އިސްލާމް ދީނުގެ ހިމާޔަތުގައި މުޅި ރާއްޖެ އިން ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވި: މަދަނީ އިއްތިހާދު

އިސްލާމް ދީނުގެ ހިމާޔަތުގައި ރާއްޖޭގެ އެކިކަންކޮޅުގައި އިއްޔެ ކުރި ބޮޑު މުޒާހަރާގައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.

މަދަނީ އިއްތިހާދުގެ ފަރާތުން އިއްޔެ ބޭއްވި ބޮޑު މުޒާހާރާގައި ވާހަކަ ދައްކަވަމުން މުޒަހާރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަބުދުﷲ މުހައްމަދު ވިދާޅުވީ މުޒާހަރާގައި ހީކުރިވަރަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެފައިވާ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުން މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފޯކަލް ޕޮއިންޓްތަކުން މައުލޫމަތުލިބޭ ގޮތުގައި މުޒާހަރާގައި ލައްކަ އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވޭ،" އަބުދުﷲ ވިދާޅުވި އެވެ.

އިސްލާމް ދީން ހިމާޔަތްކުރުމަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ވެސް 20000 ހާސް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މުޒާހިރާގެ އިންތިޒާމް ކުރުމުގެ ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ބެހުމުގެ ގޮތުން 15000 އަށް ވުރެ ގިނަ ގައުމީ ދިދަ ގެނައި ކަމަށާއި، އެ ދިދަތައް މުޒާހަރަގެ ބައިވެރިންނަށް ބަހައި ހުސްވި އިރު ދިދަ ނުދެވޭ އެތައް ބަޔަކު ތިބިކަމަށެވެ.

އިއްޔެ ހަވީރު 4:00 ފެށިގެން ރޭގަނޑު12:00 ޖަހަންދެން ކުރި މުޒާހަރާގައި ރާއްޖޭގެ އިދިކޮޅު ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ވަނީ ސަރުކާރުން އިސްލާމް ދީނާ ދެކޮޅަށް ކުރަމުން ގެންދާ އެކިއެކި ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި އަޑުއުފުލާފަ އެވެ.
އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގޮތުން ސަރުކާރުން ހިންގާ ކަންތައްތައް ހުއްޓާލުމަށް ސަރުކާރަށް ވަނީ މުޒާހިރާގެ ބައިވެރިން ވަގުތު ދީފަ އެވެ.

އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަމަކީ، ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގެ ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.

މުޒާމުޒާހަރާގެ ފަސް ޑިމާންޑާ ބެހޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ރޭ ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ފަސް ޑިމާންޑާ މެދު ސުވާލު އުފެދެނީ އެ ޑިމާންޑުތައްކޮށްފައި ވަނީ މަދަނީ އިއްތިހާދުންތޯ ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީތަކުންތޯ އަދި މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރި ޑިމާންޑުތަކެއްތޯ ސަރުކާރަށް ސާފުނުވާތީ ކަމަށެވެ. އަދި އެ ޑިމާންޑްތަކަކީ ސަރުކާރަށް އާ ޑިމާންޑުތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ވެސް ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތަކެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި އެ ޑިމާންޑްތަކަށް ސަރުކާރުން އަމަލު ކުރާނެ ކަމުގެ ޔަގީންކަމެއް ޒުހައިރު ނުދެއްވަ އެވެ.

ރޭގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކަށް ރައީސް ނަޝީދު އިޖާބަ ނުދެއްވައިފި ނަމަ ދެން ނުކުންނަ ބޮޑު މުޒާހަރާގައި ސަރުކާރު ވައްޓާލަންޖެހިދާނެ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ. އަދި ދީނާ ކުޅެން ސަރުކާރުން އުޅެފިނަމަ ރައްޔިތުންގެ އުތުރި އެރުން އެއްވެސް ބަޔަކަށް ކޮޓްރޯލް ނުކުރެވޭނެ ކަމަށް ޝެއިހް އިލްޔާސް ހުސައިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު