އަންނަ ހަފްތާވެސް ހޯމަ އަދި ބުދަ ދުވަހު ބީއެމްއެލްގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކުރިއަށް އޮތް ހަފްތާގައިވެސް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ހޯމަ އަދި ބުދަ ދުވަހު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ދެ ދުވަހު ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ބޭންކް ހުޅުވާފައި ހުންނައިރު ހަަތަރު ހިދުމަތެއް ދޭ ގޮތަށް ވަނީ ނިންމައިފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދިވެރިކޮށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.

މުވައްޒަފުންގެ މުސާރަވެސް ޖަމާކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking-services/payroll-service މެދުވެރިކޮށް ލިބެއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ބުނީ ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ.

ބީއެމްއެލްއިން ބުނީ ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށެވެ. އަދި ހެނދުނު 11.30 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް