވައިރަހުގެ ނުރައްކާ ކަމާއި އެކަމުން ކުރިމަތިވާ ކަންތައްތައް ކިޔައިދެވިދާނެ އެވެ. މިހާލަތާ ގުޅިގެން އެކުދިންގެ ހިތުގައި ހުންނަ ސުވާލުތައް އަޑުއަހާ ޖަވާބު ދިނުން އަދި މާ މުހިންމެވެ.

"ބައެއް ކުދިންނަކީ އަމިއްލަ އަށް އަމިއްލަ އިހުސާސްތައް ކިޔައިދޭނެ ކުދިންނެއް ނޫން. އެކުދިންނާ އަމިއްލަ އަށް ސުވާލުކޮށްގެން ކުދިންގެ ހިޔާލުތައް އޮޅުންފިލުވިދާނެ. ކުދިންގެ ސުވާލުތަކަށް ޖަވާބު ދޭންވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ވާހަކަތަކުން ކުދިންގެ ސިނކުޑި ދުުރުކުރުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ހޯމް ސްކޫލިން ނޫނީ ގޭތެރޭގައި ކުދިން އުގެނުމަށް ބާރު އެޅުމެވެ. އޭގެ ތެރޭގައ ސިނކުޑި މުއްސަދި ކުރާ މައުލޫމާތު ލިބިދޭ ގޭމުތައް ކުޅެލެވިދާނެ އެވެ.

ޑރ. އާފިޔާ ފާހަގަ ކުރައްވާ ގޮތުގައި، ސްކްރީނުން ކުދިން ދުރުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސްކްރީން ޓައިމް ލިމިޓް ކުރުން ވަރަށް މުހިންމެވެ.

"ކުދިކުދި ތަންތާ އުޅޭއިރު މާބޮޑު ފިޒިކަލް އެކްޓިވިޓީސް ނުގެންދެވިދާނެ. އެކަމަކު އެކުދިންނާއެކު އިށީނދެ، ކުރަހާ ކުލަޖައްސާލާ ހެދިދާނެ. ކޮންމެވެސް ކްރިއޭޓިވް ކަމެއް ކޮށްލާ، މިއީ އުނގެނުމުގެ އިތުުރުން އާއިލާ އެކުގައި ހޭދަކުރެވޭ މަޖާ ވަގުތަކަށް ހެދިދާނެެ،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ މިހާލަތުގައިވެސް ކުދިން ހެލިފެލިވެ އުޅުމަށް ބާރު އަޅަން ޖެހެ އެވެ. ނަފްސާނީ ދުޅަހެޔޮކަމާ އެއްވަރަށް ކުދިންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދެެމެހެއްޓުމުގެ މުހިންމުކަން ވެސް މި ވަނީ ބޮޑުވެފަ އެވެ.

ކުޑަކުއްޖަކު ޓެބްލެޓް ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފިޒިކަލް އަދި ސައިކޮލޮޖިކަލް ވެލްބީން މި އޮންނަނީ ކަނެކްޓް ވެފައި، މިހެންތިބޭއިރު ފިޒިކަލީ ކުދިން އެކްޓިވް ކުރަން އެބަޖެހޭ. ސްކިޕިން ރޯޕް އެއް ކަހަލަ އެއްޗަކުން ސްކިޕް ކޮށްލުން، ކުދިންގެ އުމުރާ ގުޅޭ ކޮންމެވެސް ކަހަލަ އެކްސަސައިޒެއް ކުުރުވުން މިއީ މުހިއްމު ކަމެއް. އޮންލައިން އެކްސަސައިޒަސް އެކްސްޕްލޯކޮށް ކުދިންނާ ބައިވެރިވެގެން ކުރެވިދާނެ،" ޑރ. ވިދާޅު ވިއެވެ.

އެކުވެރިންނާއި އާއިލާ މީހުންނާ ބައްދަލު ނުވިނަމަވެސް ވީޑިއޯ ކޯލުގެ ޒަރިއްޔާ އިން ނުވަތަ ފޯނު ކޯލުގެ ޒަރިއްޔާއިން ކުދިންނާއި އެމީހުން ގުޅުވައި ދިނުމަކީވެސް މިހާލަތުގައި މުހިއްމު ކަމެކެވެ. މި ހާލަތުގައި އަންނަ މުހިއްމު ދުވަސްތައް ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ފަހަގަކޮށްލުމަކީ އެކުދިންނަށް ގެނެސްދޭނެ ހިތްހަމަ ޖެހުމެއް ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

"ވަރަށް މުހިއްމުކަމެއް ކުދިންނަށް މިހާލަތުގައި ޕޮޒިޓިވް އެކްސްޕީރިއަންސެއް ހޯދައިދިނުމަކީ. ސޯޝަލް އިންޓަރެކްޝަން މުހިއްމު، މިސާލަކަށް ބާތްޑޭ ސެލެބްރޭޓް ކޮށްލެވިދާނެ ވީޑިއޯ ކޯލެއް މެދުވެރިކޮށް. އާއިލާ އާއި ރައްޓެހި ކުދިންނާ ގުޅުވާލަ ދެވިދާނެ،" ޑރ. ވިދާޅުވި އެވެ.

މިއީ ނިއު ނޯމަލް އަކަށް ކުދިން ހާނުވަންވީ ވަގުތެވެ. ގޭތެރޭގައި އުޅޭއިރު ކުދިން ފޫހިވިޔަ ނުދީ ކޮންމެވެސް ކަމެއްގައި ޝާމިލު ކުރުމާއި، އެކުދިންގެ އުމުރާ ގުޅޭގޮތުން ގޭގެތޭގެ ކަންތައްތަކުގައި ބައިވެރިކޮށް ހުނަރު ދަސްކޮށްދިނުމަކީ މިހާލަތުގައި މުހިއްމު ކަމެކެވެ.

ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުުރުމަށް މިހާލަތުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަންވެސް މުހިއްމެވެ. ބެލެނިވެރިން ހާސްވެ ކަންބޮޑުވެގެން އުޅޭނަމަ ކުދިންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާނެ އެވެ.

ހަމަޖެހިލާށެވެ! އެއަށް ފަހު ކުދިންނާ ވާހަކަ ދައްކައި ކުދިންގެ އުމުރާ ގުޅޭގޮތުން ހާލަތާ ގުޅޭ މައުލޫމާތު ކިޔައިދޭން ފަށާށެވެ. ހާލަތު ބަދަލުވަމުންދާ ގޮތާއި ކުރީގެ ދިރިއުޅުމަށް ނުދެވުނަސް، މިހާލަތަށް ހޭނި ދިރިއުޅުން ކުރިއަށްގެންދަންވީ ގޮތުގެ ވާހަކަތައް ކުދިންނަށް ކިޔައިދީ "ނިއު ނޯމަލް"އަކަށް ދަރިން ހާނުވާށެވެ.

comment ކޮމެންޓް